Roadha Mihaaru
ވޮލީ ޓީމު ތައްޔާރު، ހިތްވަރު ހޯދީ ފޯ ނޭޝަންސް ކަޕުން

ޓީމު ތައްޔާރު، ހިތްވަރު ހޯދީ ފޯ ނޭޝަންސް ކަޕުން: ހައްވަ

22 މެއި 2023

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު އޮތީ އެ މުބާރާތަށް ތައްޔާރު ވެފައި ކަމަށާއި އަމާޒަކާ އެކު، މުބާރާތަށް ތައްޔާރުވީ މި އަހަރު ރާއްޖޭގައި އޮތް ފޯ ނޭޝަންސް ކަޕްގައި ލިބުނު ސަޕޯޓުން ހިތްވަރު ލިބިގެން ކަމަށް، ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު އޮތީ އެ މުބާރާތަށް ތައްޔާރު ވެފައި ކަމަށާއި އަމާޒަކާ އެކު، މުބާރާތަށް ތައްޔާރުވީ މި އަހަރު ރާއްޖޭގައި އޮތް ފޯ ނޭޝަންސް ކަޕްގައި ލިބުނު ސަޕޯޓުން ހިތްވަރު ލިބިގެން ކަމަށް، ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ބުނެފި އެވެ.

ރާއްޖެ އިން ވަނީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ފޯ ނޭޝަންސް ކަޕްގައި މެލޭޝިއާ އާއި ސިންގަޕޫރާ ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ. އެ ކާމިޔާބީ ހޯދީ ފައިނަލްގައި ސިންގަޕޫރާ ދެކޮޅަށް ފަސް ސެޓް ކުޅެގެންނެވެ. ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެ މުބާރާތުގައި ގައުމީ ޓީމަށް ބޮޑު ތަރުހީބެއް ލިބުނެވެ.

"ހަމަ އެ ރޫހުގައި އަދިވެސް ޓީމު އޮތީ ވަރަށް ފޯމުގައި. ހުރިހާ ޕްލޭޔަރުން ވެސް ބޭނުން ވަނީ މެޑަލް އެއް. އިރާދަ ކުރެއްވިއްޔާ އެ ހިސާބަށް ދެވޭތޯ މަސައްކަތް ކުރަނީ،" ފޯ ނޭޝަންސް ކަޕްގައި ލިބުނު ތަރުހީބު ފާހަގަ ކުރަމުން ހައްވަ ބުންޏެވެ.

"ބުނެވޭނީ ހަމަ ފޯ ނޭޝަންސްގައި އެ ދިން ސަޕޯޓު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނި، އެ އިންނޭ އަޅުގަނޑުމެން ހިތްވަރު ހޯދައިގެން މި މުބާރާތަށް މި އައީ."

ފޯ ނޭޝަންސް މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ތަޖުރިބާކާރު ދިވެހި ކޯޗު، އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ. އެ މުބާރާތަށް ފަހު ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ވަނީ މި އަހަރުގެ ބާކީ ހުރިހާ މުބާރާތަކަށް އަންހެން ޓީމުގެ ކޯޗަކަށް ތައިލެންޑްގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ހަމަޖައްސައިފަ އެވެ.

އަންހެން ވޮލީ ޓީމުގެ ކޯޗު ވިޗީޕޮން.--

އަންހެން ވޮލީ ޓީމުގެ ކޯޗު ވިޗީޕޮން.--

އާ ކޯޗު ވިޗީޕޮންއާ އެކު، ގައުމީ ޓީމުން ވަނީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފަށައިފަ އެވެ. ކޯޗު ބުނީ، މެޗުގައި ފޯކަސް ގެއްލުވާ ނުލައި މަސައްކަތް ކޮށްފި ނަމަ ބޭނުންވާ ކަންތައް ހާސިލް ކުރެވޭ ފެންވަރު ޓީމުގައި އެބައޮތް ކަމަށެވެ.

"އަހަރެމެން މި އައީ ގާތްގަނޑަކަށް އެއް މަހާއި 20 ދުވަހުގެ ތައްޔާރީތަކާ އެކު. މުބާރާތަށް ތައްޔާރުވާން. ކުޅުންތެރިންގެ ފިޓްނަސް އަށް މަސައްކަތް ކުރިން. ޓެކްނިކަލީ ޓީމަށް ބަދަލެއް ގެންނަ ނަމަ އެ ކަންކަމަށް ތައްޔާރު ވެގެން މި ތިބީ. އެޓޭކް ކުރުމާއި ޑިފެންސްގައި އޮޕްޝަން ތަކެއް ހުރުން އަހަރެމެންނަށް މުހިއްމު،" ކޯޗު ވިޗީޕޮން ބުންޏެވެ.

"ފުރަތަމަ މެޗު އޮތީ ކަޒަކިސްތާނާ އެކު. އެ ޓީމުގެ ކުޅުންތެރިން ވަރަށް ދިގު. ޓީމުން ފޯކަސް ކުރަން ޖެހޭ ސާވިސްތަކަށް، އެއީ ވަރަށް މުހިއްމު ކަމެއް. ދެން ރިސީވްތައް ރަނގަޅު ކޮށްފައި މެޗު ތެރެއިން ރަނގަޅު އެޓޭކް ތަކެއް ކުރުން މަތީ ދެމިތިބެން ޖެހޭ."

މުޅި އެކު 8 ޓީމު ވާދަކުރާ މުބާރާތުގައި ރާއްޖެ ހިމެނެނީ ކަރަކިސްތާނާއި އުޒްބަކިސްތާން އަދި ސްރީ ލަންކާއާ އެކު ގުރޫޕް ބީގަ އެވެ. ކޯޗު ބުނީ އުޒްބަކިސްތާނާއި ސްރީ ލަންކާ ޓީމު މާ ބޮޑަށް ނޭނގުނަސް، މިއަދު އެ ދެ ޓީމު ބައްދަލުކުރާ މެޗުން ކޮންމެވެސް ވަރަކަށް ދެ ޓީމު ދެނެގަނެވޭނެ ކަމަށެވެ.

ރާއްޖެ އާއި ކަޒަކިސްތާން ބައްދަލުކުރާ މެޗު ކުޅޭނީ މިއަދު ރާއްޖެ ގަޑިން ހަވީރު 6:15 ގަ އެވެ. މާދަމާ އުޒްބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ހަވީރު 5:45 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު، ބުދަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ވެސް 5:45 ގަ އެވެ.