Roadha Mihaaru
ބޭނުމީ ގައުމަށް ރަން މެޑަލް ހޯދައިދޭން، އެވޯޑެއް ނޫން

އެވޯޑަކަށް އުންމީދެއް ނުކުރަން، ބޭނުމީ ގައުމީ ޓީމަށް ރަން މެޑަލް ހޯދައިދޭން: ނިލާމް

05 މާޗް 2023

ފަރުދީ އެވޯޑެއް ހޯދަން، ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ގައުމީ ޓީމަށް އިންޓަނޭޝަނަލް މުބާރާތަކުން ތައްޓެއް ހޯދައިދޭން ކަމަށް ގައުމީ ވޮލީ ޓީމުގެ އެޓޭކަރު ހަސަން ނިލާމް ބުނެފި އެވެ.

ފަރުދީ އެވޯޑެއް ހޯދަން، ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ގައުމީ ޓީމަށް އިންޓަނޭޝަނަލް މުބާރާތަކުން ތައްޓެއް ހޯދައިދޭން ކަމަށް ގައުމީ ވޮލީ ޓީމުގެ އެޓޭކަރު ހަސަން ނިލާމް ބުނެފި އެވެ.

މިދިޔަ ހަފުތާގައި ރާއްޖޭގައި ނިމިގެންދިޔަ، ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފިރިހެން ޓީމު ބަލިވީ، ޗެމްޕިއަންކަން ހޯދި މެލޭޝިއާ އަތުންނެވެ. އެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ނިލާމް ބުނީ، އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުމުން އޭނާ އަށް އެއްވެސް އުފަލެއް ނުލިބޭ ކަމަށެވެ.

މުބާރާތުގައި ނިލާމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް، ސިފަ ކުރެއްވި ގޮތުގައި ކުރިން ކޯޓުގެ ކަނެއްގައި ފާހަގަ ނުވެ ހުރި ނިލާމް ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް އެ މުބާރާތުގައި ވެއްޖެ އެވެ.

އެކަމަކު ނިލާމް ބުނީ އޭނާ އެންމެ ބޭނުންވި ވަރަށް ނުކުޅެވޭ ކަމަށެވެ.

ކުރިން ކުޅުނު މުބާރާތެއްގެ ތެރެއިން ނިލާމް (ވ) --- ފައިލް ފޮޓޯ: ވީއޭއެމް

ކުރިން ކުޅުނު މުބާރާތެއްގެ ތެރެއިން ނިލާމް (ވ) --- ފައިލް ފޮޓޯ: ވީއޭއެމް

"ހިތައް އަރާ މި އަށްވުރެ ރަނގަޅަށް އަދިވެސް ކުޅެވޭނޭ. މުބާރާތާ މެދު ވަރަށް ބޮޑު އުންމީދެއްގައި މުޅި ޓީމު ކުރިމަތިލީ. ތަށި ނުލިބުނީމަ އެ ޑިސަޕޮއިންޓްމެންޓް އެބައޮތް،" ގައުމީ ކެޕްޓަން އަލީ ހުޒާމްގެ ކޮއްކޮ، ނިލާމް ބުންޏެވެ.

"ދުވަހަކު ވެސް އިންޑަވިޖްއަލް އެވޯޑެއް ނުވަތަ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާކަށް އުންމީދެއް ވެސް ނުކުރަން. ވޮލީ ކުޅެން ފެށިފަހުން ވެސް އަބަދުވެސް ކުރާ އުންމިދަކީ އަޅުގަނޑުގެ ހިއްސާ އޮވެގެން ރާއްޖެ އަށް އިންޓަނޭޝަނަލް މުބާރަތަކުން ރަން މެޑަލްއެއް ހޯދައި ދޭން."

މުބާރާތަށް ފަހު ގައުމީ ޓީމުން ވަނީ ބްރޭކެއް ނަގައިފަ އެވެ. މިދިޔަ އަހަރު ގައުމީ ޓީމަށް ހަމަޖެއްސި ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސާ އާއެކު ގައުމީ ޓީމުން މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު ވާދަވެރި މެޗުތަކެއް ކުޅެލަން ލިބުނީ މިދިޔަ މުބާރާތުގެ ތެރޭގަ އެވެ.

"ވާދަވެރި ގިނަ މެޗުތަކެއް ކުޅެގެން ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރެވޭނެ،" ވ. ފެލިދުއަށް އުފަން ކުޅުންތެރިޔާ ބުންޏެވެ.