Roadha Mihaaru
ރާއްޖެގެ މައްޗަށް ކުރިހޯދައި އަފްޣާނިސްތާނަށް އެއްވަނަ

ރާއްޖެ ބަލިކޮށް އަފްޣާނިސްތާނަށް އެއްވަނަ، ސެމީގައި ރާއްޖެ އާއި މެލޭޝިއާ

25 ފެބުރުއަރީ 2023

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި މިރޭ ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި އަފްޣާނިސްތާނުން، ރައުންޑް ރޮބިންގެ ބުރުގެ އެއްވަނަ ހޯދައިފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި މިރޭ ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި އަފްޣާނިސްތާނުން، ރައުންޑް ރޮބިންގެ ބުރުގެ އެއްވަނަ ހޯދައިފި އެވެ.

މިރޭގެ ސެޓްތައް އަފްޣާނުންގެ ޓީމުން ގެންދިޔައީ 26-24، 25-21 އަދި 25-22 ންނެވެ.

ރައުްނޑް ރޮބިން ބުރުގައި ރާއްޖެ ދިޔައީ ތިންވަނަ އަށެވެ. މެލޭޝިއާ އަށް ދެވަނަ އެވެ. ސިންގަޕޫރު ހަތަރުވަނަ އަށެވެ. މުބާރާތް އިންތިޒާމުކޮށްފައިވާ ގޮތުން ސެމީ ފައިނަލުގައި ވާދަ ކުރާނީ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އަދި އަނެއް ސެމީގައި ވާދަ ކުރާނީ ދެވަނަ އާއި ތިން ވަނަ އެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މާދަމާ އެވެ.

ސެމީގައި ރާއްޖެއިން ވާދަކުރަން ޖެހޭނީ މެލޭޝިއާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާ މެންދުރު ފަހު 2:30 ގަ އެވެ. މާދަމާ ހަވީރު އަންހެން ސެމީ ފައިނަލުގައި ރާއްޖެއިން ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ. ފިރިހެން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ ނުކުންނާނީ އަފްޣާނިސްތާނާއި ސިންގަޕޫރެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓް ފެށިގެން ޑޮމިނޭޓް ކުރީ ރާއްޖެއިންނެވެ. އެ ސެޓްގެ 23 ވަނަ ޕޮއިންޓާ ހަމައަށް ދިޔައިރު ވެސް ރާއްޖެއިން ލީޑްގައި ދެމެހެއްޓި އެވެ. އެކަމަކު އަފްޣާނިސްތާންގެ ކުޅުންތެރިން ފަހަތުން އަރަމުން އަރަމުން އައިސް ހަމަހަމަ ކުރި އެވެ.

ރާއްޖެ އަށް ދިމާވި އަނެއް މައްސަލައަކީ ޓައިމްއައުޓް ނެގުން ލަސްވުމެވެ. ފަހު ވަގުތު ލީޑް އަތުން ގެއްލި ކުރިމަތިވި މައްސަލަތަކުގައި ރާއްޖޭގެ ޓީމު ޕްރެޝަރަށް ދިޔަ އެވެ. ދިވެހި ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސާ ވެސް ރެފްރީގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހޭކަން ހާމަ ކުރުމުން އޭނާ އަށް ރީނދޫ ކާޑު ވެސް ދެއްކި އެވެ.

ދެވަނަ ސެޓްގައި ވެސް ރާއްޖެއިން ފެށީ ރަނގަޅަށެވެ. ސެޓްގެ ކުރީކޮޅު ލީޑް ވެސް ނެގި އެވެ. އެކަމަކު 10 ވަނަ ޕޮއިންޓާ ހަމައިން އަފްޣާނިސްތާނުން ލީޑް ނެގި އެވެ. ރާއްޖެއިން ޕޮއިންޓް ހޯދައި ހަމަހަމަ ކުރިޔަސް އޭގެ ފަހުން ލީޑެއް ނުނެގެ އެވެ.

އެ ސެޓްގެ ފަހު ކޮޅުގައި އަފްޣާނިސްތާން ލީޑް ފުޅާ ކުރުމުން ރާއްޖެއިން ޓައިމްއައުޓެއް ނެގި އެވެ. އޭގެ ޓައިމް އައުޓްގެ ފަހުން ރާއްޖެއިން ކައިރިކައިރީގައި ތިން ޕޮއިންޓް ހޯދުމުން އަފްޣާނިސްތާން ވެސް ޓައިމްއައުޓެއް ނެގި އެވެ. ރާއްޖޭގެ ގޭމްގެ ޓެމްޕޯ މެދުކަނޑާލުމުގެ ގޮތުން ނެގި ޓައިމްއައުޓަށް ފަހު އަފްޣާނިސްތާން ސެޓް ކާމިޔާބު ކުރި އެވެ.

ތިންވަނަ ސެޓަށް ރާއްޖެއިން ނުކުތީ ބަދަލުތަކާކާ އެކު އެވެ. ޒުވާން ދެ ކުޅުންތެރިން ކަމަށްވާ މާއީޝް އާއި ހައިލަމް، ސެޓްގެ ސްޓާޓިން ހަޔަކަށް ނެރުނެވެ. އެއީ މި މުބާރާތުގައި އެ ދެ ކުޅުންތެރިން ސްޓާޓިން ހައެއްގައި ހިމެނިގެން ކުޅެން ނުކުތް ފުރަތަމަ ފަހަރެވެ. އެ ދެ ކުޅުންތެރިން ރާއްޖެ އަށް މުހިންމު ޕޮއިންޓަކެއް ހޯދައި ދިނެވެ. މެޗުގެ ފުރަތަމަ ދެ ޕޮއިންޓް ހޯދައި ލީޑް ކުރި އެވެ. މި ސެޓް ފަށައިގެން ވެސް ރަނގަޅު ކުޅުމެއް ރާއްޖެއިން ދެއްކި އެވެ.

އެ ސެޓްގެ ވެސް ކުރީކޮޅު ރާއްޖޭގެ ކުޅުން ރަނގަޅު ކުރި އެވެ. އެކަމަކު ވަކި ހިސާބަކުން ދިވެހި ޓީމަށް މައްސަލަ ދިމާވި އެވެ. އަނެއްކާ ސެޓްގެ ފަހު ކޮޅު ކުޅުން ރަނގަޅުކޮށް އަފްޣާނިސްތާނަށް ޕްރެޝަރު ކުރި އެވެ. ތިން ސެޓްގައި ވެސް ރާއްޖެ އަށް ދިމާވި މައްސަލައަކީ ގޭމް އެއްވަރެއްގައި ނުހިފެހެއްޓުމުގެ މައްސަލަ އެވެ.