Roadha Mihaaru
ލަންކާ އަތުން ވެސް ރާއްޖެއަށް ބޮޑު ބައްޔެއް!

ލަންކާ އަތުން ވެސް ރާއްޖެ އަށް ބޮޑު ބައްޔެއް! ގުރޫޕް ސްޓޭޖުން މޮޅެއް ނުލިބުނު

24 މެއި 2023

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށް ގެންދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުން ވެސް ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށް ގެންދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުން ވެސް ބަލިވެއްޖެ އެވެ.

ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މި މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ލަންކާ އިން މެޗުގެ ސެޓްތައް ގެންދިޔައީ 25-18، 25-13 އަދި 26-24 އިންނެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން، ކަޒަކިސްތާނާއި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެ، ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ.

ލަންކާއާ ދެކޮޅަށް މިއަދު ކުޅުނު މެޗު ފަށަން ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕް ދެ ބަދަލެއް ގެނަ އެވެ. ފާތިމަތު ޝަމްހާ ސްޓާޓް ކުރިއިރު ލިބަރޯ އަކީ މައިހާ އަލީ އެވެ. ފުރަތަމަ ހައެއްގައި ދެން ހިމެނުނީ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އާމިނަތު ރިޔާސާ އާއި ފާތިމަތު ޖޫޒާން ޒަރީރު އަދި އާމިނަތު ޝަހާ ޝާމިން އެވެ.

ދިގު ރެލީއަކަށް ފަހު މެޗުގެ ފުރަތަމަ ޕޮއިންޓް ހޯދީ ރާއްޖެއިންނެވެ. އެކަމަކު ލަންކާ އިން ކުރިއަށް ދިޔައީ ފަސް ޕޮއިންޓަށް ލީޑު ފުޅާ ކޮށްގެންނެވެ. ނަމަވެސް ރާއްޖޭން ހިތްވަރު ކޮށްގެން 14-14 އިން އެއްވަރު ކުރި އެވެ. އެ ވަގުތުކޮޅު ތެރޭގައި ނަރީމާ އާއި ހައްވަގެ ރަނގަޅު އެޓޭކްތަކެއް ފެނުނު އިރު، ހައްވަ ވަނީ ރިޔާސާއާ އެކު ލަންކާގެ ހަމަލާތައް ބްލޮކް ކުރުމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭން ނަތީޖާ އެއްވަރު ކުރި ފަހުން ލަންކާ އިން ކުޅުން ރަނގަޅުކޮށް، ރާއްޖެ އަށް ލީޑު ނެގުމުގެ ފުރުސަތު ނުދީ، 25-18 އިން ސެޓް ކާމިޔާބު ކުރި އެވެ.

ދެވަނަ ސެޓުގައި ރާއްޖޭން ކުޅުނީ ލިބަރޯ ފައިހާ މުހައްމަދު ހިމަނައިގެންނެވެ. ފުރަތަމަ ޕޮއިންޓް ގެއްލުނު ނަމަވެސް ހައްވަގެ އެޓޭކަކުން ރާއްޖޭން އެއްވަރު ކުރި އެވެ. އެކަމަކު، ލީޑް ނެގޭ ގޮތް ނުވެ، ލަންކާ އިން ހަ ޕޮއިންޓަށް ލީޑު ފުޅާ ކުރި އެވެ. ލަންކާއިން ހަ ޕޮއިންޓުގެ ލީޑެއް ނެގުމުން ރާއްޖޭން ޓައިމް އައުޓެއް ނެގި އެވެ. ރާއްޖެ އަށް ޓައިމްއައުޓްގެ ވެސް ބޭނުން ނުކުރެވި، ލަންކާ އިން ވަނީ އެ ސެޓް ފަސޭހަ ކަމާއެކު 25-13 އިން ކާމިޔާބު ކޮށްފަ އެވެ.

ތިންވަނަ ސެޓުގައި ރާއްޖޭން ލަންކާއާ ރަނގަޅު ވާދައެއް ކުރި އެވެ. ރާއްޖެއަށް ޕޮއިންޓެއް ނުދީ ލަންކާއިން ފުރަތަމަ ތިން ޕޮއިންޓް ހޯދައިގެން ސެޓުގައި ކުރިއަށް ދިޔައީ ވެސް ގިނަ ވަގުތު ތިން ޕޮއިންތުގެ ލީޑެއްގައި އޮވެ އެވެ. ނަމަވެސް ރާއްޖޭން ކުޅުން ރަނގަޅުކޮށް 9-9 އިން އެއްވަރު ކުރި އެވެ. އޭގެ ފަހުން ލަންކާގެ ބްލޮކް މަތިން ހައްވަ ވައްޓާލި ބޯޅައެއް އެޓީމު ކުޅުންތެރިންނަށް ރިސީވް ނުކުރެވި މި ސެޓްގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނެވެ.

ޕޮއިންޓެއްގެ ލީޑެއް ނެގި ނަމަވެސް ދެ ޓީމު ވެސް ފެނުނީ ވަރަށް އެއްވަރު ކޮށެވެ. މި ސެޓުގައި 16-16 އިން އެއްވަރު ވެފައި ވަނިކޮށް ރާއްޖެއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ ލަންކާގެ ހަމަލާއެއް ބޭރަށް ދިޔުމުންނެވެ. އޭގެ ފަހުން ޝަހާ ގެ ހަމަލާއެއް ލަންކާ ކުޅުންތެރިންނަށް ބްލޮކް ނުކުރެވިގެން ރާއްޖެއިން ދެ ޕޮއިންޓަށް ލީޑު ފުޅާ ކުރި އެވެ. ރާއްޖެއަށް ލީޑު ހިފަހައްޓާ ނުލެވުނަސް، އެންމެ ފަހުވަގުތާ ހަމައަށް ވެސް މި ސެޓުގައި ރާއްޖެއިން ހިތްވަރު ކުރި އެވެ. ޕޮއިންޓު 22-22 އިން އެއްވަރު ވެފައި ވަނިކޮށް ރާއްޖެއިން އަނެއްކާ ވެސް ޕޮއިންޓެއްގެ ލީޑެއް ނެގި އެވެ.

މިއާ އެކު ލަންކާ އިން ނެގި ޓައިމްއައުޓަށް ފަހު ވެސް ރާއްޖެއިން އިތުރު ޕޮއިންތެއް ހޯދައި ސެޓް ހޯދުމާ އެއް ޕޮއިންޓާ ގާތަށް ޖެހިލި އެވެ. ލަންކާގެ ރަނގަޅު އެޓޭކަކާއި ރަނގަޅު ބްލޮކަކުން އެޓިމުން 24-24 އިން ނަތީޖާ އެއްވަރު ކުރި އެވެ. އޭގެ ފަހުން ލަންކާގެ ސާވިސް އެއް ރާއްޖެއަށް ރިސީވް ނުކުރެވިގެންނާއި ރާއްޖޭގެ އެޓޭކެއް ބޭރަށް ގޮސްގެން ލަންކާއިން މި ސެޓް ގެންދިޔައީ 26-24 އިންނެވެ.

މިއާ އެކު ރާއްޖެއަށް ލިބުނީ ގުރޫޕް ބީގެ ހަތަރުވަނަ އެވެ. ގުރޫޕްގެ އެއްވަނަ ހޯދީ މިއަދު 3-1 ސެޓުން އުޒްބަކިސްތާނު ބަލިކުރި ކަޒަކިސްތާނެވެ. އުޒްބަކިސްތާނުން މެޗުގެ ފުރަތަމަ ސެޓު 26-24 އިން ގެއްގޮސްފައި ވަނިކޮށް ކަޒަކިސްތާނުން ވަނީ ޖެހިގެން އައި ތިން ސެޓު 25-16، 25-11 އަދި 25-18 އިން ކާމިޔާބު ކޮށްފަ އެވެ.

ޖުމުލަ 8 ޓީމު ވާދަކުރާ މުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކުރި އިންޑިއާ އެވެ. ދެ މެޗު ކާމިޔާބު ކޮށްގެން ދެވަނަ ހޯދީ ނޭޕާލެވެ. ބަންގްލަދޭޝް އަށް މެޗެއް ކާމިޔާބު ނުކުރެވުނު އިރު ތިންވަނައަށް ދިޔައީ ކިރިގިސްތާނެވެ.

ސެމީ ފައިނަލުން ޖާގަ ނުލިބުނަސް، ދެ ގުރޫޕްގެ ތިންވަނަ އާއި ހަތަރުވަނަ ޓީމްތަކުގެ މެދުގައި ރޭންކިން މެޗުތަކެއް ކުޅޭނެ އެވެ.

ރޭންކިން މެޗުގައި މާދަމާ މެންދުރު ރާއްޖެ ގަޑިން 1:45 ގައި ދިވެހި ޓީމު ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.