Roadha Mihaaru
ތިން ވަނަ ހޮވި މެޗުން ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

ތިން ވަނަ ހޮވި މެޗުން ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

02 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓުގެ ތިން ވަނަ ހޮވާ މެޗުން ސްރީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެ، ރާއްޖެ މި ފަަހަރުގެ ގޭމްސްގައި ވެސް ހަތަރު ވަނައިގައި ފަރުޖައްސާލަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓުގެ ތިން ވަނަ ހޮވާ މެޗުން ސްރީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެ، ރާއްޖެ މި ފަަހަރުގެ ގޭމްސްގައި ވެސް ހަތަރު ވަނައިގައި ފަރުޖައްސާލަން ޖެހިއްޖެ އެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ލަންކާ އަތުން ބަލިވެ ރާއްޖެ އަށް ލިބުނީ ހަތަރު ވަނަ އެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ކުޅުނު ހަތަރު މެޗުގެ ތެރެއިން "މޮޅުވީ" ޕާކިސްތާން އަތުންނެވެ. ޕާކިސްތާނުން މުބާރާތުން ވަކިވުމުން ރާއްޖެ އަށް މެޗު ލިބުނީ އެވެ. ގްރޫޕް ސްޓޭޖުގައި ފަހު މެޗުން ލަންކާ އަތުންނާއި ސެމީ ފައިނަލުގައި ވަނީ ވަރުގަދަ އިންޑިއާ އަތުން ބަލިވެފަ އެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ މެޗުގައި އެންމެ ބޭނުންވި ވަރަށް ނުކުޅެވުނު ކަމަށާއި މި ފަހަރު އަމާޒުހިފީ ތިން ވަނަ ހޯދުމަށް ކަމަށާއި އެކަން ހާސިލްނުވުމަކީ ދެރައެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސްގައި ވެސް ލިބުނީ ހަތަރު ވަނަ. މި ފަހަރު ބޭނުންވީ އެ އަށް ވުރެން ތަންކޮޅެއް މައްޗަށް ޖައްސާލަން. އެކަން ނުވެދިޔައީ. އަސްލު ބޭނުންވި ވަރަށް މި މެޗުގައި ފަހުން ނުކުޅެވި މިސްޓޭކް ވެސް ގިނަކޮށް ފެނުނީ. އެހެން ނަމަވެސް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން،" ގައުމީ ޓީމަށް 2016 ވަނަ އަހަރުގެ ގޭމްސްގައި ވެސް ކޯޗުކޮށްދިން ބޭބެ ބުންޏެވެ.

ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ކުޅުނު މެޗުގައި ޓީމަށް ހިތްވަރުދިނުމުގައި ގައުމީ ފިރިހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން. -- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ކުޅުނު މެޗުގައި ޓީމަށް ހިތްވަރުދިނުމުގައި ގައުމީ ފިރިހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން. -- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ނޭޕާލުގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-13، 25-18 އަދި 25-08 އިންނެވެ. ގްރޫޕް ސްޓޭޖުގައި ލަންކާ އަތުން ބަލިވި މެޗުގައި ސެޓުތައް ގެންދިޔައީ 25-15، 25-18 އަދި 25-14 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ލަންކާ އިން ވަރަށް ރަނގަޅަށް ކުޅެ ފަސް ޕޮއިންޓުގެ ލީޑެއްނެގި އެވެ. އެކަމަކު ރާއްޖޭން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ދެ ފަހަރެއްގެ މަތިން ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ސެޓުގައި ރާއްޖޭގެ ލިބަރޯ ނުހާ ވަހީދު އާއި އައިމިނަތު އަރީޝާގެ އިތުރުން ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖެ އަތުން ސެޓުގެ ކޮންޓްރޯލް ގެއްލުނީ މެދަކާ ހަމައިންނެވެ. އެ ހިސާބުން ލަންކާ އިން އެއް ލެވަލެއްގައި ކުޅެ 25-13 އިން ސެޓު ގެންދިޔައީ އެވެ.

ފުރަތަމަ ސެޓު ގެއްލުމުން ރާއްޖޭން ދެ ވަަނަ ސެޓާ ކުރިމަތިލީ ރަނގަޅު ރޫހެއްގަ އެވެ. ދެ ޕޮއިންޓުގެ ލީޑެއްގައި ސެޓުގެ ކުރީކޮޅުގައި އޮތްއިރު އަރީޝާ އާއި ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު ރަނގަޅަށް ކުޅުނެވެ. އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިން ވެސް ވަނީ ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ. އެކަމަކު ވަކި ހިސާބަކުން ލަންކާ އިން އަނެއްކާ ވެސް ސެޓުގެ ކޮންޓްރޯލް ނެގި އެވެ. ރާއްޖޭން ޓައިމް އައުޓްނަގައި ބަދަލުތަކެއް ގެނެސް މެޗުގެ ތެރެއަށް އަލުން ވަންނަން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް ލަންކާ އިން ވަނީ މި ސެޓު ވެސް ގެންގޮސް މެޗު ކާމިޔާބުކުރުމުގެ އިތުބާރު ބޮޑުކޮށްފަ އެވެ. ލަންކާ އިން މި ސެޓު ގެންދިޔައީ 25-18 އިންނެވެ.

ރާއްޖޭގެ ހައްވަ (ކ) ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ލަންކާގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ ހައްވަ (ކ) ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ލަންކާގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ފުރަތަމަ ދެ ސެޓު ގެއްލުމުން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ތިން ވަނަ ސެޓުގައި އެންމެ އެކަށީގެންވާ ހިތްވަރެއް ފެނިގެންނުދިޔައިރު، ލަންކާ އިން ދިޔައީ ފުރުސަތުގެ ބޭނުމެއްހިފައި ރަނގަޅު ލީޑެއް ދަމަހައްޓަމުންނެވެ. ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނު މި ސެޓު ލަންކާ އިން ގެންދިޔައީ 25-08 އިންނެވެ.

ރާއްޖޭގެ އަންހެން ވޮލީ ޓީމުން މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ކުރިމަތިލީ ރަނގަޅު ރޫހެއްގަ އެވެ. އެއީ ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތުގެ ރިހި މެޑަލް ހޯދައިގެންނެވެ. މިއީ މިހާތަނަށް އަންހެން ވޮލީގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.