Roadha Mihaaru
ޕާކިސްތާން ވަކިވުމުން ރާއްޖޭގެ އަންހެން ޓީމު ސެމީ އަށް

ޕާކިސްތާން ވަކިވުމުން ރާއްޖޭގެ އަންހެން ޓީމު ސެމީ އަށް

28 ނޮވެމްބަރ 2019

އިއްޔެ ފެށި ސައުތު އޭޝިއަން ގޭމްސްގެ އިންޑޯ ވޮލީބޯޅަ އިވެންޓުން ޕާކިސްތާން އަންހެން ޓީމު ނަން ނެގުމުން ރާއްޖެ އަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިއްޔެ ފެށި ސައުތު އޭޝިއަން ގޭމްސްގެ އިންޑޯ ވޮލީބޯޅަ އިވެންޓުން ޕާކިސްތާން އަންހެން ޓީމު ނަން ނެގުމުން ރާއްޖެ އަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެއްޖެ އެވެ.

ރަސްމީކޮށް އަންނަ އާދިއްތަ ދުވަހު ސައުތު އޭޝިއަން ގޭމްސް ފެށި ނަމަވެސް އިއްޔެ ވަނީ ވޮލީބޯޅަ އިވެންޓް ފަށައިފަ އެވެ. ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ހިމެނެނީ ޕާކިސްތާނާ ސްރީ ލަންކާއާ އެކު ގްރޫޕް ބީގަ އެވެ. އިއްޔެ މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ޕާކިސްތާން ކުޅެން އޮތް ނަމަވެސް އެ މެޗަށް ޕާކިސްތާން ޓީމުން ހާޒިރުނުވާނެކަން އޮތީ ކުރިން ޔަގީންވެފަ އެވެ. އެއީ މުބާރާތުގެ ކުރިން އޮތް މީޓިން އަށް ވެސް ޕާކިސްތާން ޓީމު ހާޒިރުނުވާތީ އެވެ.

ރާއްޖޭން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ގޭމްސްގައި ވަނީ ޕާކިސްތާން ބަލިކުރުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޖެހިޖެހިގެން ދެ ގޭމްސްގެ ސެމީ ފައިނަލުން އަންހެން ވޮލީ ޓީމަށް ފުރުސަތު ލިބުނުއިރު، މިހާރު ޓީމުގެ އަމާޒަކީ މާދަމާ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި ގްރޫޕްގެ އެއް ވަނަ އަށް ވާދަކުރުމަށެވެ. ރާއްޖޭގެ އަންހެން ޓީމު ވަނީ މި ފަހަރުގެ ގޭމްސްގެ ކުރިން ލަންކާގައި ކޭމްޕް ކޮށްފަ އެވެ.

"ފުރަތަމަ ކަނޑައެޅި ޓާގެޓަށް އެޗީވްވީ މި. ދެން ބޭނުމީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދެވޭތޯ މަސައްކަތްކުރުން،" ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުންޏެވެ.

ސެމީގައި ރާއްޖެ ކުޅެން ޖެހޭނީ އިންޑިއާ ނޫނީ ނޭޕާލްއާ އެވެ. ދާދި ފަހުން ބަންގްލަދޭޝްގައި އޮތް އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލުން ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފަ އެވެ. އެކަމަކު އެ މުބާރާތުން ލިބުނު ރިހި މެޑަލަކީ މިހާތަނަށް އަންހެން ވޮލީގައި ރާއްޖެ އަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. މި ގްރޫޕްގައި ދެން އޮތީ ލަންކާ އެވެ. ރާއްޖޭން ވަނީ މި އަހަރު ސެޕްޓެމްބަރު މަހު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން މާލޭގައި ލަންކާއާ އެކު އެކުވެރިކަމުގެ ތިން މެޗެއް ކުޅެފަ އެވެ.