Roadha Mihaaru
ރަޝިއާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަޝްވަރާކޮށްފި

ރަޝިއާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަޝްވަރާކޮށްފި

16 ޖެނުއަރީ 2020

ރަޝިއާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަޝްވަރާކުރަން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރަޝިއާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަޝްވަރާކުރަން ފަށައިފި އެވެ.

އިންޑިއާގެ ނިއު ދިއްލީގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ "ރެއިސިއާނާ ޑައެލޮގްސް" ކޮންފަރެންސްގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިކަމާ ބެހޭ ގޮތުން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވްއާ މަޝްވަރާކުރައްވައިފަ އެވެ.

ރެއިސިއާނާ ޑައެލޮގްސް އަކީ ދުނިޔޭގެ ސިޔާސީ އަދި ވިޔަފާރީގެ ކަންކަމާ މަޝްވަރާކުރަން އިންޑިއާގެ ސަރުކާރުން 2016 ވަނަ އަހަރުން ފެށިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ގިނަ ގައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖޭގެ އެމްބަސީއެއް ރަޝިއާގައި ވީހާ ވެސް އަވަހަށް ގާއިމްކުރުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ރަޝިއާގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއް

ރަޝިއާ އާއި ރާއްޖެ ގުޅިގެން ކުރިއެރުވޭނެ ކަންކަމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ. އޭގެ ތެރޭގައި އިގްތިސާދީ ދާއިރާ އާއި މަސްވެރިކަން އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރެވޭނެ ގޮތްތައް ހިމެނެ އެވެ.

މިނިސްޓަރު ޝާހިދު ވަނީ އެސްޓޯނިއާގެ ފޮރިން މިނިސްޓަރު އުރްމަސް ރެއިންސަލައު އާއި ހަންގަރީގެ ފޮރިން މިނިސްޓަރު ޕީޓާ ސްޒިޖާޓޯއާ ވެސް މި ކޮންފަރެންސްގައި ބައްދަލުކުރައްވައިފަ އެވެ. ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވީސާގެ ކަންތައްތައް ފަސޭހައިން ހަމަޖެހޭނެ އިންތިޒާމެއް ގާއިމްކޮށްދިނުމަށް ވެސް ޝާހިދު އެދިވަޑައިގަތެވެ.

މި ކޮންފަރެންސްގައި މިނިސްޓަރު އަންނަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. ދިއްލީގައި ތިން ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސް މިއަދު ނިމޭނެ އެވެ.