04 އޮކްޓޯބަރ 2016
މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މަލަމަތީގެ ކޮންމެވެސް މަންޒަރުތަކެއް މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު ފެންނާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރުކުރި އެވެ. އެއީ، ސެޕްޓެމްބަރުގެ ނިޔަލަށް ބްރިޖްގެ ގިނަ ހޮޅިތައް ޖަހައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ޔަގީންކަން ދީފައި އޮތުމުންނެވެ. އެކަމަކު ފެނުން މަތީގައި ތަނބުތައް ހުއްޓައި ފެންނަވަރެއް އަދި ނުވެ އެވެ. ބްރިޖުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު އުފައްދާ އެއް ސަބަބަކީ އެ އެވެ.
މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މަލަމަތީގެ ކޮންމެވެސް މަންޒަރުތަކެއް މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު ފެންނާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރުކުރި އެވެ. އެއީ، ސެޕްޓެމްބަރުގެ ނިޔަލަށް ބްރިޖްގެ ގިނަ ހޮޅިތައް ޖަހައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ޔަގީންކަން ދީފައި އޮތުމުންނެވެ. އެކަމަކު ފެނުން މަތީގައި ތަނބުތައް ހުއްޓައި ފެންނަވަރެއް އަދި ނުވެ އެވެ. ބްރިޖުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު އުފައްދާ އެއް ސަބަބަކީ އެ އެވެ.
އެއް ބަޔަކު ބުނާގޮތުގައި މާލޭ ކޮޅުގައި ތިބެގެން ބަލާއިރު، ބިޔަ ކްރޭންތައް ފަރާތަކަށް އެނބުރިލާ މަންޒަރެއް ވެސް މި ދޭތެރެއަކުން ނުފެނެ އެވެ. ސަބަބަކީ މަސައްކަތް މަޑުޖެހިފައި އޮތުމުން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު ލޮނުޒިޔާރަތްކޮޅުގައި ތިބެގެން ނުފެންނަ މަންޒަރެއް ބްރިޖުގެ ހުޅުލޭ ސައިޓަށް އަރައި ބަލައިލުމުން ފެނެ އެވެ.
ފުން ކަނޑަށް ހޮޅިތައް ޖަހައިގެން އަޅާ ބައެއް ތަނބުތައް މިހާރު ވަނީ ފެނުން މައްޗަށް އަރާފަ އެވެ. މިއީ ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތެވެ. އެކަމަކު ބްރިޖު އަޅާ ޗައިނާގެ ސީސީސީސީ ކުންފުނިން ވަނީ ހުޅުލޭ ކޮޅުން ބްރިޖުގެ މައި ތަނބުގެ ހަތް ހޮޅި ކަނޑު އަޑިއަށް ފައްތައިފަ އެވެ. އޭގެ ތެރެއިން ތިން ހޮޅިއަކަށް ވަނީ ކޮންކްރީޓް ވެސް އަޅައިފަ އެވެ.
ހުޅުލޭ ސައިޓުގައި ބަހައްޓާފައިވާ މަސައްކަތު ޝެޑިއުލްގެ ފޮޓޯއެއް: މިހާރު ފެނުން މައްޗަށް ފެންނަން ހުރީ 22 ނަމްބަރު ތަނބުގެ ހަތް ހޮޅި. --ފޮޓޯ: ނިޝާން އަލީ
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި އެ ހަތް ހޮޅި ތޮރުފައި ސާފުކުރުމަށް ފަހު މިހާރު ވަނީ ދަގަނޑުން ހަދާފައިވާ ރެއިންފޯސްމެންޓް އަޅައި ކޮންކްރީޓް މަސައްކަތް ވެސް ފަށައިފަ އެވެ. މިހާރު ފެނުން މައްޗަށް ހުރި މި ހޮޅިތައް މާލޭ ކޮޅުގައި ތިބޭ ބަޔަކަށް އަދި ނުފެންނާނެ އެވެ.
"އެންމެ އަޑިއަށް ކޮންކްރީޓް އަޅަމުން އަޅަމުން އެންމެ މައްޗާ ހަމައަށް މި ފެންނަނީ. ކޮންމެ ޕައިލްއެއް ޖަހާއިރު ވެސް ޕައިލްގެ ރެއިންފޯސްމެންޓް ކޭޖްގައި ހުންނާނެ ޓެސްޓްކުރާނެ މެކޭނިޒަމް ހަރުކޮށްފައި. އެހެންވީމަ ކޮންމެ ޕައިލްއަކީ ވެސް ކޮލިޓީ ކޮންޓްރޯލް ކުރެވިގެންދާނެ އެއްޗެއް،" މުއްތަލިބް ވިދާޅުވި އެވެ.
ކަނޑު އަޑިއަށް ފައްތާފައިވާ ބިޔަ ހޮޅިއެއް ވަޒީރުން ބައްލަވާލައްވަނީ. --ފޮޓޯ: ނިޝާން އަލީ
މިގޮތަށް، ފަހަރަކު ތަނބެއްގެ މަސައްކަތް ކުރިއަށް ގެންގޮސް ދެތިން މަސް ތެރޭގައި ބޮޑު ބަދަލެއް ފެންނާނެ އެވެ. ބްރިޖުގެ ޖުމްލަ ހަތް ތަނބުގައި އިންނަ 35 ހޮޅީގެ ތެރެއިން 13 ހޮޅި މިހާރު ވަނީ ޖަހައި ނިންމައިފަ އެވެ.
ބްރިޖުގެ މަސައްކަތް ކުރާ ގޮތް ނޫސްވެރިންނަށް ދައްކާލަން މިދިޔަ ޖުލައި މަހު ދިން ފުރުސަތުގައި ފެނުނީ ހޮޅިތަކުގެ މަސައްކަތް ކިރިޔާ ފަށައިގެން އުޅޭ މަންޒަރެވެ. ޓެސްޓް ޕައިލްކޮށް، ރެއިންފޯސްމެންޓް ހަދައި ކޮންކްރީޓް ޓެސްޓްކުރުމުގެ މަސައްކަތް އޭރު އަދި ފެށީ އެވެ. އެކަމަކު ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ތަނބުތަކަށް ކޮންކްރީޓް އަޅަން ފެށުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސީސީސީސީން ވެސް ދެކެ އެވެ.
"މިހާރު ވެސް ހުއްޓުމެއް ނެތި ހަތަރު ތަނެއްގައި ހޮޅި ޖެހުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ. ޑިސެމްބަރު ނިޔަލަށް ހޮޅިތައް ޖަހައި ނިމޭނެ،" މުއްތަލިބް ވިދާޅުވި އެވެ.
ބްރިޖްގެ ހޮޅިއެއް ކަނޑު އަޑި އަށް ފައްތަން ތައްޔާރުކޮށްފައި. --ފޮޓޯ: ނިޝާން އަލީ
މީގެ ދޮޅު މަސް ކުރިން ފެނުނު މަންޒަރުތަކާއި އިއްޔެއާ ހަމައަށް ނިންމާފައި ހުރި ބޮޑެތި ކަންކަމަށް ބަލާއިރު ބްރިޖުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ދައްކާ ވާހަކަތައް މުޅިއަކުން ރަނގަޅެއް ނޫން ކަން އެނގެވެ. މިއީ، ފެންނަން ހުރި މަންޒަރުން ދޭހަވާ ގޮތް ކަމަށް ވިއަސް އެހެން މައްސަލަތަކެއް ވެސް ހުރުން އެކަށީގެންވެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީގެ އިސް ވެރިންނާއި ސީސީސީސީގެ އިސް ވެރިން ތަކުރާރުކޮށް އިއްޔެ ވެސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ޝެޑިއުލަށް ވުރެ ބާރަށް ކުރިއަށް އެބަ ދާ ކަމަށެވެ. މަސައްކަތް ކުރާ ސައިޓުން އެކަން ހުރީ ފެންނާށެވެ.
އެކި ސަރަހައްދުތަކުގައި މަސައްކަތުގެ ޝެޑިއުލް އަންގައިދޭ ކުރެހުންތަކެއް ބަހައްޓާފައިވެ އެވެ ސީސީސީސީން ގިނަ ކަންކަން ނިންމަނީ ޝެޑިއުލަށް ވުރެ ކުރިންނެވެ.
"ޕްލޭންކޮށްފައި އޮތް ގޮތަށް ފެނުން މައްޗަށް ބްރިޖްގެ ތަނބުތައް ފެންނަން ހުންނާނެ ސެޕްޓެމްބަރުގެ ނިޔަލަށް. ބައެއް ހޮޅިތައް ފެނުނު މައްޗަށް ފެނި، އެހެރީ މެއިން ބްރިޖުގެ ބައެއް ހޮޅިތައް ކޮންކްރީޓް އަޅަން ރެޑީކޮށްފައި،" މިހާރު ކޮންކްރީޓް އަޅާ ހޮޅިތަކަށް އިޝާރާތް ކުރައްވައި މުއްތަލިބް ވިދާޅުވި އެވެ.
މާލެ އާއި ހުޅެލެއާ ދެމެދު އޮތީ އޮއި ގަދަ ދިމާލެކެވެ. އެންމެ އުނދަގޫ ކަމަކީ ބޭނުންވާ ވަކި ސަރަހައްދެއްގައި ހޮޅި ބެހެއްޓުމެވެ. ހުޅުލޭ ކޮޅުގެ ގިނަ ހޮޅިތަކެއް ނިންމާފައިވާއިރު، ހޮޅިއެއް ފައްތަން އިއްޔެ ވެސް ހުރީ ތައްޔާރުކޮށްފަ އެވެ.
ހުރިހާ ހޮޅިއެއްގެ މަސައްކަތް ނިމުމާ އެކު މިހާރަށް ވުރެ މަސައްކަތުގެ ސްޕީޑް އަވަސްވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"އަޑިއަށް ހޮޅިއެއް ދާއިރު، އޮއި ހުންނަ ގޮތުން އެ ހޮޅި ބެލެންސް ކުރުން ފަދަ ކަންކަމަކީ ވަރަށް އުނދަގޫ މަސައްކަތެއް. އެ މަސައްކަތް ނިމުމުން އެއްގަމުގައި މަސައްކަތް މި ކުރާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތް ކުރާ ހުޅުލޭ ސައިޓު. --ފޮޓޯ: ނިޝާން އަލީ/މިހާރު
ހޮޅި ޖަހައި ނިމުމުން ބާޖުތައް ބޭނުންކޮށްގެން ކުރާ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމުނީ އެވެ. ދެން ބްރިޖްގެ މަސައްކަތް ކުރާނީ މިހާރު އަޅާފައި އޮތް ވަގުތީ ބްރިޖް މަތީގަ އެވެ. ހޮޅިތައް ނިމޭވަރަކުން ޕައިލް ކެޕު ކުރަން ފަށާނެ އެވެ. ބްރިޖުގެ ސުޕަ ސްޓްރަކްޗާ ފައިނަލްކޮށް ނިމޭއިރު ކަރަންޓް ވައިރުކުރާނެ ގޮތްތަކާއި ފެން ހޮޅިތައް އަޅާނެ ގޮތް ވެސް ނިންމާނެ އެވެ.
ހޮޅިތައް ޖަހައި ނިމުމުން ބްރިޖްގެ ދެން ހުރި މަސައްކަތަކީ، ސީސީސީސީ އަށް "ފެން ތައްޓެއް ބޯލުންހާ" ފަސޭހަ ކަމެއް ކަމަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ ވާހަކަތަކުން އެނގެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނިން ހަދާފައިވާ މަޝްހޫރު ބްރިޖްތަކާ އަޅާބަލާއިރު ކިތަންމެ ގޮންޖެހުން ބޮޑުވިއަސް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ" ދެ ގައުމު ގުޅުމުގެ ފާލަން ކަމަށް ސީސީސީސީން ގަބޫލުކުރެ އެވެ. އެހެންވެ އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށް، ޝެޑިއުލުން ކަމެއް ފަހަތަށް ޖެހެން ބޭނުން ނުވާ ކަމަށް ޕްރޮޖެކްޓް މެނޭޖަރު ލިން ފޫ ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދާ ގޮތާ މެދު ސަރުކާރުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށް ކަމަށާއި އެކަމަކު އޭގެ ކުރިން އެ އަހަރުގެ ޖުލައި 26 އަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގާތުން ހުރިހާ ކަމެއް ވެސް ބަލަމުން މިދަނީ. މަސައްކަތުގެ ކޮލިޓީ އާއި ސްޕީޑާ މެދު ވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅަށް އަމާޒުކުރާ ހުރިހާ ހަމަލާތަކަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބްރިޖެވެ. މިއީ މި ސަރުކާރުން ހިންގާ ތަރައްގީގެ މައި މަޝްރޫއު އެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ނޫސްވެރިންނާ އެކު އިއްޔެ ވަޒީރުންނަށް ވެސް ވަނީ ދައްކާލައިފަ އެވެ.
ބްރިޖުގެ މަސައްކަތްތައް ވަޒީރުންނަށް ދައްކާލެއްވުމަށް ފަހު މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް ވިދާޅުވީ ބްރިޖާ ތަރައްގީއާ ގުޅެނީ ކިހިނެއްތޯ ސުވާލުކުރާ މީހުންނަށް ވެސް ބްރިޖު އަޅައި ނިމުމުން އެކަން ފެންނާނެ ކަމަށެވެ. އެއްގަމު މަގުން، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުމުން، ހުޅުމާލެ އިތުރަށް ތަރައްގީވެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބި ވަޒީފާ އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބްރިޖާ އެކު ހުޅުމާލޭގައި ހަގީގީ ވައިބްރަންޓް ސިޓީއެއް ގާއިމްވެގެން އަންނަތަން ފެންނާނެ. މި ބްރިޖަކީ ތަރައްގީ އަށް އެޅިގެންދާ ބްރިޖަކަށް ވަނީ އެހެންވެ،" މުއިއްޒު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަޒީރުންނާ ހިއްސާކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ވާހަކަ އަށް ތާއީދުކުރައްވައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް އެބަ ދާ ކަމަށެވެ. މި މަޝްރޫއު ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާތީ މަސައްކަތުގެ ސްޕީޑް އަވަސް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ޝެޑިއުލަށް ވުރެ އަވަހަށް މަސައްކަތް ދާ ތަން ފެނުނީމަ އަޅުގަނޑު ވަރަށް އުފާވެފައި މިހިރީ،" މޫސާ ޒަމީރު ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަނީ ފަސޭހަ ދަތުރުތަކަކަށް ނުވާއިރު، މާލެ އިން ހުޅުލެ އަށް ދާން ވެސް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ޒަމީރު ވިދާޅުވި އެވެ. މި އުނދަގޫތަކަށް ބްރިޖާ އެކު ނިމުން އައުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.
މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ ދެބައި ކުޅަ އެއްބައި ހޮޅި ޖަހައި ނިންމައިފި
ބްރިޖު އުފަންވުމުގައި އެހެން ރައީސެއްގެ ދައުރެއް ނެތް
ބްރިޖްގެ ކުރެހުން ހަގީގީ މަންޒަރަކަށް!
މާލެ ކައިރިން ބްރިޖުގެ ޑެކް އެޅުމުގެ ބޮޑުބައި ނިމިއްޖެ
ބްރިޖުގެ ޑެކުގެ މަސައްކަތް ފަށަނީ
ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް
ބްރިޖަށް ހާއްސަކޮށްގެން ޑަބަލް ޑެކާ ބަސް ޑިޒައިންކުރަނީ
ބްރިޖްގެ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
ބްރިޖް މަޝްރޫއާ ގުޅޭ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފި