Roadha Mihaaru
ބްރިޖަށް ހާއްސަކޮށްގެން ޑަބަލް ޑެކާ ބަސް ޑިޒައިންކުރަނީ

ބްރިޖަށް ހާއްސަކޮށްގެން ޑަބަލް ޑެކާ ބަސް ޑިޒައިންކުރަނީ

22 ޑިސެމްބަރ 2016

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖަށް ޚާއްސަކޮށްގެން ޑަބަލް ޑެކާ ބަސްތަކެއް ޑިޒައިންކުރަމުން އަންނަ ކަމަށާއި ބްރިޖް ނިމެންވާ އިރަށް ބަހުގެ ޚިދުމަތް ތައާރަފުކުރެވޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖަށް ޚާއްސަކޮށްގެން ޑަބަލް ޑެކާ ބަސްތަކެއް ޑިޒައިންކުރަމުން އަންނަ ކަމަށާއި ބްރިޖް ނިމެންވާ އިރަށް ބަހުގެ ޚިދުމަތް ތައާރަފުކުރެވޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިއަ އަންގާރަދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ބްރިޖު ޑިޒައިންކޮށްފައި ވަނީ ވެސް އެކްސްޕްރެސް ބަހުގެ ހިދުމަތް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އެހެންކަމުން ބްރިޖަށް ހާއްސަކޮށްގެން ޑަބަލް ޑެކާ ބަސްތަކެއް މިހާރު ޑިޒައިންކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބްރިޖް މަތިން، ޓްރެފިކް ބޮޑުނުވާނެ ގޮތަކަށް ހުންނަ ޖާގަ ބޮޑު އެކަށީގެންވާ ބަސްތަކެއް ޑިޒައިންކޮށްގެން ގެނެވި މާލެ އިން ހުޅުލެ އަށް އަދި ހުޅުމާލެ އަށް ދެވޭ ގޮތަށް ކުރަން ޖެހޭ ކަންކަން ވެސް ކުރިއަށް އެބަ ދޭ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ކުރާ ސީސީސީސީ ކުންފުނީގެ ސައިޓް ގާއިމްކޮށްފައިވާ މާލޭ އަޑި ޕާކު ބޭނުންކުރާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަސް ޓާމިނަލާއި އެ ހިދުމަތާ ގުޅޭ އެހެން ކަންކަމަށެވެ. ބްރިޖުގެ މަސައްކަތާ އެކުއެކީގައި އެހެން ހިދުމަތްތައް ގާއިމްކުރުން ވެސް ބާރު ސްޕީޑުގައި ކުރިއަށް އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަސް ހިދުމަތް ތައާރަފްކުރިއަސް އަމިއްލަ ވެހިކަލްތަކުގައި ދަތުރުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ .-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ .-- ފޮޓޯ: ނިޝާން އަލީ/މިހާރު

މުއިއްޒު ވިދާޅުވީ ބްރިޖް ނިމެންވާއިރަށް ދަތުރުފަތުރު ކުރުމުގެ މަރުހަލާގެ ހުރިހާ ކަމެއް ވެސް އޮންނާނީ ނިމިފައި ކަމަށެވެ. ޝެޑިއުލަށް ވުރެ އަވަހަށް ބްރިޖުގެ މަސައްކަތް ކުރިއަށްދާއިރު އަންނަ އަހަރު މެދުތެރޭގައި ބްރިޖުގެ 80 ޕަސެންޓް ނިންމާލެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މެދު ތެރޭގައި ބްރިޖުގެ މައި ޑެކުގެ މަސައްކަތް ވެސް ފަށާނެ އެވެ.

ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ ޓޯލް ނަގަނީ ރަނގަޅަށް ދެމެހެއްޓެނިވި ގޮތަކަށް ބްރިޖް ބަލަހައްޓަން ޖެހޭތީ ކަމަށާއި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށެވެ.

"ޓޯލެއް ނަގާއިރު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް މިކަން ކުރަން ބޭނުން ވަނީ. އެހެންވެ އޮޓޮމެޓިކް ޓޯލް ނިޒާމް މި ގާއިމްކުރަނީ. އޭރުން ވެހިކަލް ދުއްވާފައި ދާއިރު، ވެހިކަލްގައި ބަހައްޓާފައި ހުންނަ ޑިވައިސްއަކުން ފީ ކެނޑިގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ވެހިކަލްތަކަށް ބޭނުންވާ ޑިވައިސްތައް ވެސް ބްރިޖްގެ މަސައްކަތް ނިމެންވާއިރަށް ހޯދާނެ އެވެ.

ބްރިޖު ނިންމައި ފުރަތަމަ ދެ އަހަރު ބްރިޖު މަރާމާތުކޮށް ބަލަހައްޓާނީ ޗައިނާ ސަރުކާރުންނެވެ. އޭގެ އިތުރުން ބްރިޖް ބަލަހައްޓަން ކަނޑައަޅާ ބަޔަކަށް ތަމްރީން ދިނުމާއި ވަސީލަތްތައް ވެސް ދޭން ޗައިނާ އިން ވަނީ ނިންމައިފަ އެވެ.