Roadha Mihaaru
ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް

ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް

20 ފެބުރުއަރީ 2017

ފުން ކަނޑަށް ހޮޅި ޖަހައި ނިމުމުން، ދެން ހުރި މަސައްކަތްތައް، ބްރިޖު އަޅާ ސީސީސީސީން ސިފަކުރަމުން އައީ، "ފެންތައްޓެއް ބޯލުންހާ" ފަސޭހަ ކަމެއްގެ ގޮތުގަ އެވެ. ތަކުރާރުކޮށް ބުނަމުން އައީ، އެއަށް ފަހު، މާލެ އާއި ހުޅުލެ ގުޅާލާ ބްރިޖުގެ މަސައްކަތުގެ ސްޕީޑު ދެގުނަ ވާނެ ކަމަށެވެ. އެ ވާހަކައިގެ ހަގީގަތް، ބްރިޖުގެ ސައިޓުން މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބްރިޖުގެ މަސައްކަތް ކުރާ ގޮތް ނޫސްވެރިންނަށް ދައްކާލަން މިދިޔަ އޮކްޓޯބަރު މަހު ދިން ފުރުސަތުގައި ފެނުނީ ހޮޅިތައް ފުން ކަނޑަށް ފެއްތުމުގެ މަސައްކަތް ފަށައިގެން އުޅޭ މަންޒަރެވެ. އޭރު، ސައިޓުގައި އަދި ލޮނުޒިޔާރަތްކޮޅުގައި ތިބެ ބަލާއިރު ވެސް މަސައްކަތްތައް މާބާރަށް ކުރިއަށްދާ ހެނެއް ހިއެއް ނުވެ އެވެ.

އެއީ، ބްރިޖު އަޅާ އޮއިގަދަ ދިމާލު ކަނޑު އަޑިއަށް ހޮޅި ފެއްތުމަކީ ކިހާ ގޮންޖެހުން ބޮޑު ކަމެއް ކަން ހިތަށް ސިފަކޮށްލަން ވެސް ދަތިވުމުންނެވެ. އެ މަސައްކަތް ކުރިއިރު، ބްރިޖުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ފާޑުކިއުން ވެސް އަމާޒުވި އެވެ.

ސީސީސީސީގެ މުވައްޒަފުން ބްރިޖުގެ މަސައްކަތް މިއަދު ކުރަނީ: މިހާރު ކުރަމުން އަންނަނީ ތަނބުތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސީސީސީސީގެ މުވައްޒަފުން ބްރިޖުގެ މަސައްކަތް މިއަދު ކުރަނީ: މިހާރު ކުރަމުން އަންނަނީ ތަނބުތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭގެ ތިން މަސް ފަހުން، މިއަދުު ހަވީރު ނޫސްވެރިންނަށް ބްރިޖު ސައިޓުން ފެނުނު މަންޒަރު ތަފާތެވެ. ހޮޅި ޖެހުމުގެ އުނދަގޫ މަސައްކަތްތައް ނިމުމުން، ސައިޓުތެރެ އޮތީ މުޅިން ހަލަބޮލިވެފަ އެވެ. މަސައްކަތްތަކުގައި މުވައްޒަފުންގެ ހަރަކާތްތެރިވުން ބޮޑުވެފައި، ސްޕީޑު ވެސް އަވަހެވެ. މައި ހަތް ތަނބުގައި އިންނަ 35 ހޮޅި ކަނޑު އަޑި އަށް ފައްތައި، މިހާރު ކުރިއަށް ގެންދަނީ ކޮންކްރީޓުގެ މަސައްކަތެވެ. ކޮންކްރީޓް ހަދަނީ ބިޔަ ދެ މެޝިނުގަ އެވެ. އެ އުފުއްލަނީ ބޮޑެތި ވެހިކަލްތަކުގަ އެވެ.

ބްރިޖުގެ މަސައްކަތް ކުރަން މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ޕްލެޓް ފޯމު ވެސް މިހާރު ވަނީ ވަގުތީ ފާލަމަކުން ގުޅުވާލައި، މާލެ އިން ހިނގާފައި ހުޅުލެ އަށް ދެވޭ ގޮތަށް ހަދައިފަ އެވެ. މަސައްކަތް ކުރާ މުވައްޒަފުން، ހުޅުލެ އަށް ފެރީގައި ދިއުމުގެ ބަދަލުގައި މިހާރު އަންނަނީ، ޕްލެޓް ފޯމު މަތިން ހިނގާލައިފަ އެވެ.

މިއީ ވެސް މަސައްކަތުގެ ސްޕީޑު އަވަސްކުރަން ކުރި ކަމެކެވެ. ފެރީގައި ނުވަތަ އެހެން އުޅަނދެއްގައި ހުޅުލެ އަށް ގޮސް ސެކިއުރިޓީ ކްލިއަކޮށްގެން މަސައްކަތަށް ނިކުންނަން ދާ ވަގުތު ވެސް ސަލާމަތްވީ އެވެ.

ބްރިޖުގެ މަސައްކަތުގައި ސީސީސީސީގެ މުވައްޒަފަކު ހަރަކާތްތެރިވަނީ. .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބްރިޖުގެ މަސައްކަތުގައި ސީސީސީސީގެ މުވައްޒަފަކު ހަރަކާތްތެރިވަނީ. .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބްރިޖުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މެއިން ބްރިޖުގެ 35 ތަނބު ހުންނައިރު އޭގެ ތެރެއިން 22 ތަނބަށް ކޮންކްރީޓް އަޅާ ނިމިފައިވާ ކަމަށެވެ. އަދި އެޕްރޯޗް ބްރިޖުގެ 88 ތަނބު ހުންނައިރު 40 ތަނބަށް ވަނީ ކޮންކްރީޓް އަޅައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝެޑިއުލަށް ވުރެ ބާރަށް ބްރިޖުގެ މަސައްކަތްތައް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މެއި މަސް ނިމެންވާއިރަށް ހުރިހާ ތަނބުތަކެއް ކޮންކްރީޓްކޮށް ނިމޭނެ ކަމަށެވެ.

"މާނައަކީ އެޕްރޯޗް ބްރިޖް އަދި މެއިން ބްރިޖުގެ ހުރިހާ ތަނބުތަކެއް ކޮންކްރީޓްކޮށް ނިންމޭނެއޭ މެއި މަހުގެ ނިޔަލަށް. އެއީ ޝެޑިއުލްގައިވާ ގޮތް، އެކަމަކު އަޅުގަނޑުމެން މިބަލަނީ އޭގެ އެއް މަސް ކުރިން ނިންމޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކޮންކްރީޓްކޮށް ނިމުމުން ދެން އޮންނާނީ ބްރިޖުގައި ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕިން އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެސް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިމުމުން، ތަނބުތަކާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ގާތްގަނޑަކަށް ނިމުނީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ ސުޕަ ސްޓްރަކްޗާ ހަދަނީ، ޗައިނާގަ އެވެ. އެ މަސައްކަތް ވެސް ބާރުސްޕީޑުގައި ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖު އަޅާ ސަރަހައްދުގެ އޮއިވަރާއި އެހެން ކަންކަން ހުރި ގޮތުން، ބްރިޖް އެޅުމަށް ކުރި ދިރާސާއާ ތަފާތުކޮށް ބައެއް ތަނބުތައް ޖަހަން ޖެހުނު ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭރުގައި އަންދާޒާކުރެވިފައި ހުރި ވަރަށް ވުރެ ފުންކޮށް ބައެއް ތަނބުތައް ޖަހަން ޖެހުނު ކަމަށެވެ.

ބްރިޖުގެ މަސައްކަތް ކުރަން އަޅާފައި އޮތް ޕްލެޓް ފޯމު މަތީގައި މިއަދު ނޫސްވެރިން މަޑުކޮށްލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބްރިޖުގެ މަސައްކަތް ކުރަން އަޅާފައި އޮތް ޕްލެޓް ފޯމު މަތީގައި މިއަދު ނޫސްވެރިން މަޑުކޮށްލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ބައެއް ތަނބުތައް [އަންދާޒާކުރިވަރަށް ވުރެން] ތިލަކޮށް ވެސް ޖަހަން ޖެހިފައި އެބަހުރި. ނަމަވެސް އެވްރެޖްކޮށް ބަދަލެއް ނާދޭ. އެންމެ ފުންކޮށް ޖަހާފައިވާ ތަނބުގައި ކަނޑުގެ ސީބެޑުން އަޑިއަށް 100 މީޓަރަށް ޖަހާފައި އެބަހުރި. ކުރީގައި އެއީ، 80 ވަރަކަށް މީޓަރުގެ ފުން މިން ހުރި ތަން. އާއްމުކޮށް ތަނބު ޖަހާފައި ހުރީ 60-80 މީޓަރަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ސީސީސީސީގެ މުވައްޒަފުންތަކެއް މިއަދު މަސައްކަތުގައި: ޝެޑިއުލަށް ވުރެން މާ ކުރިން ބްރިޖު ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސީސީސީސީގެ މުވައްޒަފުންތަކެއް މިއަދު މަސައްކަތުގައި: ޝެޑިއުލަށް ވުރެން މާ ކުރިން ބްރިޖު ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބްރިޖު ސައިޓުގައި މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ޝެޑިއުލް މުވައްޒަފުންނަށް އެނގޭނެ ގޮތަށް ބަހައްޓާފައި ހުރިއިރު، އެ މަސައްކަތް ބާރު ސްޕީޑުގައި ދިއުމުގެ އަސްލަކީ، އެ މަސައްކަތަށް ދޭ ސަމާލުކަމާއި ސީސީސީސީގެ މުވައްޒަފުން އެކަމަށް ހުސްވެގެން ތިބުމެވެ. ބްރިޖގެ އެކި ސަރަހައްދުތައް ބަލަމުން ނޫސްވެރިން ހިނގިއިރުވެސް، ސައިޓުން ފެނުނީ، އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތަށް ސަމާލުކަން ދީގެން ތިބި ތަނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނިން ހަދާފައިވާ މަޝްހޫރު ބްރިޖްތަކާ އަޅާބަލާއިރު ކިތަންމެ ގޮންޖެހުން ބޮޑުވިއަސް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ" ދެ ގައުމު ގުޅުމުގެ ފާލަން ކަމަށް ސީސީސީސީން ގަބޫލުކުރެ އެވެ. އެއްވެސް ކަމެއްގައި ފަރުވާކުޑަނުކޮށް، ކުރިއަށް ގެންދަން ބޭނުން ވަނީ އެހެންވެ، ކަމަށް ޕްރޮޖެކްޓް މެނޭޖަރު ލިން ފޫ ވިދާޅުވި ވާހަކަ ވެސް ސައިޓުން ފެނުނު މަންޒަރުތަކުން ނޫސްވެރިންނަށް ގަބޫލުކުރެވުނެވެ.