Roadha Mihaaru
އޭލެވެލްއަށް އެންމެ ރަނގަޅީ ވިލާ: ޕްރިންސިޕަލް ސައީދު

ގްރޭޑް 11 އަދި 12 ކިޔަވަން އެންމެ ރަނގަޅީ ވިލާ ހައި ސްކޫލް: ޕްރިންސިޕަލް ސައީދު

12 ޖެނުއަރީ 2020

ގްރޭޑް 11 އަދި 12 ކިޔަވަން އެންމެ ރަނގަޅީ ވިލާ ހައި ސްކޫލް ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގްރޭޑް 11 އަދި 12 ކިޔަވަން އެންމެ ރަނގަޅީ ވިލާ ހައި ސްކޫލް ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ވިލާ ހައި ސްކޫލުން ގްރޭޑް 11 ކިޔެވުމުގެ ފުރުސަތު ހުޅުވާލަން ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލް ސައީދު "މިހާރު" އަށް ވިދާޅުވީ، އެންމެ ފުރިހަމަ ވަށައިޖެހޭ ތައުލީމެއް ލިބޭނީ އެ ސްކޫލުން ކަމަށެވެ.

"ވަސީލަތްތައް ވަކި މިއަށް ވުރެ ފުރިހަމަ އެހެން ސްކޫލެއް ނުހުންނާނެ ކަމަށް އަޅުގަނޑަށް ދަންނަވާލެވިދާނެ،" ސައީދު ވިދާޅުވި އެވެ.

އެ ގޮތުން އެ ސްކޫލުގެ ލައިބްރެރީ އަކީ އެތަނުން ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ވަރަށް މުހިއްމު ވަސީލަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިއަހަރު ލައިބްރަރީގެ ޖާގަ ބޮޑުކޮށްފައިވާ ކަމަށާއި އެތަނަކީ ވިލާ ކޮލެޖް ވެސް ހިންގާ ތަން ކަމަށް ވުމުން، ހައި ސްކޫލު ލެވެލަށް ވުރެ މަތީ ލެވެލްތަކަށް ބޭނުންވާ އެޑިއުކޭޝަނަލް މެޓީރިއަލް އެ ސްކޫލް ލައިބްރަރީން ލިބޭނެ ކަމަށް އޭނާ ވިދާޅުުވި އެވެ.

ދިވެހި އަދި އިސްލާމް މާއްދާއާ އެކު، އޯލެވެލުން ފަސް މާއްދާ އިން ފާސްވެފައިވާ ދަރިވަރުންނަށް އެ ސްކޫލުން ހިލޭ ކިޔެވޭނެ އެވެ. އެ ނޫން ދަރިވަރުންނަށް އެ ސްކޫލުން ކިޔެވޭނީ ފީ ދައްކައިގެނެވެ. އެ ސްކޫލުން ވަނުމަށް އެދި ހުށަހަޅަން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލާފައިވާ އިރު، އަންނަ މާޗުގެ އެއް ވަނަ ދުވަހު އާ ދަރިވަރުންނާ އެކު ގްރޭޑް 11ގެ ކިޔެވުން ވިލާ ހައި ސްކޫލުގައި ފަށާނެ އެވެ.

ސައިންސް އަދި ބިޒްނަސް ސްޓްރީމްގެ މާއްދާތަކުގެ އިތުރުން ދިވެހި، އިސްލާމް، އިނގިރޭސި، ހިސާބު އަދި ޓްރެވަލް އެންޑް ޓޫރިޒަމް (ޓީޓީ) ވެސް އެ ސްކޫލުން ކިޔެވޭނެ އެވެ. މިދިޔަ އަހަރު ތައާރަފްކުރި ޓީޓީ މާއްދާއަށް ބޮޑު ތަރުހީބެއް ލިބުމުން، ސައިންސް ކިޔަވާ ދަރިވަރުންނަށް ވެސް މި އަހަރު އެ މާއްދާ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ދަރިވަރުންނަށް ކިޔަވައިދޭނީ، ސްކޫލް ނިންމުމަށް ފަހު ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށްޓަކައި ކަމަށް އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު މި ބައްދަލުވުމުގައި ވިދާޅުވި އެވެ. ސިއްހީ ދާއިރާ އިން ކުރިއަރަން ބޭނުންވާ ދަރިވަރުންނަށް އައިޖީއެމްއެޗުން އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ވިލާ ހައި ސްކޫލުން މިދިޔަ އަހަރު ހުޅުވާލި އެވެ. އެހެން ދާއިރާތަކަށް ހާއްސަ އިންޓާންޝިޕް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެ ސްކޫލުން އަންނަނީ ކުރަމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއަހަރު ވެސް ވިލާ ހައި ސްކޫލުން ވަނީ ތިން ސްކޮލާޝިޕެއް ތައާރަފްކޮށްފަ އެވެ. އޯލެވެލް އިން އެއް ވަނަ ހާސިލްކުރާ ދަރިވަރުންނަށް ހުޅުވާލާފައިވާ "ބްރިލިއަންޓް ސްކޮލާޝިޕް" ގެ ދަށުން، އެ ދަރިވަރުންނަށް ވިލާ ހައި ސްކޫލުގެ ފަރާތުން ކޮންމެ މަހަކު 1،000 ރުފިޔާ ލިބޭނެ އެވެ. އަނެއް ދެ ސްކޮލާޝިޕް ހާސިލްކުރާ ދަރިވަރުންނަށް ލިބޭނީ މަހަކު ލިބޭނީ 500 ރުފިޔާ އެވެ. އެއީ ވަކި މާއްދާއަކުން ދުނިޔެއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ދޭ "ސަބްޖެކްޓް އެކްސްޕާޓް ސްކޮލާޝިޕް" އާއި ކުޅިވަރަކުން ނުވަތަ އިތުރު ހަރަކާތަކުން އިންޓަ ސްކޫލް ނުވަތަ ގައުމީ މުބާރާތަކުން އެއް ވަނަ ހޯދާ ދަރިވަރުންނަށް ދޭ "ސްޕޯޓްސް އެންޑް ކޯކަރިކިއުލާ ސްކޯލާޝިޕް" އެވެ.

މިދިޔަ އަހަރު 600 އަށް ވުރެ ގިނަ ދަރިވަރުން އެ ސްކޫލުން ތައުލީމް ހާސިލްކުރި އެވެ.