Roadha Mihaaru
ޖިއާންގެ މަރު:އެމްޑީގެ މައްސަލަ އިސްތިއުނާފަށް

ޖިއާންގެ މަރު: އެމްޑީގެ މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި

07 ޖެނުއަރީ 2020

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އުމުރުން ހަތް އަހަރުގެ ކުޑަކުއްޖަކު މަރުވި މައްސަލާގައި، އެ އިމާރާތުގެ މަސައްކަތްކުރި ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އުމުރުން ހަތް އަހަރުގެ ކުޑަކުއްޖަކު މަރުވި މައްސަލާގައި، އެ އިމާރާތުގެ މަސައްކަތްކުރި ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކަށް ސިމެންތި ބަސްތާ އަރުވަނިކޮށް، މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ރައުޝަން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އޭނާ މަރުވި މައްސަލާގައި ދައުލަތުން ހަ މީހަކަށް ދައުވާކުރި އެވެ. އެއީ އިންޑިއާގެ ހަތަރު މީހަކާއި ޑަބްލިއު ކޮންސްޓްރަކްޝަންގެ ސުޕަވައިޒަރެއް ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި އެ ކުންފުނީގެ އެމްޑީ އާދަމް ޝަފީގްގެ މައްޗަށެވެ.

އޭގެ ތެރެއިން ފަސް މީހަކަށް ކުށް ސާބިތުވާ ކަމަށް ނިންމައި، ދެ މީހަކު ޖަލަށްލުމަށާއި ދެން ތިބި ތިން މީހުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޫބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. އަދި އެކަމުގައި ޝަފީގް ކުރި އަމަލެއް ނެތުމުން އޭނާ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް ވެސް ކޯޓުން ހުކުމްކުރި އެވެ.

ޝަފީގްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.

އެ މައްސަލާގައި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށް ސާބިތުވެ އެއް ބިދޭސީއަކު ހަ އަހަރަށް ޖަލަށްލުމަށާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ކުށުގައި ދެވަނަ މީހާ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރި އެވެ.

މީގެ އިތުރުން ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ ސާބިތުވެ ދެން ތިބި ދެ ބިދޭސީންގެ މައްޗަށް 7،200ރ. ގެ ޖޫރިމަނާއެއް ކޯޓުން ކުރުމުގެ އިތުރުން މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ސުޕަވައިޒަރުގެ 115،200ރ. އިން ޖޫރިމަނާ ކުރަން ވެސް ހުކުމްކުރި އެވެ.