Roadha Mihaaru
ނަސްރަކީ ހެޔޮ މީހެއް، މަހަށް ދިޔައީ އާއިލީ އުފަލަށް!

ނަސްރަކީ ހެޔޮ މީހެއް، މަހަށް ދިޔައީ ވެސް އާއިލާގެ އުފަލަށް!

06 ޖެނުއަރީ 2020

ބޮޑު ޗުއްޓީ ފެށުމާ އެކު އަންހެނުންނާއި ދެ ދަރިން ބ. ދަރަވަންދުއަށް ދިޔަ ނަމަވެސް ނަސްރުﷲ އަބްދުﷲ، 41، މާލޭގައި މަޑުކުރީ އޮފީހުގެ ކަންކަން ހަމައަކަށް އެޅެންދެނެވެ. ސްކޫލް ބަންދަށް ވާތީ ގިނަ މުވައްޒަފުން ޗުއްޓީ ބޭނުންވާނެ ކަން އެނގި ނަސްރު ޗުއްޓީ އަށް އެދުނީ އޮފީހުގެ މަސައްކަތަށް ދަތިނުވާ ގޮތަށެވެ. ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ ނަސްރުގެ ޗުއްޓީ ހަމަޖެހި، އާއިލާގެ ގާތަށް ދަރަވަންދުއަށް ދެވުނީ މިދިޔަ އަންގާރަ ދުވަހެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑު ޗުއްޓީ ފެށުމާ އެކު އަންހެނުންނާއި ދެ ދަރިން ބ. ދަރަވަންދުއަށް ދިޔަ ނަމަވެސް ނަސްރުﷲ އަބްދުﷲ، 41، މާލޭގައި މަޑުކުރީ އޮފީހުގެ ކަންކަން ހަމައަކަށް އެޅެންދެނެވެ. ސްކޫލް ބަންދަށް ވާތީ ގިނަ މުވައްޒަފުން ޗުއްޓީ ބޭނުންވާނެ ކަން އެނގި ނަސްރު ޗުއްޓީ އަށް އެދުނީ އޮފީހުގެ މަސައްކަތަށް ދަތިނުވާ ގޮތަށެވެ. ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ ނަސްރުގެ ޗުއްޓީ ހަމަޖެހި، އާއިލާގެ ގާތަށް ދަރަވަންދުއަށް ދެވުނީ މިދިޔަ އަންގާރަ ދުވަހެވެ.

ނަސްރަކީ އޭދަފުށީ މީހަކަސް މި އަހަރު ރާވާފައި އޮތީ ދެ ފަރާތުގެ އާއިލާއާ އެކު އަންހެނުންގެ ރަށް، ދަރަވަންދޫގައި ޗުއްޓީ ހޭދަކުރާށެވެ. އެކަމަކު އެ އުއްމީދު ހަގީގަތަކަށް ވުމުގެ ކުރިން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ނަސްރަށް ކުރިމަތިވީ ހިތާމަވެރި ހާދިސާއެކެވެ. މަހަށް ނުކުމެ އުޅުނު ޑިންގީގައި ލޯންޗަކުން ޖެހި އޭނާ ވަނީ ކަނޑަށް ގެއްލިފަ އެވެ.

ނަސްރު ފެންނާނެ ކަމުގެ އުއްމީދު ގެއްލުވާ ނުލައި އެމްއެންޑީއެފުން އަދިވެސް އަންނަނީ ކަނޑު ސަރަހައްދާއި ފީނައިގެން އަޑި ވެސް ހޯދަމުންނެވެ.

ނަސްރު ގެއްލިގެން އެމްއެންޑީއެފުން ހޯދަމުން އަންނަ ސަރަހައްދު.

ނަސްރު ގެއްލިގެން އެމްއެންޑީއެފުން ހޯދަމުން އަންނަ ސަރަހައްދު.

އާއިލާ އިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ނަސްރަކީ އޭނާގެ އާއިލާ އާއި އަންހެނުންގެ އާއިލާގެ އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި އެންމެންނަށް ވެސް ވަރަށް ހެޔޮ މީހެކެވެ. ކިތަންމެ ބަސް މަދަސް އާއިލާގައި ޖެހޭ ހުރިހާ ކަމެއް އޮޅުންފިލުވައި އޭނާގެ އެހީގެ އަތް ދިއްކުރެ އެވެ.

"ރަށަށް އައިތާ ދެ ވަނަ ދުވަހު މި ކަމެއް މި ހިނގީ [ނަސްރު ގެއްލުނީ]. އޭރު ވެސް ނަސްރު އެ އުޅުނީ އާއިލީ ގުޅުން ބަދަހި ކުރުމުގައި،" އޭނާ ބުންޏެވެ.

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އިރުއޮއްސި 6:30 ހާއިރު ނަސްރާއި އޭނާގެ އަންހެނުންގެ ދެ ކޮއްކޮ ޑިންގީއެއްގައި މަހަށް ނުކުތީ އެ ރެއަށް ރާވާފައި އޮތް ބާބެކިއުއަކަށް ތާޒާ މަސްކޮޅެއް ހޯދާށެވެ. އާއިލާއާ އެކު ދަރަވަންދޫ އަތިރިމަތީގެ ސަރަހައްދަކަށް ދަތުރު ގޮސްފައި އެ ވަރުބަލިކަމާ އެކު ވެސް އެ ރެއަށް ރާވާފައި އޮތް ކެއުން ފަސްކުރަން ނަސްރު ބޭނުންނުވީ ކަމަށް އާއިލާ އިން ބުންޏެވެ.

"ބޮޑު ކެއުމެއް ބާއްވަން ބޭނުންވާ ސާމާނު ގަތުމަށް ލާރި ނަގާފައި ކޮޓަރީގައި ބަހައްޓާފައި މަހަށް ފުރީ. އެރޭ ނުދާން ބާރު އެޅީމަ ވެސް ލަސްނުވެ އަންނާނެ ކަމަށް ބުނެފައި ދިޔައީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ނަސްރާ އެކު ޑިންގީގައި ތިބި ދެ މީހުންނާ ހަވާލާދީ "މިހާރު" އަށް ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، މަސް ބާނައިގެން އެނބުރި ރަށަށް ދިޔަ މަގުމަތީގައި ލޯންޗު ދުރުން އަންނަ ތަން އެ މީހުންނަށް ފެނުނެވެ. ލޯންޗުގެ ކައްޕި އަށް ވެސް ޑިންގީ ފެނުނު ކަމަށް ވެ އެވެ.

"އެކަމަކު އޭރު ލޯންޗު ޑިންގީއާ ވަރަށް ގާތްވެފައި ހުރި ކަަމަށް ވަނީ،" އޭނާ ބުންޏެވެ.

ލޯންޗުން ޑިންގީގައި ޖެހުމާ އެކު ނަސްރާ އެކު އެކަކު ވެއްޓުނީ ކަނޑަށެވެ. އަނެކަކު ޑިންގީގެ ވަތުތެރެ އަށެވެ. ސަލާމަތަށް އެދި ދެ މީހަކު ގޮވި ނަމަވެސް ކަނޑަށް ވެއްޓުނު ހިސާބުން ނަސްރުގެ އަޑެއް ނީވޭ ކަމަށް ވެ އެވެ.

އެކްސިޑެންޓް ވި ލޯންޗުގެ ކައްޕި އެވަގުތު ގުޅީ އެ ލޯންޗު ދުއްވާ ކުންފުނީގެ އެހެން އުޅަނދަކަށެވެ. ދަރަވަންދޫގައި އޮތް ލޯންޗު އައިސް މީހުން ސަލާމަތްކުރިއިރު ވެސް ނަސްރުގެ އެއްވެސް ހަބަރެއް ނުވެ އެވެ.

އެކްސިޑެންޓްގައި ދެ ފަޅިވި، ޑިންގީ ދިޔައީ އަޑިއަށެވެ. އޭގެ އެއްވެސް ބައެއް މިހާތަނަށް ފެނިފަައެއް ނުވެ އެވެ.

ނަސްރުﷲ ގެއްލުނީ މި ޑިންގީގައި މަހަށް ނުކުމެ އުޅެނިކޮށް: ޑިންގީ ވެސް ވަނީ ގެއްލިފައި

ނަސްރުﷲ ގެއްލުނީ މި ޑިންގީގައި މަހަށް ނުކުމެ އުޅެނިކޮށް: ޑިންގީ ވެސް ވަނީ ގެއްލިފައި

ނަސްރު ގެއްލުމުގެ ހިތާމައިގައި ދެ ފަރާތުގެ އާއިލާ ތިބީ އޭނާ ފެންނާނެ ކަމުގެ އުއްމީދު ކަނޑާނުލަ އެވެ.

"ދެ ފަރާތުގެ އާއިލާ އަށް ވެސް ވަރަށް ބޮޑު ހިތާމައެއް. ދެ އާއިލާގެ ކަންކަން ޒިންމާދާރުކަމާ އެކު ބަލަހައްޓަމުން އައީ ނަސްރު. މާލޭގައި ހުއްޓަސް ހަދިޔާ ފޮނުވުމާއި އާއިލީ ގުޅުންތަކުގައި ފަރުވާކުޑައެއް ނުކުރާނެ. ހުރިހާ ކަމެއްގައި އިސްކުރާނީ މަސްލަހަތު. އެއްވެސް މީހެއްގެ ގޯސް ވާހަކައެއް ނުދައްކާނެ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކައިވެންޏެއްކޮށް ނަސްރު މާލެ ބަދަލުވީ މީގެ 18 އަހަރު ކުރިންނެވެ. އޭނާ މާލެ އައިސް ބްރައިޓް ބްރަދާސްގެ ވަޒީފާއާ ގުޅި އެތަނުގައި އުޅޭތާ ވެސް ގާތްގަނޑަކަށް 15 އަހަރު ވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

"އާއިލީ ގުޅުމުގައި އެކަންޏެއް ނޫން، ވަޒީފާގައި ވެސް ނަސްރަކީ ފަރުވާކުޑަ ނުކުރާ، އެހެން މީހުންނަށް އެހީވާ ނަމޫނާއެއް."

އޭސީގެ މަރާމާތުކުރުމުގައި ބްރައިޓް ބްރަދާސްގެ ހިދުމަތް ކުރިންސުރެ ހޯދަމުން އަންނަ ކުންފުންޏެއްގެ މެނޭޖަރަކު، ނަން ނުޖަހާ ގޮތަށް، ބުނީ ނަސްރަކީ ނަމޫނާ މީހެއް ކަމަށެވެ.

"މަސައްކަތާ ހަމައެކަނި ހަވާލުވަނީއެއް ނޫން. މަސައްކަތް ދާ ގޮތް ވެސް ބަލާނެ،" އޭނާ ބުންޏެވެ.

"ވަރަށް މަދުވާނެ އެގޮތަށް ކަސްޓަމަރުންނާ ޑީލްކުރާ މުވައްޒަފުން."