Roadha Mihaaru
އެކްސިޑެންޓުގައި އަނިޔާވި ކައްޕިގެ ހާލު ސީރިއަސް

އެކްސިޑެންޓުގައި އަނިޔާވި ކައްޕިގެ ހާލު ސީރިއަސް

04 ޖެނުއަރީ 2020

ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އެކްސިޑެންޓު ހިނގި އިރު ލޯންޗު ދުއްވަން އިން ކައްޕި މުހައްމަދު މުސްތަފާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އެކްސިޑެންޓު ހިނގި އިރު ލޯންޗު ދުއްވަން އިން ކައްޕި މުހައްމަދު މުސްތަފާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކައްޕިގެ ހާލު އެ ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ ކައްޕިގެ މޫނުގެ ކަށިގަނޑެއް ބިނދި، ލޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އޭނާ މާލެ ގެނައީ ދަރަވަންދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެވެ.

ލޯންޗުގެ ފަޅުވެރިއަކަށް ހުރި ބިދޭސީމީހާ އަށް ވެސް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބ. ދޮންފަނު ކައިރީގައި، އެ އެކްސިޑެންޓު ހިނގީ ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އާއި އެ އަތޮޅު އޭދަފުށިން ދަރަވަންދު އަށް ދަތުރުކުރި ލޯންޗު ޖެހިގެންނެވެ. ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ބ. އޭދަފުށީ، މުސްތަރީގޭ ނަސްރުﷲ އަބްދުﷲ 41، ވަނީ ކަނޑަށް ވެއްޓި ގެއްލިފަ އެވެ.

ފުލުހުން ބުނިގޮތުގައި ޑިންގީގައި ތިބި އަނެއް ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާވި އެވެ. ނަސްރުﷲގެ އިތުރުން ޑިންގީން ދަތުރުކުރީ އޭނާގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަޒީފެވެ.

ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި ނަސްރުﷲ ކަނޑަށް ވެއްޓުނީ ޑިންގީގެ ފަހަތުގައި އޭނާ އިންދައި ލޯންޗުން ޖެހުމުން ކަމަށް ބެލެވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.