Roadha Mihaaru
ބަލޮޓެލީގެ ލަނޑުން ނީސް އެއް ވަނަ އަށް

ބަލޮޓެލީގެ ލަނޑުން ނީސް އެއް ވަނަ އަށް

03 އޮކްޓޯބަރ 2016

ޕެރިސް (އޮކްޓޫބަރު 3) - މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް މާރިއޯ ބަލޮޓެލީ ޖެހި ލަނޑާ އެކު 2-1 އިން ލޮރިއެންޓް ބަލިކޮށް ނީސް ފްރާންސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮކްޓޫބަރު 3) - މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް މާރިއޯ ބަލޮޓެލީ ޖެހި ލަނޑާ އެކު 2-1 އިން ލޮރިއެންޓް ބަލިކޮށް ނީސް ފްރާންސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ނީސް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. މެޗުގެ އިތުރު ވަގުތުގައި ބަލޮޓެލީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. ބަލޮޓެލީ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމަށް ލައިގެން ހުރި ޖާޒީ ބޭލުމުންނެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ލޮރިއެންޓްގެ ފަހަތަށް ކުޅޭ ސްޓިވެން މޮރެއިރާއާ ބޯޅަ ނެތިސް ކުރިމަތިލާން އުޅުމުންނެވެ.

ރޭގެ މެޗަށް ނީސް ނުކުތްއިރު ލީގުގައި ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި 7-0 އިން ހޯދި ބޮޑު މޮޅާ އެކު މޮނާކޯ އޮތީ ލީގުގެ އެއް ވަނައިގަ އެވެ. އެހެން ނަމަވެސް ރޭ ނީސް މޮޅުވުމުން އެ ޓީމު ވަނީ އަލުން ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ.

ނީސް އެއް ވަނައިގައި އޮތީ މެޗަކުން ބަލިނުވެ، އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޮނާކޯ އަށް އަށް މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ތިން ވަނައިގައި އޮތީ އަށް މެޗުން ލިބުނު 16 ޕޮއިންޓާ އެކު އެވެ.

އަމިއްލަ ދަނޑުގައި ނީސް އަށް ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ރިކާޑޯ ޕެރޭރާ އެވެ. ލޮރިއެންޓަށް މެޗުގެ 61 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ބެންޖަމިން މޫކަންޖޯ އެވެ. މެޗު އެއްވަރުވާން ދަނިކޮށް ބަލޮޓެލީ ނީސް މޮޅުކޮށްދިނީ 86 ވަނަ މިނިޓްގަ އެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ލިވަޕޫލް ދޫކޮށް ނީސް އަށް ބަދަލުވުމަށް ފަހު ބަލޮޓެލީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ލީގުގައި ނީސް އަށް ކުޅެދިން އަށް މެޗުން ބަލޮޓެލީ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ.