03 އޮކްޓޯބަރ 2016
ކޮލަމްބޯ (އޮކްޓޯބަރު 3) - ސްރީ ލަންކާގެ އިންފްރާސްޓްރަކްޗާ އަށް ލޯނު ނަގައިގެން ބޮޑު ހޭދައެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ދަރަނި ބޮޑުވެފައިވާ މިންވަރު ސަރުކާރަށް ވެސް ނޭނގޭ ހިސާބަށް ހިނގައްޖެ އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 3) - ސްރީ ލަންކާގެ އިންފްރާސްޓްރަކްޗާ އަށް ލޯނު ނަގައިގެން ބޮޑު ހޭދައެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ދަރަނި ބޮޑުވެފައިވާ މިންވަރު ސަރުކާރަށް ވެސް ނޭނގޭ ހިސާބަށް ހިނގައްޖެ އެވެ.
ލަންކާގެ ބޭރުގެ ދަރަނި ބޮޑުވުމުން މިހާރު ވަނީ ގައުމު ބަނގުރޫޓުވާ ހިސާބުގަ އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މާލީ އަށް އެހީ ހޯދަން މަޖްބޫރުވެފަ އެވެ.
ރަސްމީ ހިސާބުތައް ދައްކާ ގޮތުން ލަންކާގެ ދަރަނި ވަނީ 64.9 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މީގެ ތެރޭން 8 ބިލިއަން ޑޮލަރު ދަރައިފައި ވަނީ ޗައިނާ އަށެވެ. ގައުމުގެ ޖީޑީޕީން ދަރަނި ވަނީ 75 ޕަސެންޓަށް އަރައިފަ އެވެ. ސަރުކާރަށް ލިބޭ އާމްދަނީގެ 95.4 ޕަސެންޓް ހޭދަކުރަން ޖެހެނީ ލޯނު އަނބުރާ ދެއްކުމަށެވެ. މާނައަކީ ސަރުކާރަށް ލިބޭ ކޮންމެ ޑޮލަރުން ގައުމުގެ މުހިންމު ކަންކަމަށް ހޭދަކުރަން ލިބެނީ 4.60 ސެންޓް ކަމެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ލަންކާގައި ހަދާފައިވާ މައްތަލަ އެއާޕޯޓް.
ސަރުކާރުން ސީދާ ނަގާފައިވާ ލޯނުތަކުގެ އިތުރުން ކުރީގެ ސަރުކާރުން ވަނީ ސަރުކާރު ކުންފުނިތައް މެދުވެރިވެގެން ވެސް އިތުރު ލޯނުތައް ނަގައިފަ އެވެ. މި ލޯނުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ވެސް ފެންނާކަށް ނެތެވެ.
"ލަންކާގެ ހަގީގީ ދަރަނީގެ މިންވަރަކީ ކޮބައިކަމެއް ނޭނގޭ،" ޕާލަމެންޓުގައި މިދިޔަ މަހު ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި އެވެ.
ލަންކާގެ ދަރަނި ބޮޑުވެފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކެއް ހިންގަން ފެށުމުންނެވެ. ދެހާސް ނުވަ ވަނަ އަހަރުން 2014 އާ ދެމެދު ސަރުކާރުގެ ދަރަނި ވަނީ ތިން ގުނަ ބޮޑުވެފަ އެވެ. އަަދި ބޭރުގެ ދަރަނި ދެ ގުނައަށް އަރާފައިވެ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ ޖަންގަލީގެ މެދުގައި މަލްޓި ބިލިއަން ޑޮލަރުގެ ސިޓީއެއް އެއާޕޯޓަކާ އެކު ތަރައްގީކޮށް، އަގު ބޮޑު ދެ ހައިވޭ ހަދާ އަދި ކޮލަމްބޯ ހާބަރުން ގަލެއް ނެގުމަށް ހަމައެކަނި 42 މިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކޮށްފަ އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ހަމްބަންޓޯޓާގައި ހަދާފައިވާ ބަނދަރު.
ލަންކާގެ މިހާރުގެ ސަރުކާރުގެ ޚަރަދުތައް ވެސް ހުރީ ހިފެހެއްޓިފައެއް ނޫނެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ އަހަރުގެ ކުރީކޮޅު ވެރިކަމަަށް ވަޑައިގެންނެވި ފަހުން އެތެރޭގެ ދަަރަނި ވަނީ 12 ޕަސެންޓް އަދި ބޭރުގެ ދަރަނި 25 ޕަސެންޓަށް ބޮޑުވެފަ އެވެ.
ރާޖަޕަކްސާ ވެސް ވަނީ ސިރިސޭނާގެ އިގްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ. ލަންކާ އާ ސަރުކާރުން ނެގި ލޯނުގެ އަދަދަށް ބަލާ ނަމަ އެމަނިކުފާނު މައްތަލައިގައި ދެ އެއާޕޯޓް ހަދާ، ހަމްބަމްޓޯޓާގައި އެއް ބަނދަރު ހަދާ، ނޮރޮޗޮލައިގައި ކޯލް ޕަވާ ޕްލާންޓެއް ހަދާ، ކޮލަމްބޯ-މަތަރާ ހައިވޭއެއް ހަދާ، ކޮލަމްބޯ-ކަތުނަޔަކަ ހައިވޭއެއް ހަދާ، 500 މެގަވޮޓުގެ ސަމްޕޫރު ކޯލް ޕްލާންޓެއް ހަދާ އަދި ކޮލަމްބޯ ޕޯޓް ސިޓީގެ ފަދަ ދެ ސިޓީ ހެއްދެވީސް ކަމަށް ރާޖަޕަކްސާ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
މި އަހަރު އެކަނިވެސް ބޭރުގެ ފަރާތްތަކަށް ލަންކާ އިން 4.5 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަންނަ އަހަރު ހަތަރު ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ދަރަނި އަދާކުރަން ލަންކާއިން ދަނީ އެކި ގޮތްގޮތަށް ހުށަހެޅުންތައް ހުށަހަޅަމުންނެވެ. މި ގޮތުން އެ ގައުމުގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް ވިއްކާލުން ނުވަތަ ބޭރުގެ ފަރާތްތަކަށް ހިންގުން ހަވާލު ކުރުން ހިމެނެ އެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ: ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ގެންދަވަނީ ފާޑުވިދާޅުވަމުން. --ފޮޓޯ:އޭއެފްޕީ
އައިއެމްއެފް އިން އެޕްރީލް މަހު ވަނީ ލަންކާ އަށް 1.5 ބިލިއަން ޑޮލަރު ދޭން އެއްބަސްވެފަ އެވެ. އެއީ ލަންކާގެ އިގްތިސާދަށް ބަދަލުތަކެއް ގެންނަން ޝަރުތުކޮށްފަ އެވެ. އެކަމަކު ލަންކާގެ ސެންޓްރަލް ބޭންކުން މިހާރު ދަނީ އިތުރު ފަސް ބިލިއަން ޑޮލަރުގެ ލޯނު ހޯދަން މަސައްކަތް ކުރަމުންނެވެ.
ޗައިނާ އިން ލަންކާގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް ކަމަށްވާ މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓާއި ހަމްބަންޓޯޓާ ބަނދަރުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ޗައިނާ އަށް ދޫކޮށްލުމަށް ލަންކާ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު ޗައިނާ އިން ބުނެފައިވަނީ އެ ތަންތަން ހިންގަން ޝައުގުވެރި ނުވާ ކަމަށެވެ. އަދި އެއީ ޗައިނާގެ ގާނޫނުތަކުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މައްތަލަ އެއާޕޯޓަށް ވަނީ 210 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. މީގެ ތެރޭން ލޯނުގެ ގޮތުގައި ޗައިނާ އިން ވަނީ 190 މިލިއަން ޑޮލަރު ދީފަ އެވެ. އަދި ރައީސް މަހިންދާ ރާޖަޕަކްސާގެ ރަށް ކަމަށްވާ ހަމްބަންޓޯޓާ ބަނދަރުގެ ފޭސް އެކަކަށް ވަނީ 361 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. މީގެ ތެރޭން 85 ޕަސެންޓަކީ ޗައިނާގެ އެގްޒިމް ބޭންކުން ދިން ލޯނެވެ.
އައިއެމްއެފްގެ އެހީގެކުރިން ދަރަނީގެ ޔަގީންކަން ދޭންޖެހޭ
ލޯނު އެހީއާ އެކު ލަންކާގެ އިގްތިސާދު ހަމައަކަށް އެޅެނީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ރަނިލް، ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި
ލަންކާ އެ ހާލަތަށް ވެއްޓުނީ މިސްމެނޭޖްމަންޓުގެ ސަބަބުން
ލަންކާ ސަލާމަތް ކޮށްދިނުމަށް އައިއެމްއެފަށް ގޮވާލައިފި
ލަންކާގެ 51 ބިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓްވެއްޖެ