Roadha Mihaaru
އައިއެމްއެފްގެ އެހީގެކުރިން ދަރަނީގެ ޔަގީންކަން ދޭންޖެހޭ

އައިއެމްއެފްގެ އެހީ ލަންކާ އަށް ދޭނީ ދަރަނި ރިސްޓްރަކްޗާ ކުރުމުން

20 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 20) - އިގްތިސާދީ އަޑިގަނޑުން ސްރީ ލަންކާ ސަލާމަތް ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މާލީ އެހީތެރިކަން ދިނުމުގެ ގޮތުން އެ ގައުމުގެ ދަރަނިތައް ރިސްޓްރަކްޗާކޮށް، ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށް އައިއެމްއެފް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 20) - އިގްތިސާދީ އަޑިގަނޑުން ސްރީ ލަންކާ ސަލާމަތް ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މާލީ އެހީތެރިކަން ދިނުމުގެ ގޮތުން އެ ގައުމުގެ ދަރަނިތައް ރިސްޓްރަކްޗާކޮށް، ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށް އައިއެމްއެފް އިން ބުނެފި އެވެ.

ލަންކާ އާއި އައިއެމްއެފް އިން މިހާރު ވަނީ ބެއިލްއައުޓް ޕްރޮގްރާމަކާ ގުޅޭ ގޮތުން މަޝްވަރާތައް ފަށައިފަ އެވެ. ވޮޝިންޓަނުގައި ފެށި މަޝްވަރާކުގައި ލަންކާގެ ފަރާތުން އިސްކޮށް ހުންނަވަނީ ދާދި ފަހުން މާލީ ވަޒީރުގެ މަގާމަށް ހަމަޖެއްސި އަލީ ސަބްރީ އެވެ.

ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ 1948 ވަނަ އަހަރު އެ ގައުމު މިނިވަންވީ ފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ތަދުމަޑު ކަމެވެ.

"ސްރީ ލަންކާގެ ދަރަނިތައް ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭނެކަމުގެ ޔަގީންކަން ނެތް ނަމަ، އައިއެމްއެފްގެ އެހީގެ ކުރިން އެ ގައުމުން ޖެހޭނެ ދަރަނިތައް އަލުން ސްޓްރަކްޗާކޮށް، ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދޭން،" އައިއެމްއެފްގެ ކަންޓްރީ ޑިރެކްޓަރު މަސަހީރޯ ނޮޒާކީ ވިދާޅުވި އެވެ. "އައިއެމްއެފްގެ އެހީގެ ޕްރޮގްރާމުގެ ކުރިން އެ ޔަގީންކަން ލިބެން ޖެހޭނެ."

އައިއެމްއެފް އިން ބުނީ ސްރީ ލަންކާއާ އެކު ފަށާފައިވާ މަޝްވަރާތައް އަދި އުޅެނީ ވަރަށް ޅަފަތުގެ ސްޓޭޖެއްގައި ކަމަށެވެ. ނަމަވެސް ލަންކާ އަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތާއި އާއްމުން އުފުލަން ޖެހޭ ބުރަތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

އައިއެމްއެފް އިން މި އަހަރު ކުރީކޮޅު ވަނީ ލަންކާގެ 51 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ނުދެއްކޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ލަންކާ އިން މިދިޔަ ހަފުތާގައި ވަނީ އެ ގައުމުގެ ބޭރުގެ ދަރަނިތައް ނުދެއްކޭނެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އައިއެމްއެފް އިން ބުނީ ލަންކާގެ މިހާރުގެ ދަރަނީގެ ހާލަތު އޮތްގޮތުން އިމަޖެންސީ ފައިނޭންސިން އަށް ވެސް އެ ގައުމުން ހުށަނޭޅޭނެ ކަމަށެވެ.

ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ އައިއެމްއެފްގެ އެހީ އަށް އެ ގައުމުން މާކުރިން އެދެންޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށް ހޯމަ ދުވަހު ވިދާޅުވެފަ އެވެ.

އެންމެ އަސާސީ ތަކެތި ކަމަށްވާ ބޭހާއި ތެލާއި ގޭސް އަދި ކާބޯތަކެތި ގަންނާނެ ޑޮލަރު ވެސް އެ ގައުމުގައި ނެތެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ނުކުމެ ސަރުކާރާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ. މެދު ތެރޭގެ ޓައުނެއްގައި މުޒާހަރާގެ ތެރެއަށް ރޭ ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ 29 މީހުން ވަނީ ޒަޚަމްވެފަ އެވެ.