Roadha Mihaaru
ހަައްޔަރުކުރި މީހާ ދޫކޮށްލައިފި، ފައިސާއެއް ނުފެނުނު!

ހަައްޔަރުކުރި މީހާ ދޫކޮށްލައިފި، ފައިސާއެއް ނުފެނުނު!

30 ޑިސެމްބަރ 2019

ގދ. ގައްދޫގެ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި ވަގުކަލޭގެ، މިދިއަ ހޯމަދުވަހު ދޫކޮށްލައިފި އެވެ. އެކަމަކު ވަގަށް ގެންދިޔަ ފައިސާގެ ތެރެއިން އެންމެ ރުފިޔާއެއް ވެސް ހޯދިފައެއް ނުވެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގދ. ގައްދޫގެ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި ވަގުކަލޭގެ، މިދިއަ ހޯމަދުވަހު ދޫކޮށްލައިފި އެވެ. އެކަމަކު ވަގަށް ގެންދިޔަ ފައިސާގެ ތެރެއިން އެންމެ ރުފިޔާއެއް ވެސް ހޯދިފައެއް ނުވެ އެވެ.

މި މަހު 16 ދުވަހު، ގައްދޫ މިސްކިތުގެ އިމާމް މުހައްމަދު ޖަމީލް، 79، ގެ ގެއިން ވައްކަން ކުރީ އޭނާ ފަތިސް ނަމާދަށް ދިޔަ ވަގުތެވެ. އެ ވައްކަމުގެ ތުހުމަތުގައި 42 އަހަރުގެ ފިރިހެނަކު ހަމަ އެ ދުވަހު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖެހި އެވެ.

ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު އޭނާ ދޫކޮށްލީ، ތަހުގީގު ފުރިހަމަކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

ޖަމީލާއި އޭނާގެ އަންހެނުން އާދިލާ އާދަމް، 76، ނިދާ ކޮޓަރީގައި ހުރި ފޮއްޓެއްގައި ރައްކާކޮށްފައި އޮތް 95،000 ރުފިޔާ އާއި 1،000 ޑޮލަރު (15،420ރ.) ވަގަށް ގެންދިޔަ އެވެ.

އާދިލާ އަކީ އެނދުން ވެސް ނުތެދުވެވޭ ފަދަ ހާލަތެއްގައި އޮންނަ މީހެކެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ވައްކަން ކުރި އިރު އާދިލާ އޮތީ ހޭލަ އެވެ. ވައްކަން ކުރީ ކާކުކަން ވެސް އޭނާއަށް އެނގުނު ކަމަށް، އާއިލާ އިން ބުނެ އެވެ.

ފުލުހުން ހައްޔަރުކުރީ ކުރިން ވެސް ވައްކަމުގެ މައްސަލަތައް ހުރި މީހެކެވެ.

ވައްކަން ކުރި ރޭގެ ކުރީ ރޭ އެ ގޭގެ ގިފިލީގެ ދޮރަށް ގެއްލުން ދީފައި ހުރުމުން ފުލުހުންނަށް އެކަން އެންގި އެވެ.

ޖަމީލަކީ އިމާމުކަމުގެ އިތުރުން ވަޑާމުގެ މަސައްކަތް ވެސް ކުރިން ކުރި މީހެކެވެ. މިހާރު އިމާމަކަށް އުޅެނީ ވަގުތީ ގޮތުންނެވެ.