Roadha Mihaaru
ފިޔަވަޅު އެޅޭނީ ފައިނަލް ރިޕޯޓުތައް ލިބުމުން: ހޫދު

ފިޔަވަޅު އެޅޭނީ ފައިނަލް ރިޕޯޓުތައް ލިބުމުން: ހޫދު

25 ޑިސެމްބަރ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނުން ހާމަކޮށްފައިވާ ކަންތައްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅިފައި ވަނީ އެ ކޮމިޝަންތަކުގެ ރިޕޯޓު ފައިނަލް ކޮށްފައި ނެތުމުން ކަމަށް އެމަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނުން ހާމަކޮށްފައިވާ ކަންތައްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅިފައި ވަނީ އެ ކޮމިޝަންތަކުގެ ރިޕޯޓު ފައިނަލް ކޮށްފައި ނެތުމުން ކަމަށް އެމަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލާފައިވާ މީހުންނާ ގުޅޭ މައްސަލަތައް ބެލުމަށް ދެ ކޮމިޝަނެއް އުފެއްދެވުމެވެ.

ހާމަކޮށްފައިވާ ކަންތައްތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅިފައި ވަނީ ފައިނަލް ރިޕޯޓު ނުލިބިގެން ކަމަށް ހޫދު ވިދާޅުވިޔަސް މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އެކުލަވައިލި ދެ ރިޕޯޓެއް ސަރުކާރުން ވަނީ އާންމު ވެސް ކޮށްފަ އެވެ.

އެއީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ބެހޭ ރިޕޯޓަކާއި ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ރިޕޯޓެވެ. އެ ރިޕޯޓުތަކުގައި، ތުހުމަތު ކުރެވޭ މީހުންގެ ނަންތައް ވެސް ހިމަނާފައިވެ އެވެ.

މަރުތަކުގައި ތުހުމަތުކޮށް ބައެއްގެ ނަންތައް އާއްމުކޮށްފައި ވިޔަސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ ވަރުގެ ހެއްކެއް ނެތް ކަމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ބުނެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ، ދެ ކޮމިޝަނުން ރިޕޯޓްތައް އެކުލަވާލައި ރައީސް އޮފީހަށް އަދި ނުފޮނުވާ ކަމަށެވެ. މިހާތަނަށް ފޮނުވާފައި ވަނީ މުޅިން ވެސް ޑްރާފްތައް ކަމަށާއި ބަޔަކާ މެދު ފިޔަވަޅެއް އެޅޭނީ ފައިނަލް ރިޕޯޓުތައް ފޮނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލު ހޫދު އަޑުއައްސަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލު ހޫދު އަޑުއައްސަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެއް ޑްރާފްޓުން އަނެއް ޑްރާފްޓަށް ދާއިރު ޑްރާފްޓަށް ބޮޑެތި ބަދަލުތަކެއް އައިސް ހުރޭ. އެހެންވީމާ ޑްރާފްޓަކަށް އަމަލެއް ނުކުރެވޭނެ. ރިޕޯޓް ފައިނަލް ވެގެން މިކޮޅަށް ހުށަހެޅުމުން އެ އަށް އަމަލު ކުރާނީ،" ހޫދު ވިދާޅުވި އެވެ.

"އިންސާފު ހޯދައި ދިނުމުގެ އަޒުމުގައި އަޅުގަނޑުމެން މި ތިބީ."

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވައިލި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މި މަހު އައްޔަން ކޮށްފައިވާއިރު، އެ ކޮމިޝަންގެ އެހެން މެމްބަރަކު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ. އެ ކޮމިޝަން މިހާރު ހިންގަނީ ރައީސަކު ވެސް ނެތި އެވެ.

ހޫދު ވިދާޅުވި ގޮތުގައި، ބާކީ ތިއްބެވި ތިން މެމްބަރުންނާ އެކު އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދެ އެވެ. އަދި އާ ދެ ބޭފުޅަކު ކޮމިޝަނަށް އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.

މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓާ ގުޅިގެން މިހާތަނަށް މާލެ އާއި އައްޑޫގެ ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވެސް ވަނީ ފޮނުވާފަ އެވެ.

ރިޕޯޓް ފައިނަލް ނުވަނީސް ބައެއް ބޭފުޅުންނާ ދޭތެރޭ ފިޔަވަޅު އަޅަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ހޫދު ވިދާޅުވީ ދައުވާ ކުރުމުގެ ބާރު ކޮމިޝަންތަކަށް ލިބިގެންވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.