Roadha Mihaaru

ދެ ކޮމިޝަނަށް ބާރުތައް ދިނުމުގެ ބިލް: ކަންބޮޑުވުންތަކާ ދިމާލުގައި؟!

ރިިޔާސީ ކޮމިޝަންތައް އުފެއްދުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އާ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް އެކި ނަންނަމުގައި އަދި އެކި ބޭނުމުގައި ރިޔާސީ ކޮމިޝަންތައް އުފައްދައި، މަސައްކަތްތަކެއް ކުރި އެވެ. ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ދައުލަތުން ޚަރަދުތަކެއް ކޮށްގެން އެފަދަ ކޮމިޝަންތަކެއް އުފެއްދިޔަސް، ގިނަ ބަޔަކު ބަލައިގަންނަ ފަދަ އެދެވޭ މަސައްކަތްތަކެއް އެއިން އެއްވެސް ކޮމިޝަނަކަށް މިހާތަނަށް ކުރެވިފައެއް ނެތެވެ.

ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

13 ޑިސެމްބަރ 2018

ރިިޔާސީ ކޮމިޝަންތައް އުފެއްދުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އާ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް އެކި ނަންނަމުގައި އަދި އެކި ބޭނުމުގައި ރިޔާސީ ކޮމިޝަންތައް އުފައްދައި، މަސައްކަތްތަކެއް ކުރި އެވެ. ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ދައުލަތުން ޚަރަދުތަކެއް ކޮށްގެން އެފަދަ ކޮމިޝަންތަކެއް އުފެއްދިޔަސް، ގިނަ ބަޔަކު ބަލައިގަންނަ ފަދަ އެދެވޭ މަސައްކަތްތަކެއް އެއިން އެއްވެސް ކޮމިޝަނަކަށް މިހާތަނަށް ކުރެވިފައެއް ނެތެވެ.

މިއީ އަނެއްކާވެސް އެފަދަ ދުވަސްކޮޅެކެވެ. ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ރިޔާސީ ކޮމިޝަނަކާއި ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދައި، ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އުފައްދަވައިފަ އެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ވަނީ އެ ދެ ކޮޮމިޝަނަށް ގާނޫނީ ބާރުތަކެއް ދިނުމުގެ މަސައްކަތް ވެސް ފަށައި، އެކަމާ ބެހޭ ބިލެއް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބިލާ ދެކޮޅު ހައްދަވާ އިދިކޮޅު ޕީޕީއެމް މެމްބަރުންގެ ނަޒަރުގައި އެއީ މިހާރުގެ އިދިކޮޅު ފަރާތްތަކަށް އަމާޒު ކޮށްފައިވާ ބިލެކެވެ. އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ، އޭގެ ދަށުން އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް، ޖަލަށްލުމުގެ ސިލްސިލާތަކެއް ފެށިގެންދާނެ ކަމަށް އެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އަދި އެ ބިލުގައި، ޖިނާއީ ތަހުގީގުތައް ހިންގަން ތަހުގީގީ އިދާރާތަކަށް ލިބިދޭ ބާރުތައް ރިޔާސީ ދެ ކޮމިޝަނަށް ވެސް ލިބިދޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް އެ ބިލާ ދެކޮޅު ހައްދަވާ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެ ބިލަށް ތާއީދުކުރާ ބޭފުޅުންގެ ނަޒަރުގައި ޚާއްސަ ބާރުތަކެއް ރިޔާސީ ދެ ކޮމިޝަނަށް ދީގެން ވިޔަސް، އެކަންކަން ބެލެން އެބަ ޖެހެ އެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވިދާޅުވަނީ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ނެތުމެވެ. އެހެންވެ، ޝައްކު އުފެދިފައި ހުރި މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާ ކުރުވިގެން ނޫނީ ރައްޔިތުންގެ އިތުބާރު ނުހޯދޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެހެން އިދާރާތަކުގެ ބާރު ކަނޑާލެވޭ ގޮތަށް

މި ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް މަޖިލީހަށް ހުށަހެޅުމަކީ ދުވަސްތަކަކަށް ފަހު އަނެއްކާވެސް މަޖިލީހުގެ ތަޅުން ހަލަބޮލިވި ކަމެކެވެ. އެ ބިލް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ ކުރި އިހްތިޖާޖްތަކަށް ފަހު، އެންމެ ފަހުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވެސް ވަނީ އެ ބިލުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރައްވައިފަ އެވެ.

އެ ބިލް އޮތީ އޭގެ ޒާތުގައި ޚާއްސަ އަދި ބޮޑެތި ބާރުތަކެއް ރިޔާސީ ދެ ކޮމިޝަނަށް ލިބޭ ގޮތަށެވެ. އެ ބިލް އޮތް ގޮތުން އެ ދެ ކޮމިޝަނުން ކުރާ ތަހުގީގުތަކާ ގުޅިގެން ތަންތަން ފާސްކުރަން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީ ހޯދުމާއި އެކަމަށް ކޯޓު އަމުރު ހޯދުމާއި މައްސަލައާ ގުޅޭ ތަކެތި ހިފެހެއްޓުމާއި އެކައުންޓްތައް ފްރީޒް ކުރަން އެންގުމާއި މީހުން ފުރުން މަނާކުރުމާއި މުދަލެއް ނުވަތަ ފައިސާއެއް ބޭރަށް ގެންދިއުން ނުވަތަ މިލްކުވެރިކަން ބަދަލު ކުރުން ހުއްޓުވަން އެންގުމުގެ ބާރު ވެސް އޮވެ އެވެ.

މީގެ އިތުރުން މީހުން ހައްޔަރު ކުރަން ފުލުހުންނަށް އެންގުމާއި ރިޔާސީ ކޮމިޝަނަށް ހާޒިރުނުވާ މީހުން ބަންދުކޮށްގެން ހާޒިރު ކުރަން އެންގުން ފަދަ ބާރުތައް ވެސް އެ ބިލުން ކޮމިޝަންތަކަށް ލިބެ އެވެ. މިއީ މިހާތަނަށް، ރިޔާސީ ކޮމިޝަނަކަށް ނުލިބޭ ފަދަ ބޮޑެތި ބާރުތަކެކެވެ.

ޚާއްސަ ބާރުތަކެއް ކޮމިޝަނަށް ދިނުމުގެ އިތުރުން އެ ދެ ކޮމިޝަނުން ބަލާ މައްސަލަތަކުގައި ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގައި ވެސް ޚާއްސަ އިޖްރާއާތުތަކެއް އެ ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ދެ ކޮމިޝަނުން ކުރާ ތަހުގީގުތަކާ ގުޅިގެން ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މުޅިން ވަކި އިމާރާތެއްގައި ޚާއްސަ ޑިޕާޓްމެންޓެއް ޕްރޮސެކިއުޓާ ޖެނެރަލް އުފައްދަން ޖެހޭއިރު، އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމަން ޖެހެ އެވެ. އަދި ދައުވާ ކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ޝަރީއަތް ނިންމަން ޖެހޭއިރު، އިސްތިއުނާފްގެ ކޮންމެ މަރުހަލާއެއް ވެސް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ކުށުގެ ވެށިން ނޫން ގޮތަކަށް މީހުން ހައްޔަރުކުރުމާއި މީހުން ފުރުން މަނާކުރުމާއި އެކައުންޓްތައް ފްރީޒް ކުރުމާއި މުދާ ހިފެހެއްޓުން ފަދަ ކަންކަމަކީ ކޯޓު އަމުރެއް ލިބިިގެން މެނުވީ ނުކުރެވޭ ކަންކަމެވެ. ގާނޫނު އަސާސީ އާއި ގާނޫނުތައް ހުރި ގޮތުން، ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާތަކަށް ވެސް މިދެންނެވި ކަންކަން ކުރެވެނީ ކޯޓު އަމުރެއް ހޯދައިގެންނެވެ.

އެކަމަކު ބިލް އޮތް ގޮތުން މިދެންނެވި އިޖްރާއާތުތައް ފުރިހަމަ ކުރުމާއި ނުކުރުމަކީ ރިޔާސީ ދެ ކޮމިޝަންގެ އިހްތިޔާރުގައި އޮތް ކަމެކެވެ. ކޯޓު އަމުރެއް ލިބުނަސް އަދި ނުލިބުނަސް، މީހުން ހައްޔަރު ކުރަން ފުލުހުންނަށް އެންގުމާއި މުދަލާއި އެކައުންޓްތައް ހިފަހައްޓަން އެންގުމުގެ ބާރު ދެ ކޮމިޝަނަށް އޮވެ އެވެ. އެހެންވެ، ތަހުގީގީ އިދާރާތަކަށް ވެސް ނުދޭ ފަދަ ވަރުގަދަ އަދި ބޮޑެތި ބާރުތަކެއް ރިޔާސީ ދެ ކޮމިޝަނަށް ދިނުމަކީ އޭގެ ނަތީޖާ ރަނގަޅު ވެދާނެ ކަމެއްތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ.

މީހަކު ގިނަ އަދަދެއްގެ ފައިސާތަކެއް ގުނަނީ -- ފޮޓޯ/މިހާރު

މީހަކު ގިނަ އަދަދެއްގެ ފައިސާތަކެއް ގުނަނީ -- ފޮޓޯ/މިހާރު

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއްވެސް ކޯޓު އަމުރެއް ހޯދުމެއް ނެތި މީހުން ހައްޔަރު ކުރުމާއި ފުރުން މަނާކުރުމާއި މުދާ ހިފަހައްޓަން އެންގުމުގެ ބާރު ދެ ކޮމިޝަނަށް ދީފައި އޮތުމުން ނުރަނގަޅު ނަތީޖާތަކެއް ނިކުތުމުގެ ފުރުސަތު ލިބޭނެ އެވެ.

މިސާލެއްގެ ގޮތުން އެ ބޭފުޅުން ވިދާޅުވަނީ ދެ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ނުވަތަ އޭނާއާ ގުޅުން ހުރި މީހުންގެ ބޭންކް އެކައުންޓްތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓުމުގެ ބާރު ލިބޭ ގޮތަށް ބިލުގައި އޮތުމެވެ.

އެގޮތަށް ބިލުގައި އޮތުމުން، ތުހުމަތުކުރެވޭ މީހަކާއި އެހެން ކޮންމެ މީހަކާ ވެސް ގުޅުވާލުމަށް ފަހު އެ މީހެއްގެ އެކައުންޓްތައް ހިފެހެއްޓުމުގެ ފުރުސަތު އޮތްކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ. އަދި ކޯޓު އަމުރު ހޯދަން ޖެހެނީ ވެސް އެ ދެ ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި އެކަނި ކަން ބަޔާންކޮށްފައި އޮތް އޮތުމަކީ ވެސް މައްސަލައެއް ކަމަށް އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

"ބޭންކް އެކައުންޓެއް ފްރީޒް ކުރާ ނަމަ، ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތް ގޮތުން މައުސޫމް ތިން ވަނަ ފަރާތުގެ ހައްގުތައް ވެސް ރައްކާތެރިކުރެވޭ. އެކަމަކު އެ ބިލުގައި ނެތް އެފަދަ ހިމާޔަތެއް ވެސް. އަދި ބިލުގައި ބުނެފައެއް ނެތް ގުޅުން ހުރި ފަރާތްތަކަކީ ކޮބައި ކަމެއް ވެސް. މާނައަކީ ކޮންމެ މީހަކާ ވެސް އެކަމަކާ ގުޅުވާލެވިދާނެއޭ،" ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވުރެ ވެސް މަތި!

މީގެ އިތުރުން އެއްވެސް އިސްތިސްނާއެއް ނެތި، ޝަރީއަތުގެ މަރުހަލާތައް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އޮތުމުން ޝަރީއަތުގެ މަރުހަލާގައި އިޖްރާއާތުތައް ރަނގަޅަށް ފުރިހަމަ ނުކުރެވި، އިންސާފުވެރި ޝަރީއަތެއްގެ ހައްގު ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް މައުމޫން ދެކެވަޑައިގަންނަވަ އެވެ. އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ހިންގޭނެ އުސޫލުތަކާއި އިޖްރާއާތުތައް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮތްއިރު، އެ ގާނޫނުގައި އޮތް އިޖްރާއާތުތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ބިލް ހަދާފައި ވާތީ ގާނޫނުގެ ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ޑިއު ޕްރޮސެސް އާއި ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ވުމާއި އިންސާފުވެރި ޝަރީއަތަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް. އެ ހައްގުތަކަކީ އެންމެ ހައްގުކަން ބޮޑު މީހާއަށް އެކަނި ލިބެން ޖެހޭ އެއްޗެއް ނޫން. އެހެންވެ އެއީ އަސާސީ ހައްގުތަކަކަށް ވަނީ. މި ހައްގުތަކަށް ހުރަސްއެޅުމަކީ އިންސާފަށް ހުރަސް އެޅުން،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ދެ ކޮމިޝަނަށް ބާރުތަކެއް ދިނުމަށް ފަހު އެ ބިލް ފާސްކުރުން މުހިންމެވެ. އެކަމަކު އޭނާ ވިދާޅުވީ އެ ބިލު އޮންނަަން ވާނީ އެ ދެ ކޮމިޝަނަށް ޚާއްސަ ބާރުތަކެއް ދިނުމުގެ ބަދަލުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް އޮންނަ ބާރުތައް ލިބޭ ގޮތަށް އަދި އެ ގާނޫނުގައި ބުނާ އިޖްރާއާތުތައް އެ ދެ ކޮމިޝަނުން ވެސް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ކަމަށެވެ.

އެ ބިލާ މެދު ގާނޫނީ ބޭފުޅުންގެ ދެވަނަ ކަންބޮޑުވުމަކީ ފުލުހުންނާއި އޭސީސީ ފަދަ ތަހުގީގީ އިދާރާތަކުގެ ބާރު ކޮންމެވެސް ވަރަކަށް ހިފެހެއްޓިގެން ދިއުމެވެ. އެ ބިލް އޮތް ގޮތުން ރިޔާސީ ކޮމިޝަން އުފެއްދެވި ގަރާރުގައި ދެ ކޮމިޝަނުން މައްސަލަތައް ބަލަން ކަނޑައަޅާފައި ހުރި މުއްދަތުގައި ހިނގާފައި ހުރި ހުރިހާ މައްސަލަތަކެއް ބެލުމުގައި ވެސް އޮންނާނީ އެ ދެ ކޮމިޝަންގެ އިހްތިސާސެވެ. އެހެންވެ، އެ ދެ ކޮމިޝަނުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު، އެ މައްސަލަތައް ތަހުގީގީ އެހެން އިދާރާތަކަކަށް ނުބެލެ އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، މިދެންނެވި މުއްދަތުގައި ހިނގާފައި ހުރި މައްސަލަތަކުގެ ތެރެއިން ތަހުގީގީ އެހެން އިދާރާތަކަށް ބެލޭނީ ރިޔާސީ ދެ ކޮމިޝަނުން ހުއްދަ ދޭ މައްސަލަތަކުގައި، ހުއްދަ ދޭ މިންވަރަކަށް އެކަންޏެވެ. ގާނޫނު އަސާސީގެ ދަށުން އުފެދިފައި ހުރި ތަހުގީގީ އިދާރާތަކެއްގެ ބާރު ގާނޫނަކުން މިގޮތަށް ހަނިކުރެވިދާނެ ކަމާ މެދު ގާނޫނީ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

ތަހުގީގީ ބޭނުމެއްގައި ރިިޔާސީ ކޮމިޝަން އުފެއްދުމަކީ ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުތަކެއް ކަމަށް އެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެކަމަކު ގާނޫނު އަސާސީން އެހެން މުއައްސަސާތަކަކަށް ދީފައި އޮތް ބާރުތަކެއް ރިޔާސީ ކޮމިޝަން އައުމާ އެކު، ހިފެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"އޮޓޯއިން އެެ ހުރިހާ ކަމެއް އައިސް މި ޖަމާވަނީ ކޮމިޝަނަށް. އެއީ އަޅުގަނޑަށް ހީވަނީ އެ ދެވެނީ ތަންކޮޅެއް ދުރަށްހެން ގާނޫނު އަސާސީއާ. އެއީ ގާނޫނު އަސާސީން އުފައްދާފައި އޮތް މަސްއޫލިއްޔަތުތަކެއް ވަކި މުއައްސަސާއެއް އުފައްދާފައި، އެއާ ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮވެއްޖެ ކަމަށް ވަންޏާ އޭގެ ތެރޭގައި އުޅެވޭނެ ކޮންމެވެސް ގޮތެއް ކަން ނޭނގެ އަޅުގަނޑުމެން ހޯދަން ޖެހެނީ،" ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.

ރިޔާސީ ދެ ކޮމިޝަންގެ މަގްސަދު ގޯހެކޭ ބުނެވޭކަށް ނެތެވެ. ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ ބައެއް މީހުންގެ މައްސަލަތަކުގައި ގިނަ ބަޔަކު އުފައްދަމުންދާ ސުވާލުތަކަށް ޖަވާބު ލިބެން އެބަ ޖެހެ އެވެ. އަދި ދައުލަތަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދޭނެ ގޮތްތަކެއް ވެސް އެބަ ހޯދެން ޖެހެ އެވެ. އެ ސަބަބަށްޓަކައި އެ ދެ ކޮމިޝަނަށް ވެސް ގާނޫނީ ބާރުތަކެއް ދޭން ޖެހެ އެވެ.

އެކަމަކު އެ ބާރުތައް ވެސް ދޭން ޖެހޭނީ ހައްގުތަކާއި މިނިވަންކަމަށް ބުރޫ ނާރާ ގޮތަށް، ގާނޫނީ އިމުގެ ތެރެއިންނެވެ. މަގްސަދު ކިތަންމެ ރަނގަޅަސް، އޭގެ ފެށުން ގޯސްވެއްޖެ ނަމަ ގޯސް ނަތީޖާތަކެއް ފަހުން ނިކުތުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ކޮމެޓީ މަރުހަލާގައި މިހާރު އޮތް ބިލް ދިރާސާ ކުރާއިރު ވަރަށް ބޮޑަށް ވިސްނައިގެން ބަދަލުތައް ގެންނަން ޖެހެ އެވެ.