Roadha Mihaaru
ރިޔާސީ ކޮމިޝަންގެ ބިލެއް މައުމޫން އެކުލަވާލައްވައިފި

ބޮޑެތި ބާރުތަކެއް ދެވޭ ގޮތަށް ރިޔާސީ ކޮމިޝަންގެ ބިލެއް މައުމޫން ހަމީދު އެކުލަވާލައި، ރައީސަށް ފޮނުއްވައިފި

07 ފެބުރުއަރީ 2019

ރައީސުލް ޖުމްހޫރިއްޔާ އެކި ބޭނުންތަކަށް އުފައްދަވާ ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބިދެވޭ ގޮތަށް ރިޔާސީ ކޮމިޝަންތަކުގެ ބިލެއް ގާނޫނީ ވަކީލް މައުމޫން ހަމީދު ޑްރާފްޓް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ފޮނުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސުލް ޖުމްހޫރިއްޔާ އެކި ބޭނުންތަކަށް އުފައްދަވާ ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބިދެވޭ ގޮތަށް ރިޔާސީ ކޮމިޝަންތަކުގެ ބިލެއް ގާނޫނީ ވަކީލް މައުމޫން ހަމީދު ޑްރާފްޓް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ފޮނުއްވައިފި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލްގެ ނަމުގައި މައުމޫން ހަމީދު ޑްރާފްޓް ކުރެއްވި އެ ބިލަކީ އެކިއެކި ކަންކަމާ ގުޅިގެން ރައީސް އުފައްދަވާ ރިޔާސީ ކޮމިޝަންތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމުގެ ބިލެވެ. ރިޔާސީ ކޮމިޝަން އުފެއްދުމަށް ރައީސަށް ގާނޫނު އަސާސީން ލިބިދޭ ބާރު ބޭނުން ކުރެވޭނެ ހަމަތަކާއި ކޮމިޝަންގެ ބާރުތައް ބޭނުން ކުރެވޭނެ ގޮތާއި ކޮމިޝަން ޖަވާބުދާރީ ކުރެވޭނެ އުސޫލުތައް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލް ބުނާގޮތުން ރިޔާސީ ކޮމިޝަންގެ ގޮތުގައި ރައީސަށް އުފެއްދޭނީ ތަހުގީގް ކޮމިޝަން ނުވަތަ ރައީސަށް ލަފާ ދޭ ކޮމިޝަނެވެ. ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ރައީސް ނެރުއްވާ ގަރާރުގައި، އެ ކޮމިޝަނަކީ ކޮން ބާވަތެއްގެ ކޮމިޝަނެއް ކަން ކަނޑައަޅަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި ކޮމިޝަނެއް އުފެއްދުމަށް ފަހު ކޮމިޝަންގެ ބާވަތް ބަދަލު ކުރެވޭނީ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރާ ގަރާރެއްގެ ދަށުން ކަމަށް ވެސް އެ ބިލުގައިވެ އެވެ.

އެ ބިލް ބުނާގޮތުން ތަހްގީގީ ކޮމިޝަންތަކާއި ލަފާ ދޭ ކޮމިޝަންތަކަށް ވެސް އެ ކޮމިޝަންތަކުން ބަލާ މައްސަލަތަކާ ގުޅިގެން ހެކި ހޯދުމާއި މީހުން ހާޒިރު ކުރުމާއި ކޮމިޝަންގެ ބޭނުންތަކަށް ހެކި ހޯދުމުގެ ގޮތުން ކޯޓު އަމުރު ހޯދަން އެދުމާއި ކޮމިޝަންގެ މަސައްކަތަށް ހުރަސް އަޅާ ކޮންމެ މީހަކަށް ދައުވާކުރަން ފޮނުވުން ފަދަ އާންމު ބާރުތައް އޮންނާނެ އެވެ.

މީގެ އިތުރުން ޚާއްސަ ބާރުތަކުގެ ގޮތުގައި ބޮޑެތި ބާރުތަކެއް ރިޔާސީ ކޮމިޝަނަށް ދެވޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ފުލުހުންނާއި ތަހުގީގީ އިދާރާތަކަށް ލިބޭ ހުރިހާ ބާރުތަކާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން އެ ކޮމިޝަނަށް ލިބޭ ހުރިހާ ބާރުތަކާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ ބާރުތައް ވެސް ރިޔާސީ ކޮމިޝަނަށް ދެވިދާނެ ކަމަށް އެ ބިލުގައިވެ އެވެ.

އެންޓި ޓޯޗާގެ ގާނޫނުގެ ދަށުންނާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް ލިބޭ ހުރިހާ ބާރުތަކެއް ވެސް ރިޔާސީ ކޮމިޝަނަށް ދެވޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން، މޮނިކޮން އަމުރަށް އެދުމަށް ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތަކާއި ގޭންގް ކުށްތައް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މުދާ ހިފަހައްޓަން ފުލުހުންނަށް އެންގުމުގެ ބާރު ވެސް ރިޔާސީ ކޮމިޝަނަށް ދެވޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، ފަނޑިޔާރަކު ހައްޔަރު ކުރުމުގެ ކުރިން މަތީ ކޯޓުގެ އަމުރެއް ހޯދުމަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް އޮންނަ ބާރާއި ފަނޑިޔާރެއްގެ މައްސަލަ ބަލާއިރު، އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އަށް އޮންނަ ބާރު ވެސް ރިޔާސީ ކޮމިޝަނަށް ލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލް ބުނާގޮތުން ރިޔާސީ ކޮމިޝަންތަކުން ނިންމާ ނިންމުންތަކާއި އަންގާ އެންގުންތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އެކަމާ ގުޅުންހުރި ފަރާތްތަކަށް އޮންނާނެ އެވެ. އެކަމަކު ކޮމިޝަނަށް ހާޒިރުވާން އަންގާ އެންގުން ޝަރީއަތަށް ހުށަހެޅޭނީ އެ އެންގުމާ އެއްގޮތަށް ކޮމިޝަނަށް ހާޒިރުވުމަށް ފަހު ކަމަށް ވެސް އެ ބިލްގައިވެ އެވެ.

ރިޔާސީ ކޮމިޝަންތަކާ މެދު ފާރަވެރިވުމަށްޓަކައި މިނިވަން އިތުރު މަގާމެއް އުފެދޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. ޕްރެޒިޑެންޝަލް ކޮމިޝަންސް އޮމްބަޑްސްމަންގެ ނަމުގައި އުފެދޭ އެ މަގާމަކީ ރައްޔިތުންގެ މަޖިލީހުން ފަސް އަހަރަށް އައްޔަންކުރާ މަގާމެއް ކަމަށް އެ ބިލުގައިވެ އެވެ.

ރިޔާސީ ކޮމިޝަންތަކާ މެދު ހުށަހެޅޭ ޝަކުވާތައް ބަލައި އެކަމުގެ ރިޕޯޓް ރައީސާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ޕްރެޒިޑެންޝަލް ކޮމިޝަންސް އޮމްބަޑްސްމަންގެ ޒިންމާއެކެވެ. އަދި ރިޔާސީ ކޮމިޝަންތަކަށް އެ ބިލުން ދޭ ހުރިހާ ބާރެއް ޕްރެޒިޑެންޝަލް ކޮމިޝަންސް އޮމްބަޑްސްމަންއަށް ވެސް ލިބޭނެ ކަމަށް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ވެސް ރިޔާސީ ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ އުސޫލުތަކާއި މަގާމު ގެއްލޭނެ ހާލަތްތަކުގެ އިތުރުން ކޮމިޝަންގެ މުވައްޒަފުންނާއި ކޮމިޝަންގެ ބޭނުމަށް ފަންނީ އެހީ ހޯދުމުގެ އުސޫލުތަކާއި މައްސަލަތަކާ ގުޅިގެން އަޑުއެހުުންތައް ބޭއްވުން ފަދަ އުސޫލުތައް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލް ބުނާގޮތުން އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ، މިހާރު އުފައްދާފައި އޮތް ތިން ކޮމިޝަނެއް އެ ގާނޫނުގެ ދަށުން އުފެދިފައިވާ ކޮމިޝަންތަކަކަށް ބަދަލުވާނެ އެވެ. އެއީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި ކޮރަޕްޝަނާއި ދައުލަތަށް ގެއްލުނު ފައިސާގެ މައްސަލަތައް ބަލަން އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ އިތުރުން ޖަލުތަކުގެ ހާލަތު ދެނެގަތުމަށް އުފައްދާފައިވާ ޖަލު އޮޑިޓް ކޮމިޝަނެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލެއް މައުމޫން ހަމީދު ތައްޔާރު ކުރެއްވިއިރު، ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާ ނިމި، މަޖިލީހުން ފާސް ކުރުމުގެ މަރުހަލާގަ އެވެ.