ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި ދެ ކޮމިޝަންގެ ބޭނުމަކީ ސިޔާސީ ވަކި ބޭނުންތަކެއް ހާސިލް ކުރުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ސަރުކާޜަށް ފާޑު ވިދާޅުވެއްޖެ އެވެ.
03 ޑިސެމްބަރ 2018
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި ދެ ކޮމިޝަންގެ ބޭނުމަކީ ސިޔާސީ ވަކި ބޭނުންތަކެއް ހާސިލް ކުރުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ސަރުކާޜަށް ފާޑު ވިދާޅުވެއްޖެ އެވެ.
"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" އަށް ބަހުސް ކުރެއްވި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބިލަށް ބަލާއިރު، ފެންނަނީ ވަކި މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށެވެ. ބިލުގައި ޖަހާފައި އޮތް ތާރީހަކީ އެކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
ބިލްގައިވާ ގޮތުން ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަންގެ އިޖުރާއާތުތައް ހިނގާނީ ޖެނުއަރީ 1، 2012 އިން ނޮވެމްބަރު 17، 2018ގެ ނިޔަލަށެވެ. އަލަށް އެކުލަވައިލި މި ދެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރުގެ އިތުރުން ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއެކެވެ.
ޚަލީލް ވިދާޅުވީ ކުއްލިއަކަށް މަޖިލީހަށް ބިލެއް ވައްދައިގެން ކުރަން އުޅެނީ ކީއްތޯ އުފެދޭ ސުވާލަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. ދެ މަސް ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި ޖަލަށް ލެވޭ ގޮތަށް ބިލް ބައްޓަންކޮށްފައި އޮތީ، އަންނަ އަހަރު މާޗު މަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވި ހަރުދަނާ ޝަހްސިއްޔަތުތަކަކަށް އަދަބު ދިނުމުގެ މަގްސަދުގައި ކަމަށް އަޑު އިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"އަނިޔާވެރިކަން ނުގެންނާނެ ކަމަށް ބުނެ، ކޮރަޕްޝަން ނުހިންގާނެ ކަމަށް ބުނެ އައި ކަމަށް ބުނާ ސަރުކާރުން އިންތިހާ އަށް އަނިޔާވެރިކަން އިސް ކުރާ މަންޒަރު ފެންނަނީ. ފެނިގެން މި ދަނީ މިހާރު އޮތް އިދިކޮޅު ފަރާތްތަކުގެ އަޑު ފަނޑުކޮށްލުމަށް ކުރާ މަސައްކަތެއް،" ހަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ 2012 ވަނަ އަހަރުގެ ކުރިން، ވެސް އެތައް ބަޔަކު މަރާލާފައިވާ އިރު، އެ މީހުންގެ މަރުގެ މައްސަލަތައް ވެސް ތަހުގީގުކޮށް، ޒިންމާވާން ޖެހޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެހެންވެ، ބިލް ފާސް ކުރާ އިރު، މިހާރު އޮތް ތާރީޚު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވަކި ތާރީހެއްގައި ހިނގާފައި ހުރި ކަންކަން ބަލަން ބިލްގައި ހިމަނާފައި އޮތީމަ، ބިލް ހުށަހެޅި ފަރާތުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިއީ މަޖިލީހަށް ބަޔަކު އަންނަން އުޅޭތީ އެ މީހުން ހައްޔަރު ކުރަން ހުށަހެޅި ބިލެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ބިލް ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގައި އުފެދިފައި ހުރި މިނިވަން މުއައްސަސާތަކަށް އިތުބާރު ނުކުރުން. ފުލުހުންނަށް ވެސް އިތުބާރު ނުކުރަނީ. އެހެން މުއައްސަސާތަކަށް ވެސް އިތުބާރު ނުކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަންތަކަށް އައްޔަންކޮށްފައި ވަނީ ވެރިކަން ކުރާ "ޕާޓީ ކުދިންކޮޅެކެވެ."
އަބްދުއްރަހީމް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޓީން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ނުބަލާތީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތް އިރު، ރާއްޖެ ދަތުރު ކުރަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި ރާއްޖެ ދަނީ އަނިޔާވެރިކަމާ ދިމާލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިބިލް ހުށަހަޅާފައި އޮތީ ގާނޫނުއަސާސީއާ ހިލާފަށެވެ. ގާނޫނުއަސާސީގައި މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ހައްޔަރުކުރެވޭނެ ގޮތްތައް ބަޔާންކޮށްފައި އޮއްވައި، މިނިވަން މުއައްސަސާތައް ދޫކޮށްލާފައި "ޕާޓީ ކުދިންކޮޅެއް ގޮވައިގެން" މިކަން ކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ސަރުކާރު ކޯލިޝަނުން ގިނަ މެމްބަރުން ހާޒިރެއް ނުވޭ!
ރިޔާސީ ކޮމިޝަންގެ ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހުނު!
މެމްބަރަކު ނެތިގެން ރިޔާސީ ކޮމިޝަންގެ ވޯޓަށް ނޭހުނު
ބިލު އޮތީ ފުލުހުންނާއި އޭސީސީގެ ބާރު ހަނިވާ ގޮތަށް
ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ކޮމިޓީއަށް
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުން ފާސްކޮށްފި
ބިލް ފާސްކޮށް، ތަހުގީގުތައް އަވަސްކުރަން ގޮވާލައިފި