Roadha Mihaaru
ކޮމިޝަންތަކުން މައުލޫމާތު ލީކުވެ ތަހުގީގަށް ހުރަސްއެޅުނު

ރިޔާސީ ކޮމިޝަންތަކުން މައުލޫމާތު ލީކުވެ، ތަހުގީގަށް ހުރަސް އެޅުނު: ރައީސް

08 ޖޫން 2022

ހިޔާނާތްތައް ބެލުމަށާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ސަރުކާރުން އުފެއްދި ދެ ރިޔާސީ ކޮމިޝަނުން މައުލޫމާތުތަކެއް ލީކުވެ ކޮމިޝަންތަކުގެ މަސައްކަތަށް ބުރޫ އެރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާނާތްތައް ބެލުމަށާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ސަރުކާރުން އުފެއްދި ދެ ރިޔާސީ ކޮމިޝަނުން މައުލޫމާތުތަކެއް ލީކުވެ ކޮމިޝަންތަކުގެ މަސައްކަތަށް ބުރޫ އެރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ދެ ކޮމިޝަންގެ މަސައްކަތަށް ދިމާވި އެއްމެ ބޮޑު ގޮންޖެހުމަކީ ހާމަވާން ނުޖެހޭ މައުލޫމާތުތަކެއް ވަކި ހިސާބަކުން ހާމަވުން ކަމަށެވެ.

އެކަމާ ގުޅިގެން މައުލޫމާތު ދޭން ބޭނުންވި ކިތަންމެ ބަޔަކު ހެކި ދިނުން ހުއްޓާލި ކަމަށާއި ހާއްސަކޮށް މަރު ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކުގައި އެ މައްސަލަ ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"ވިޓްނަސް ޕްރޮޓެކްޝަނަށް ގޮންޖެހުންތަކެއް އައި. އެ ހިސާބުން ވިޓްނަސް ރައްކާތެރި ކުރުމަށް އެކި ފިޔަވަޅު އަޅަން ޖެހުނު. ބޭރުގެ މާހިރުން ގެނެސް މިހާރު ފުލުހުންގެ ތެރޭގައި އޭގެ ބައެއް އުފައްދައިގެން އެކަން ކުރަމުން މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓު ވެސް ހާމަވީ އެކަން ވާން ޖެހޭ ގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމާ ގުޅިގެން އެމްއެމްޕީއާރްސީއާ ގުޅޭ ބައެއް ތަހުގީގުތަކަށް ހުރަސް އެޅުނު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ދެ ކޮމިޝަންގެ ތަހުގީގާ ގުޅޭ ރިޕޯޓްތައް ރައްޔިތުންގެ މަޖިލީހުން އަންގައިގެން ފޮނުވުމުން އެ މައުލޫމާތުތައް ހާމަކޮށްފައިވެ އެވެ.

ހިޔާނާތް ބަލާ ކޮމިޝަނާއި މަރު ކޮމިޝަންގެ މަސައްކަތް ދިޔައީ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެކަށީގެންވާ ބާރު މިނެއްގައި ނޫން ކަމަށް ރައީސް މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެ ދެ ކޮމިޝަން އުފައްދަން ޖެހުނީ އޭރު ހުރި މިނިވަން މުއައްސަސާތަކަށް އިތުބާރު ނުކުރެވޭތީ ކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތެރެއިން މިހާރު ކުރިޔަށް ދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން މި ދެނީ ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަން. ސިއްރު ކުރަން އެއްވެސް ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ތަހުގީގުކޮށް އެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިންމު ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެކަމަށްޓަކައި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަން ފެއިލްވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.