Roadha Mihaaru
މާފުދިނުމުން ކަންބޮޑުވޭ، އެކަމަކު ޕީޖީގެ ދައުރެއް ނެތް

އަދީބަށް މާފުދިނުމުން ކަންބޮޑުވުން ކުޑައެއް ނޫން، އެކަމަކު އެއީ ޕީޖީއާ ބެހޭ ކަމެއް ނޫން: ޝަމީމް

15 ނޮވެމްބަރ 2023

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، މާފުކޮށްދިނުމުން ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ކުޑަ ނޫން ކަމަށާއި ނަމަވެސް، އެއީ ޕްރޮސިކިއުޓާ ޖެނަރަލްގެ ދައުރެއް އޮތް ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، މާފުކޮށްދިނުމުން ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ކުޑަ ނޫން ކަމަށާއި ނަމަވެސް، އެއީ ޕްރޮސިކިއުޓާ ޖެނަރަލްގެ ދައުރެއް އޮތް ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތަށް އެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވުމުން، މިހާރު އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ. މިކަމާ ގުޅިގެން ގާނޫނީ ބޭފުޅުންނާއި އާންމުންގެ ފާޑުކިޔުން ރައީސަށް ވަނީ އަމާޒުވެފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވި ގޮތުގައި މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮތް ގޮތުން، އެއިން އެއްވެސް މަރުހަލާއެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރެއް ނޯވެ އެވެ.

"ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓާ ޖެނެރަލް ތަމްސީލުކުރާ މީހަކު ނުވެސް އިނދެ. މައްސަލައެއްގައި ހުކުމެއް ކުރުމަށްފަހު، އެ ހުކުމަށް ދެން ހަދާ ގޮތަކީ، ޕީޖީ އޮފީހުގެ ދައުރެއް އޮންނަ ކަމެއް ނޫން. އެމީހާ ހުކުމް ތަންފީޒުކުރަނީ ޖަލުގައިތޯ، ގޭގައިތޯ އެއީ ޕީޖީ އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމެއް ނޫން. އެކަން ކުރައްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން. އެކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނީ ވެސް އެ ސާވިސްއަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އަދީބާއި ޒިޔަތަށް މާފު ދިނުމުގައި ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް ހޯދާފައިނުވާ ކަމަށާއި ހޯދަން ނުވެސް ޖެހޭ ކަމަށެވެ. ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބިގެންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ބާރު ބޭނުންކުރައްވާ ގޮތާ މެދު ސުވާލު އުފެއްދުމަކީ ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫން. ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ގާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުސަތު ދީފައި އޮތްނަމަ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ހެދިއިރު، ޕްރޮސިކިއުޓާ ޖެނެރަލެއް ހުންނާނެކަން އެނގިހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ގާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަގުސަދެއް ހާސިލުކުރާން ކަމަށް ބަލަންޖެހޭ ކަމަށެވެ.

"މިކަމުގައި އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ހައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ހައްލެއް. އާންމުންގެ ހިޔާލާއި ފިކުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް އިސްލާހުކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކްލެމެންސީގެ އުސޫލު އުވާލަށެވެ. ނަމަވެސް، އެކަން ބާއްވާނަމަ، އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން ކަމަށާއި އޭރުން، 20 އަހަރުގެ ހުކުމެއްނަމަ، 15 އަހަރު ތަންފީޒުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގައި މާފު ދިނުމުގެ ފުރުސަތު ނެތަސް، އަދަބުގެ މުއްދަތު ކުޑަކޮށް ދިނުމުގެ ބާރު އޮވެ އެވެ. އަދި މިގޮތަށް އަދަބުގެ މުއްދަތުން ކުޑަކޮށްދެވޭނެ އެންމެ މަތީ މިންގަނޑެއް ގާނޫނަކު ނޯވެ އެވެ. މާނައަކީ މިސާލަކަށް 25 އަހަރުގެ ޖަލު ހުކުމެއް އޮންނަ މީހާގެ އަދަބު އެންމެ ހަފުތާއެއްގެ ޖަލު ހުކުމަކަށް ކުޑަކޮށްލުމުގެ ފުރުސަތު އޮވެ އެވެ.