ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްނުވެ އޮތުމުން، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ދިމާވުން އެކަށީގެންވާ ކަމަށް، މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
19 ޑިސެމްބަރ 2018
ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްނުވެ އޮތުމުން، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ދިމާވުން އެކަށީގެންވާ ކަމަށް، މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލަށް އެންމެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމުންނެވެ.
ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ބިލަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންގެ ބާރުތައް ހަނިވާ ގޮތަށް ހުށަހެޅި ބިލެއްގެ ގޮތުގައި އޭރު ޕީޕީއެމުން ސިފަކުރި އެވެ. އެ ބިލަކީ ސަރުކާރުން ބޭނުންވާ ބަޔަކު ހައްޔަރުކުރުމުގެ ބޭނުމުގައި ހެދި ބިލެއްގެ ގޮތުގައި އެ ޕާޓީން ވަނީ ބުނެފަ އެވެ.
ކޮރަޕްޝަން ބަލާ ކޮމިޝަންގެ ފަސް މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ނަމަވެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް ދިރާސާކޮށް ނިންމި އިރު، ދެ ކޮމިޝަނަށް ދޭން ކަނޑައެޅި ބައެއް ބާރުތައް ވަނީ ނަގައިފަ އެވެ. އަދި އެ ބިލް ފާސް ކުރަން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހަން ބެލިއިރު، ގާނޫނުއަސާސީގައި ބުނާ ގާނޫނީ އަދަދަށް މެމްބަރުން މަޖިލީހަށް ހާޒިރުވެއެއް ނެތެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ ކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގަ އެވެ. އެއީ މިހާރު މަޖިލީހުގައި ޖުމްލަ އަދަދުގެ ގޮތުގައި ބަލާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ. މަޖިލީހުގެ ތަޅުމުގައި އެ އަދަދަށް މެމްބަރުން ނެތުމުން، ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓެއް ނާހަ އެވެ.
ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންގެ ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، ބިލުން ހުރިހާ ބާރުތަކެއް އުނިވެގެން ދިޔަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު، ބިލް ހުށަހެޅި އިރާއި ކޮމިޓީން ބިލް ދިރާސާކޮށް ނިންމިއިރު، ބިލް ވަރަށް ބޮޑަށް އިސްލާހުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ބިލް އިސްލާހުކުރީ ސަރުކާރުން ބޭނުންވި ގޮތަށެވެ. އެކަމުގައި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްފައި އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ބިލް މިހާތަނަށް އައިއިރު، ފާސްނުވެ އޮތުމުން ސުއޫދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ބިލް ފާސް ނުވެ އޮތުމުން، މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ލަސްތަކެއް އަޔަސް، މާ ބޮޑު ލަސްވުމެއް ތަހުގީގަށް ނާންނާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ރައީސްގެ ގަރާރުން ކޮމިޝަނަށް ލިބިފައި އޮތް ބާރުތައް ބޭނުން ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
"ތަހުގީގުތަކަށް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އަންނާނީ. (ބިލް ފާސްނުވެ އޮތުމުން) އެއީ އެކަމަކު މާ ބޮޑެތި ލަސްވުންތަކެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ މަރުގެ މައްސަލަތައް ތަހުގީގުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އެ ކޮމިޝަނަށް މައްސަލަތަކެއް ހުށަހެޅިފައިވާއިރު، އަމިއްލަ އަށް އިސް ނަގައިގެން ވެސް މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން އިދާރާއެއް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުން އުނިކުރީ، އެކަމާ މެދު ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އިތުރުން ކޯލިޝަން ސަރުކާރުގެ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި އޮއްވަ އެވެ.
ބިލުން ބާރުތަކެއް ނެގިޔަސް، ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެ ކަމަށް ބިލްގައި މިހާރު ވަނީ ބުނެފަ އެވެ.
އެގޮތުން ރިޔާސީ ކޮމިޝަންތަކުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ކޮމިޝަނުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެ ނޫން ވެސް ތަކެތި ހުށަހަޅަން އެންގުމުގެ ބާރު ދެ ކޮމިޝަނަށް ބިލުން ލިބެ އެވެ.
ރިޔާސީ ކޮމިޝަންގެ ބިލް އެޖެންޑާ އިން ނަގައިފި
ރިލްވާންގެ ރިޕޯޓް މަޖިލިހަށް ދޭން އަންގާފައެއް ނުވާނެ
ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުން ފާސްކޮށްފި
ބިލް ފާސްކޮށް، ތަހުގީގުތައް އަވަސްކުރަން ގޮވާލައިފި
ސަރުކާރު ކޯލިޝަނުން ގިނަ މެމްބަރުން ހާޒިރެއް ނުވޭ!
ރިޔާސީ ކޮމިޝަންގެ ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހުނު!
މެމްބަރަކު ނެތިގެން ރިޔާސީ ކޮމިޝަންގެ ވޯޓަށް ނޭހުނު
ދެ ކޮމިޝަނަށް ދިން ބޮޑެތި ބާރުތައް ބިލުން ނަގައިފި
ބިލު އޮތީ ފުލުހުންނާއި އޭސީސީގެ ބާރު ހަނިވާ ގޮތަށް
ދެ ކޮމިޝަނެއް އުފެއްދީ ސިޔާސީ ބޭނުމެއްގައި: ޕީޕީއެމް