Roadha Mihaaru
މަރު ކޮމިޝަންގެ މަސައްކަތް ކުރިއަށް އެބަދޭ: ހޫދު

މަރު ކޮމިޝަންގެ މަސައްކަތް ކުރިއަށް އެބަދޭ: ހޫދު

11 ޑިސެމްބަރ 2019

ގެއްލުވައިލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގައި މިވަގުތު ރައީސަކު ނެތަސް އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގެއްލުވައިލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގައި މިވަގުތު ރައީސަކު ނެތަސް އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

މަރު ކޮމިޝަންގެ ރައީސަކަށް ހުންނެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުމުން ސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ސުއޫދޫގެ އިސްތިއުފާއާ އެކު ކޮމިޝަންގެ މަސައްކަތްތަކާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.

ހޫދު "މިހާރު" އަށް ވިދާޅުވީ ކޮމިޝަންގެ ރައީސަކު މިވަގުތު ނެތަސް މަސައްކަތްތައް މަޑު ނުޖެހި ކުރިއަށް އެބަދާ ކަމަށެވެ. ޖުމްލަ ފަސް މެމްބަރުންގެ މައްޗަށް އުފެއްދެވި ކޮމިޝަންގައި މިހާރު ތިއްބަވަނީ ތިން މެމްބަރުންނެވެ. ކޮމިޝަންގެ މެމްބަރުންގެ ތެރެއިން އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަށް ހަމަޖެއްސެވުމުންނެވެ.

"ކޮމިޝަނަށް ރައީސަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް އެބަދޭ،" ހޫދު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަން އުފެއްދީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައް ބެލުމަށެވެ.

ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތަކުގެ ތެރޭގައި ހިމެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރާކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ އިތުރުން، ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލަ ތަހުގީގުކޮށް މިހާރު ވަނީ ރިޕޯޓް އެކުލަވާލައިފަ އެވެ. ކޮމިޝަނުން ތުހުމަތުކޮށްފައިވާ ގޮތުގައި އެއްގޮތް ކަންތައްތަކެއް ހުރި މި ތިން މަރުގައި ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރު ކުރިއަރުވާ ޖަމާއަތަކަށެވެ. އެ ޖަމާއަތުގައި ހިމެނޭ، މި ތިން މަރުގެ ވެސް މޭސްތިރިން ކަމަށް ބެލެވޭ ދެ މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އެކަމަކު މި މަރުތަކުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި އެހީތެރިވެދިން ކަަމަށް ތުހުމަތުކުރެވޭ މީހުންނާ މެދު ކޮމިޝަނުން އަދި ފިޔަވަޅެއް ނާޅާ އެވެ. ބައެއް ރިޕޯޓްތަކުގައި އެ މީހުންގެ ނަންތައް ވަނީ އާއްމުކޮށްފަ އެވެ.

ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ. އެ ކޮމިޝަން އުފެއްދިތާ ކުރީކޮޅު އާއްމުކުރި ގޮތުގައި، ތަހުގީގުކުރަން ޖެހޭ މައްސަލަތަކުގެ އަދަދު އޭރު އުޅެނީ 29 ގަ އެވެ.