Roadha Mihaaru
6 ގެއެއް ފާސްކޮށް 3 މީހަކު ހައްޔަރުކޮށްފިން: ޕޮލިސް

ހަ ގެއެއް ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިން: ޕޮލިސް

19 ޑިސެމްބަރ 2019

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާ މައްސަލައިގައި ފުލުހުންނާއި ސިފައިން ރ. މަޑުއްވަރީގައި މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް ހަ ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާ މައްސަލައިގައި ފުލުހުންނާއި ސިފައިން ރ. މަޑުއްވަރީގައި މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް ހަ ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ކުރިން ހައްޔަރު ކުރީ 34 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. މި ތިން ދިވެހިންނަކީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ ބައެއް ކަމަށްވެ އެވެ.

ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަނާ ބެހޭ ގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރަމުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން ސިފަ ކުރާ ގޮތުން މި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ. އެމީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސާއި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރަމުންދާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"އެމީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އެމީހުންނާ އެކީގައި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއް. ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭން ޖެހޭ ހައްގުތައް މަހްރޫމްކޮށްގެން ގެންގުޅުމަކީ އެމީހުންގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކެއް،" ބަޝީރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތަކުގެ ތެރެއިން ވެކްސިން ދިނުމާއި ކިޔެވުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައިވާ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިން އޮޕަރޭޝަން ހިންގަނީ މިފަދަ ނުބައި ކަންކަން މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މި އޮޕަރޭޝަން ހިންގާ އިރު، ސިފައިންނާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ އޮޕަރޭޝަންގައި، ހެކީގެ ގޮތުގައި ބެލެވޭ އިލެކްޓްރޯނިކް ގިނަ އާލާތްތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.