Roadha Mihaaru
ރައްޔިތުން މައިތިރިވުމަށް މޯދީ ގޮވާލައްވައިފި

އިންޑިއާގެ ހަމަނުޖެހުންތައް: މޯދީ ގޮވާލެއްވީ ރައްޔިތުން މައިތިރިވުމަށް

16 ޑިސެމްބަރ 2019

މުސްލިމް ތިން ގައުމަކުން އިންޑިއާއަށް އެތެރެވާ ހަމައެކަނި އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ފާސްކުރި ގާނޫނާ ދެކޮޅަށް އިންޑިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި، ރައްޔިތުން މައިތިރިވުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ގޮވާލައްވައިފި އެވެ.

މުސްލިމް ތިން ގައުމަކުން އިންޑިއާއަށް އެތެރެވާ ހަމައެކަނި އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ފާސްކުރި ގާނޫނާ ދެކޮޅަށް އިންޑިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި، ރައްޔިތުން މައިތިރިވުމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ގޮވާލައްވައިފި އެވެ.

ހިންދީ ދީނުގެ ފަލްސަފާއަށް އިސްކަން ދީ، އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ތަނެއްގެ ގޮތުގައި ވިސްނައިދޭން މަސައްކަތް ކުރަމުން އަންނަ ކަމުގެ ތުހުމަތު އެޅިފައިވާ ބީޖޭޕީ ސަރުކާރުން ހެދި ގާނޫނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގައި މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ބޮޑެތި ބައެއް ސިޓީތަކުގެ މަގުތަކަށް މީހުން ނުކުމެ، ވެހިކަލްތަކުގައި ރޯކޮށް، މަގުތައް ބަންދުކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދެ އެވެ. ބައެއް ސަރަހައްދުތަކުގައި ކާފިއު ވެސް އިއުލާންކުރި އެވެ.

އެންމެ ބޮޑެތި އެއްވުންތައް ކުރިއަށް ދިޔައީ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީ އާއި ހައިދުރައާބާދު އަދި ކޮލްކަޓާގަ އެވެ.

ނިއު ދިއްލީގެ މަޝްހޫރު ޔުނިވަސިޓީއެއް ކަމަށްވާ ޖާމިއާ މިއްލިއާ އިސްލާމީ ޔުނިވަސިޓީގައި މިއަދު ވެސް ދަރިވަރުން މުޒާހަރާ ފެށި އެވެ. އިއްޔެގެ ހަމަނުޖެހުންތަކުގައި 33 ދަރިވަރުން ހައްޔަރުކުރި އިރު މަދުވެގެން 50 މީހުން ޒަހަމްވި އެވެ.

ރައްޔިތުން ހަމަޖެހުމަށް ގޮވާލައްވައި މޯދީ މިއަދު ވަނީ އެތައް ޓްވީޓެއް ކުރައްވައިފަ އެވެ.

"އާ ގާނޫނާ ގުޅިގެން އިންޑިއާގެ އެއްވެސް ރައްޔިތަކު ކަންބޮޑުވާކަށް ނުޖެހޭނެ. މިއީ ބޭރު ގައުމުތަކެއްގައި އެތައް އަހަރެއް ވަންދެން އަނިޔާ ލިބެމުން އަންނަ އެކަމަކު އިންޑިއާ ނޫން އެހެން ތަނަކަށް ދެވެން ނެތް މީހުންނަށް އަމާޒުކޮށްފައިވާ ގާނޫނެއް،" އެއް ޓްވީޓްގައި މޯދީ ވިދާޅުވި އެވެ.

"މިއީ ސުލްހަވެރިކަން ދަމަހައްޓަން ޖެހޭ ވަގުތެއް، އެއްބައިވަންތަކަމާއި އަހުވަންތަކަން އިސްކުރަން ޖެހޭ ވަގުތެއް."

މުޒާހަރާގައި ތަފާތު ސަބަބުތަކެއް

ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓަކީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ސިފަކުރި ގޮތުގައި، ތަފާތުކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ގާނޫނެކެވެ.

އެ ގާނޫނާ ދެކޮޅު އިންޑިއާ މީހުންނާއި އިންޑިއާގެ މުސްލިމުން ގަބޫލުކުރަނީ ހުރިހާ ވެސް މަގުސަދަކީ މުސްލިމުން ތަފާތުކުރުން ކަމަށެވެ.

އެކަމަކު މުޒާހަރާ އާއި ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށުނު އައްސާމްގެ އާންމުން މުޒާހަރާއަށް ނުކުތީ މުސްލިމުންނާ ދެކޮޅު ގާނޫނަކަށް އެ އެކްޓް ވެގެންނެއް ނޫނެވެ. އޭގެ ބަދަލުގައި އެހެން ގައުމުތަކުން އެހެން ދީންތަކުގެ އެތައް ބަޔަކު އެ ސްޓޭޓްގައި ރަށްވެހިވެ، އަސްލު ވަޒަންވެރިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ނުބައި އަސަރުކޮށް، ބިންތައް ވެސް ދޭން ޖެހިދާނެތީ އެވެ.

ބަންގްލަދޭޝްއާ ޖެހިގެން އޮންނަ އައްސާމަކީ، ކަޝްމީރު ނެގުމަށް ފަހު އިންޑިއާގައި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް ވެސް އޮންނަ ސްޓޭޓެވެ.

ސުޕްރީމް ކޯޓުން ބުނަނީ ފުރަތަމަ ހަމަނުޖެހުން ހުއްޓާލާށޭ

ޖާމިއާ މިއްލިއާ އިސްލާމީ ޔުނިވަސިޓީއަށް އިއްޔެ ފުލުހުން ވަދެގަނެ، މުވައްޒަފުންނާއި ދަރިވަރުންނަށް ވަރަށް އަނިޔާކުރި ކަމަށް، ޔުނިވަސިޓީން ބުނެ އެވެ. އޭގެ ބައެއް ވީޑިއޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ.

ފުލުހުންގެ އެ އަނިޔާވެރިކަމާ ހެދި، މި މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަށް ގާނޫނީ ބައެއް ވަކީލުން ހުށައެޅި ހުށައެޅުން އުއްތަމަ ފަނޑިޔާރު ޝަރާދު ބޮބްދީ ގަބޫލެއްނުކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހަމަނުޖެހުންތައް ހުއްޓާލުމުގެ ކުރިން ކޯޓުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "ދަރިވަރުންނަށް ގާނޫނު އަތަށް ލައިގެންނެއް ނޫޅެވޭނެ" އެވެ.

"ކޯޓަށް މިވަގުތު އެއްވެސް ކަމެއް ކުރެވޭކަށް ނެތް. ހަމަނުޖެހުންތައް ހުއްޓާލިޔަ ދީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.