Roadha Mihaaru
ކަޝްމީރުގައި ސުލްހަ ގާއިމްކުރަން މޯދީ އަށް ޕްރެޝަރު

ކަޝްމީރުގެ ހަމަނުޖެހުންތައް ހުއްޓުވުމަށް މޯދީ އަށް ޕްރެޝަރުކޮށްފި

23 އޯގަސްޓް 2016

ނިއު ދިއްލީ (އޮގަސްޓް 23) - ކަޝްމީރުގައި ހަމަނުޖެހުންތައް ބޮޑުވެ އެތައް ބަޔަކު މަރުވަމުންދާ މައްސަލާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ޕްރެޝަރު ބޮޑު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އޮގަސްޓް 23) - ކަޝްމީރުގައި ހަމަނުޖެހުންތައް ބޮޑުވެ އެތައް ބަޔަކު މަރުވަމުންދާ މައްސަލާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ޕްރެޝަރު ބޮޑު ކޮށްފި އެވެ.

ކަޝްމީރުގެ ލީޑަރުންނާއި ނިއު ދިއްލީގައި އިއްޔެ ބައްދަލު ކުރެއްވުމަށް ފަހު މޯދީ ވަނީ ހަމަނުޖެހުންތައް ހުއްޓާލުމަށް މަޝްވަރާގެ މުހިންމުކަން ބޮޑު ކަމަށް ވިދާޅުވެފަ އެވެ.

ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުންދިޔަ ލީޑަރަކަށް އިންޑިއާ ސިފައިން ބަޑި ޖަހާ ޖުލައި 8 ގައި މަރާލި ހާދިސާ އަށް ފަހު ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ސްޓޭޓުގެ ބޮޑު ބައެއްގައި ވަނީ ކާފިއު ހިންގައިފަ އެވެ. ފުލުހުންނާ އެކު ހިންގި ކުރިމަތިލުންތަކުގައި އާއްމުންގެ 60 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ހިންގަމުންދާ އެންމެ ބޮޑު ހަމަނުޖެހުމެވެ.

މޯދީއާ ބައްދަލު ކުރެއްވި ކަޝްމީރުގެ ވަފުދުގައި ހިމެނޭ އެ ސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވަނީ އާއްމުންގެ އެއްވުންތަކަށް ސަލާމަތީ ފަރާތްތަކުން ޝޮޓްގަން އިން ހަމަލާ ދޭ މައްސަލަ ފާހަގަ ކުރައްވައިފަ އެވެ. ޝޮޓްގަންގެ ހަމަލާތަކުގައި ލޮލަށާއި އެހެން ގުނަވަންތަކަށް ގެއްލުން ލިބިގެން އެތައް ބަޔަކަށް ވަނީ ހޮސްޕިޓަލްތަކުން ފަރުވާ ދީފަ އެވެ. ކަޝްމީރުގެ ވަފުދުން ވަނީ ޝޮޓްގަން ވަގުތުން މަނާކުރުމަށް އެދި ލިޔުމެއް މޯދީ އަށް ހުށަހަޅައިފަ އެވެ.

މޯދީއާ އެކު ކަޝްމީރުގެ ލީޑަރުން ބައްދަލުވުން ބޭއްވި އިރު އިންޑިއާގެ މާލީ ވަޒީރު އަރުން ޖައިޓްލީ ވަނީ ކަޝްމީރުގައި ހަމަނުޖެހުން އުފައްދަނީ ގާ އުކާ މީހުން ކަމަށް ވިދާޅުވެފަ އެވެ. ކަޝްމީރުގެ މުޖާހިދަކު މަރާލި ފަހުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިންޑިއާ ސިފައިންނާ މެދު ހިތްހަމަނުޖެހޭ ޒުވާނުން ދަނީ ގާ އުކަމުންނެވެ.

މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ އަކީ އިންޑިއާގެ ހަމައެކަނި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސްޓޭޓުގެ ކޯލީޝަން ސަރުކާރުގެ ބައިވެރިއެކެވެ.