Roadha Mihaaru
ކައުންސިލްތަކުން ވިޔަފާރިތައް ފަށައިދޭން ޖެހޭ: ފައްޔާޒް

ކައުންސިލްތަކުން ވިޔަފާރިތައް ފަށައިދޭން ޖެހޭ: މިނިސްޓަރު

16 ޑިސެމްބަރ 2019

ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޭ ބަޖެޓުގެ ތެރެއިން ވިޔަފާރިތައް ފެށުމަށް ޚަރަދު ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު އެދިވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޭ ބަޖެޓުގެ ތެރެއިން ވިޔަފާރިތައް ފެށުމަށް ޚަރަދު ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު އެދިވަޑައިގެންފި އެވެ.

އަންނަ އަހަރުން ފެށިގެން މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އެ އިސްލާހުގައި، ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި، ރަށާއި އަތޮޅާއި ސިޓީ އަށް ލިބޭ އާމްދަނީގެ ވެސް ވަކި ޕަސެންޓެއް ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅައިފަ އެވެ. މީގެ ނަތީޖާއާ އެކު، ކައުންސިލްތަކަށް މިހާތަނަށް ލިބުނު ބަޖެޓު ބޮޑުތަން އިތުރުވާނެ އެވެ.

ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތަށް ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެ ރަށެއްގެ އިގްތިސާދުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން މަގު ތަނަވަސް ކޮށްދިނުމާއި ފައިނޭންސް ކޮށްދިނުން ވަރަށް މުހިންމު ކަމަށެވެ. އެފަދަ ކަންކަމަށް ސަރުކާރުގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، ވިޔަފާރިތަކާ ދެކޮޅު ވިސްނުން ދިވެހިންގެ ތެރޭގައި އުޅެ އެވެ. އެކަމަކު، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް އަމިއްލަ ވިޔަފާރިތައް ކުރިއަރަން ޖެހޭ ކަމަށެވެ.

"ސަރުކާރުން ކުރާ ވިޔަފާރިތައް މަދުކޮށްފައި، ރައްޔިތުން ވިޔަފާރިކޮށްގެން މުއްސަނދި ވާން ޖެހޭ. އޭގެން ބައިކުޅަބައި ދައުލަތަށް ދީގެން އިޖުތިމާއީ ކަންކަމާއި އިގްތިސާދީ ކަންކަން ކުރިއަށް ގެންދެވޭނީ" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެވިއްޖެ ނަމަ އިގްތިސާދީ ހަރަކާތްތަކެއް ހިންގުމަށް ރަނގަޅު އާބާދީއެއް ލިބޭނެ ކަމަށެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ހުށަހަޅާފައިވާ ސިޔާސަތުތަކަކީ ވަށައި ޖެހޭ ކަންކަން ކަމަށާއި އެކިއެކި އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން ލިބޭ ފައިސާ އިން އިޖުތިމާއީ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލަރުންގެ މަހާސިންތާ ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކައުންސިލަރުންގެ މަހާސިންތާ ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ މަހުގެ އުފެއްދުންތައް އުފައްދާ މިންވަރު ރަށްތަކުގައި ދަށްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން 2007 ވަނަ އަހަރު 8،700 ޓަނުގެ ހިކި ކަނޑުމަސް ރާއްޖޭން ބޭރު ކުރިއިރު މިދިޔަ އަހަރު އެ އަދަދު 1،570 އަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ އެފަދަ ވިޔަފާރިތައް މިހާރު ހިންގަނީ ބިދޭސީންނާއި މާލޭގައި އުޅޭ ބައެއް ކަމަށެވެ. އޭގެ ސަބަބުން ރަށްރަށުގެ އިގުތިސާދަށް ފައިސާ ނުވަންނަ ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރަށުގެ އިގްތިސާދު ކުރިއެރުވުމަށް ރަށުން ލިބޭ ފައިސާ ކޮންމެވެސް ވަރަކަށް ރަށުގައި ހިފެހެއްޓެން ޖެހޭ. އަދި މިފަދަ މަސައްކަތްތަކަށް ރަށުގެ ރައްޔިތުން ކުރިމަތިލާން ވެސް ޖެހޭ،" ޒަހާ ވިދާޅުވި އެވެ.

އޭނާ ވަނީ ކޯޕަރޭޓިވް ސޮސައިޓީތައް ހިންގުމަށް ކުރި މަސައްކަތްތައް ކާމިޔާބު ވެފައި ނުވާތީ އެ ސޮސައިޓީތައް އަލުން ދިރުވައި ދިނުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ ބާޒާރަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ އެތައް ބާވަތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް އެތެރެކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އާންމުކޮށް ހެދޭ ދޮންކޭލާއި ކަރާ ފަދަ ތަކެތި ވެސް ހިމެނެ އެވެ.

ޒަހާ ވިދާޅުވީ، އޭގެ ތެރެއިން ގިނަ ބާވަތްތަކަކީ ރާއްޖޭގައި ހެއްދިދާނެ ތަކެތި ކަމަށާއި ރިސޯޓް މާކެޓަށް ވެސް ބޭނުންވާ ތަކެތި ރާއްޖޭގައި އުފެއްދުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.

"ދޮންކެޔޮ 10،000 އަކަފޫޓުގައި 60،000ރ. ހަރަދުކޮށްގެން 110،000ރ. އެބަ ލިބޭ 12 މަސް ދުވަހުގެ ތެރޭގައި. ޑިއުޓީގެ އިނާޔަތް ދެވިފައި ވާތީ ގްރީން ހައުސް ފަދަ ތަކެއްޗަކީ މިހާރު ފަސޭހަ އިން ލިބިވަޑައިގަންނަވާ އެއްޗެހި،" މިނިސްޓަރު ވިދާޅުވި އެވެ.