Roadha Mihaaru
އެސްޑީއެފްސީން 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އެސްޑީއެފްސީން 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

15 ޑިސެމްބަރ 2019

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މި އަހަރުގެ މިހާތަނަށް 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މި އަހަރުގެ މިހާތަނަށް 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

އެސްޑީއެފްސީ އިން މިރޭ ބުނީ މި އަހަރުގެ މާޗު މަހުން ފެށިގެން މިހާތަނަށް 241 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކުރީ ޓޫރިޒަމާއި ކޮމާޝަލް ވިޔަފާރިތަކަށެވެ.

"މި ލޯންތައް ދޫކުރެވިފައި ވަނީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތުން 83 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށެވެ. މިހާތަނަށް ދޫކުރެވިފައިވާ ލޯންތަކުގެ 34 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކުރެވިފައިވާ ލޯނެވެ،" އެސްޑީއެފްސީގެ ބަޔާނުގައިވެ އެވެ.

މި އަހަރުގެ މާލީ ހިސާބުުތައް ނިންމާލުމަށްޓަކަށް ކުޑަ ދުވަސްކޮޅަކަށް ލޯނު ދޫކުރުން މެދުކަނޑާލަން އެތަނުން ވަނީ ހަމަޖައްސައިފަ އެވެ. ލޯނު ހޯދަން މި އަހަރު ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އެއް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، ލޯނަށް ހުށަހެޅުން ދެން ހުޅުވާލާނީ އަންނަ މަހުގެ 19 ގައި ކަމަށް އެސްޑީއެފްސީން ބުންޏެވެ.

އެތަނުގެ އަމާޒަކީ އަހަރުން އަހަރަށް އެތަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދޭން އެ ކޯޕަރޭޝަން އުފެއްދީ މިދިޔަ މާޗު މަހެވެ.