Roadha Mihaaru
ޗެމްޕިއަން ލިވަޕޫލާއި ޗެލްސީ ދެ ވަނަ ބުރަށް

ޗެމްޕިއަން ލިވަޕޫލާއި ޗެލްސީ ދެ ވަނަ ބުރަށް

11 ޑިސެމްބަރ 2019

ލަންޑަން (ޑިސެމްބަރު 11) – ފަހު މެޗާ ކުރިމަތިލިއިރު ޖާގައެއް ކަށަވަރުވެފައި ނެތް އިނގިރޭސި ދެ ޓީމު ކަމަށްވާ ޗެމްޕިއަން ލިވަޕޫލާއި ޗެލްސީން ރޭގެ މެޗުތަކުން މޮޅުވެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޑިސެމްބަރު 11) – ފަހު މެޗާ ކުރިމަތިލިއިރު ޖާގައެއް ކަށަވަރުވެފައި ނެތް އިނގިރޭސި ދެ ޓީމު ކަމަށްވާ ޗެމްޕިއަން ލިވަޕޫލާއި ޗެލްސީން ރޭގެ މެޗުތަކުން މޮޅުވެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ބަލިވި ނަމަ ކެޓުމުގެ ފުރުސަތު އޮތް ލިވަޕޫލް ރޭ ރަށުން ބޭރުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް 2-0 އިން ބަލިކޮށް ދެ ވަނަ ބުރުން ފުރުސަތު ހޯދީ 13 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ލަނޑެއް ނުޖެހި ދިޔަ ފުރަތަމަ ހާފަށް ފަހު ލިވަޕޫލަށް ދެ ވަނަ ހާފުގެ ކުރީކޮޅު ގޯލްތައް ޖަހައިދިނީ ނަބީ ކެއިޓާ އާއި މުހައްމަދު ސަލާހެވެ.

މި ގްރޫޕުން ދެ ވަނަ ޓީމުގެ ގޮތުގައި ފުރުސަތު ހޯދީ ރޭ ބެލްޖިއަމްގެ ގެންކް 4-0 އިން ބަލިކުރި އިޓަލީގެ ނަޕޯލީ އެވެ. އެ ޓީމަށް ލިބުނީ 12 ޕޮއިންޓެވެ. އަދި ތިން ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާ އެކު ސަލްޒްބާގް ވަނީ ޔުރޮޕާ ލީގުން ފުރުސަތު ހޯދައިފަ އެވެ. ގެންކް ދިޔައީ އެންމެ ޕޮއިންޓަކާ އެކު ފުލަށެވެ.

ޗެލްސީ ދެ ވަނަ ބުރުން ފުރުސަތު ހޯދީ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިލް 2-1 އިން ބަލިކޮށް 11 ޕޮއިންޓާ އެކު ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ދިޔައީ ނެދަލެންޑްސްގެ އަޔަކްސް 1-0 އިން ބަލިކޮށް އެ ޓީމު ކަޓުވާލި ސްޕެއިނުގެ ވެލެންސިއާ އެވެ. ގްރޫޕުގެ އެއް ވަނަ ހޯދުމުގެ ހަނގުރާމައިގައި ވެލެންސިއާ އާއި ޗެލްސީގެ ޕޮއިންޓް އެއްވަރުވީ ނަމަވެސް ވެލެންސިއާ އަށް ކުރި ލިބުނީ ދެ ޓީމު ވާދަކުރި މެޗުތަކުގެ ނަތީޖާ އިންނެވެ. މިދިޔަ އަހަރު ސެމީ ފައިނަލުގައި ވާދަކުރި އަޔަކްސް އަށް ލިބުނީ 10 ޕޮއިންޓެވެ. އެ ޓީމަށް މި ސީޒަނުގައި ދެން ވާދަކުރަން ޖެހޭނީ ޔުރޮޕާ ލީގުގަ އެވެ.

ޗެލްސީން ރޭ ސްޓެމްފޮޑް ބްރިޖުގައި ކުޅުނު މެޗުގައި ލިލް ކޮޅަށް ގޯލް ޖެހީ ޓެބީ އަބްރަހަމް އާއި ސެޒާ އަޒްޕިލިކުއެޓާ އެވެ. ލިލްގެ ލޮއިކް ރެމީ މެޗުގެ ފަހުކޮޅު ތަފާތު ކުޑަކުރި ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.