10 ޑިސެމްބަރ 2019
ރާއްޖޭގައި އެންމެ ގިނައިން ބާނާ މަހުގެ ބާވަތް ކަމަށްވާ ރީނދޫ އުރަހަ ކަންނެލި އިންޑިއާ ކަނޑުން ހުސްވުމުގެ ބިރަކީ، ރާއްޖޭގެ މަސްވެރިކަމަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ގިނައިން ބާނާ މަހުގެ ބާވަތް ކަމަށްވާ ރީނދޫ އުރަހަ ކަންނެލި އިންޑިއާ ކަނޑުން ހުސްވުމުގެ ބިރަކީ، ރާއްޖޭގެ މަސްވެރިކަމަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޒަހާ ވަނީ މަސްވެރިންނަށް ދިމާވަމުންދާ ބޮޑެތި ގޮންޖެހުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދަން ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ، ދިވެހި މަސްވެރިކަން އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ކަނޑުމަހުގެ ބާވަތްތަކަށް ކަމަށްވާ އިރު ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްގެ ހާލަތު އަންގައިދޭ މިންގަނޑުން ހުރީ "ރަތް ދަރަޖައިގައި ގިންތި ކުރެވިފައި" ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް. އަދި މަސްވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުމުގައި ވިސްނަން ޖެހޭ ކަމެއް. ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށްޓަކައި، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ހުރިހާ ގައުމަކުން މަސް ބާނާ މިންވަރު މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ރީޓެއިލަރުން މިއަދު ދަނީ ބާރު އަޅަމުން،" އޭނާ ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހެއް ފާހަގަކުރާ އިރު ދިވެހިރާއްޖޭގައި ބާނާ މަހުގެ މަންފާ އެންމެ އެދެވޭ ގޮތެއްގައި ދިވެހިންނަށް ލިބެމުން ނުދާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސިނާއަތުގައި މަހުގެ ބާވަތްތައް ގަނޑުކޮށްގެން ބޭރުގެ ބާޒާރަށް ވިއްކުމަކީ މަހަށް ރަނގަޅު އަގު ހޯދުމަށް އެންމެ އެކަށީގެންވާ ނުވަތަ އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި ޕްރޮސެސް ކުރެވޭނެ ގޮތް ހެދުން ކޮންމެހެން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ސަރުކާރުގެ ވިސްނުންތަކެއް އެބަހުރި. މަސް ގަންނަ ކުންފުނިތައް އިތުރުކުރުމާއި ރަށު ފެންވަރުގައި މަސް ޕްރޮސެސް ކުރެވޭ މިންވަރު އިތުރު ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް،" ޒަހާ ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި، މި ސަރަހައްދުގައި އެއްވެސް ބެލެހެއްޓުމެއްނެތި ގާނޫނާ ހިލާފަށް މަސް ބާނަމުން ދާ ދިޔުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަ ކުރައްވައިފަ އެވެ. ޒަހާ ވިދާޅުވީ، ރާއްޖެ ފަދަ ސާފު، ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ގައުމަކަށް، އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
މިނިސްޓަރު ވަނީ މި ސަރުކާރުގެ ފުރަތަމަ އަހަރުގައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން މަސްވެރިކަމުގެ ޒަމާނީ ގާނޫނެއް އެކުލަވާލުމާއި ވެސަލް އޮޕަރޭޓިން ޑިވައިސް ހަރުކުރުމާއި އުޅަނދު ފަހަރު ހަރަކާތްތެރިވާ ގޮތް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެކަމާ ގުޅޭ މަސައްކަތް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މެރިކަލްޗާ ދާއިރާ ކުރިއެރުވުމައްޓަކައި ވޯލްްޑް ބޭންކްގެ އެހީގައި ކ.މަނިޔަފުށީގައި ކުރައްވަވާ މަސައްކަތްތައް ވެސް ޒަހާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން މަސްވެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އިންޝުއަރެންސް ސްކީމެއްގެ ތެރެއަށް މަސްވެރިން ވެއްދުމުގެ މަސައްކަތެއް ވެސް ފިރަޝީޒް މިނިސްޓްރީން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުދި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖޭގައި ފަށަނީ
ހުރިހާ އެމެއް ކަހާލައިގެން ގެނެސް މިއޮއް ވިއްކަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
މަސްވެރިންނަށް 136 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
ކޮންމެ އޮޑިޔަކަށް ރެސްކިއު ޑައިވަރުން ފެންވަރުގެ މީހެއް
މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ފަށަނީ
މަސްވެރިންނަށްވީ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި
މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދީފި، ރިކޯޑެއް