Roadha Mihaaru
ފަގީރު ގޭބިސީއަކަށް ކާޑަށް މަހަކު ގިނަވެގެން 240ރ.

ފަގީރު ގޭބިސީއަކަށް ކާޑަށް މަހަކު ގިނަވެގެން ލިބޭނީ 240ރ.

30 ސެޕްޓެމްބަރ 2016

ފަގީރު ގޭބީސީއަކަށް ކާޑަށް ކޮންމެ މަހަކު ދޭނީ 240ރ. ކަމަށް އެންސްޕާއިން މިރޭ ބުނެފި އެވެ.

ފަގީރު ގޭބީސީއަކަށް ކާޑަށް ކޮންމެ މަހަކު ދޭނީ 240ރ. ކަމަށް އެންސްޕާއިން މިރޭ ބުނެފި އެވެ.

އެންސްޕާގެ ޗެއާމަން މުޖުތަބާ ޖަލީލް މިރޭ ވިދާޅުވީ ފަގީރުންނަށް ކާބޯތަކެތީގެ ސަބްސިޑީ ދިނުމާ ބެހޭ ގަވައިދު މިދިޔަ މާޗް މަހުގެ 29 ގައި ގެޒެޓްގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އޭގައި ބުނެފައިވާ ގޮތުން ކާޑުގެ ސަބްސިޑީގެ ގޮތުގައި ގެއަކަށް ގިނަވެގެން ލިބޭނީ މަހަކު 240ރ. އެވެ. އެއީ ބޮލަކަށް 40ރ.ގެ މަގުންނެވެ. އަހަރެއްގެ މައްޗަށް އެއީ 2880ރ. އެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން ސަބްސިޑީ ލިބޭނީ މިކަމަށް ޚާއްސަކޮށްފައިވާ ފޯމެއް ފުރައި، އެންސްޕާއިން އެ ފޯމަށް ސަބްސިޑީ ދޭން ނިންމުމުންނެވެ. އަދި، މިގަވައިދުގައި ބުނެފައި ވަނީ ކާބޯތަކެތީގެ ސަބްސިޑީ ލިބޭ މީހުންގެ ރަޖިސްޓްރީއެއް އެންސްޕާއިން ބަލަހައްޓަން ވެސް ޖެހެ އެވެ.

މުޖުތަބާ ވިދާޅުވީ މިހާތަނަށް ވެސް މަދު އަދަދަކަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

"އޭރު އަދި ކާޑުގެ އަގު ބޮޑު ކުރާ ވާހަކަ އިއުލާން ނުކުރާތީ ކަން ނޭނގެ މާ ގިނަ އަދަދަކަށް ފޯމް ލިބިފައި ނުވަނީ. އެކަމަކު ފޯމް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް. ހޯމަ ދުވަހުން ފެށިގެން ފޯމް ބަލައިގަތުން އަދިވެސް ކުރިއަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި ފަގީރު ގޭބީސީތަކަށް ކާބޯތަކެތީގެ އެހީ ދިނުމާ ބެހޭ ގަވައިދު އެކުލަވައިލީ ރައީސް އޮފީހާއި އިކޮނޮމިކް ކައުންސިލްގެ ވަރަށް ބޮޑު ބައިވެރިވުމާއެކު އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަބްސިޑީ ކަނޑާލާއިރު، ކާޑުގެ އަގު ބޮޑުވާނެކަން ކުރިން ވެސް އެނގެ އެވެ.

"އެކަމަކު ކާޑުގެ އަގަށް އަންނާނެ ބަދަލު އޭރު ނޭނގެނީ،" މުޖުތަބާ ވިދާޅުވި އެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި، ހަމަ އެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި އިއްޔެ ހަމަޖެއްސުމާ އެކު މިރޭ 12 ޖެހުމާ ހަމައިން ކާޑުގެ ތިން ބާވަތުގެ އަގު ބޮޑުވެގެން ދާނެ އެވެ.

ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް އަރާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.