Roadha Mihaaru
ސިންގަލްސް އިން ރަފާ އާއި ދީމާ ކުއާޓާ އަށް

ސިންގަލްސް އިން ރަފާ އާއި ދީމާ ކުއާޓާ އަށް

05 ޑިސެމްބަރ 2019

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ރަފާ އާއި ދީމާ ކުއާޓާގެ ފުރުސަތު ހޯދީ ގްރޫޕްގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ ވަނައިގެ ގޮތުގަ އެވެ. ކުއާޓާ ފައިނަލް މެޗުތައް މިއަދު މެންދުރު ފަހު އޮންނާނެ އެވެ.

ރަފާ ހިމެނުނު ގްރޫޕްގެ ފުރަތަމަ މެޗުގައި އިންޑިއާގެ އައިކާއާ ވާދަކޮށް ރަފާ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 11-04، 11-04 އަދި 11-05 އިންނެވެ. ދެ ވަނަ މެޗުގައި ރަފާ ވަނީ ފަސޭހަކަމާ އެކު ބަންގްލަދޭޝްގެ ސާދިއާ ރަހުމާންގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. ރަފާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 11-06، 11-05 އަދި 11-09 އިންނެވެ.

ދީމާ ވެސް ވަނީ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ލަންކާގެ އިޝާރާ މަދުރަންގީ އަތުން 3-1 ސެޓުން ބަލިވެފަ އެވެ. އެ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 11-13 އިން ދީމާ އެވެ. އެކަމަކު އިޝާރާ އޭނާގެ ތަޖުރިބާގެ ބޭނުންކޮށް ދެން ކުޅުނު ތިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ. އިޝާރާ ސެޓުތައް ގެންދިޔައީ 11-08، 11-04 އަދި 11-02 އިންނެވެ.

ރާފާ އާއި ދީމާ ވަނީ ދާދި ފަހުން މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސިންގަލްސް ބައިގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ރަފާ ބަލިކޮށް އެ ގޭމްސްގެ ރަން މެޑަލް ހޯދީ ދީމާ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ސިންގަލްސް ބައިގައި ވާދަކުރި ރާއްޖޭގެ މޫސާ މުންސިފާއި ޝައްފާން އިސްމާއިލް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. މުންސިފް ކުޅުނު ދެ މެޗުން ބަލިވިއިރު، އޭނާ ނުކުތީ އިންޑިއާގެ ހަރްމީތާއި ލަންކާގެ އިމޭޝާއާ ދެކޮޅަށެވެ. ދެ މެޗުން ވެސް މުންސިފް ބަލިވީ ސީދާ ތިން ސެޓުންނެވެ.

ޝައްފާން ވާދަކުރި ގްރޫޕްގައި އޭނާ ނުކުތީ އިންޑިއާގެ އަމަލްރާޖް އެންތަނީ އާއި ޕާކިސްތާނުގެ ފަވާދު ހަވާޖާއާ ދެކޮޅަށެވެ. އެ ދެ ކުޅުންތެރިން އަތުން ވެސް ޝައްފާން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ މި ފަހަރުގެ ޓީމް އިވެންޓް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އިއްޔެ ކުޅުނު ޑަބަލްސްގެ ކުއާޓާ ފައިނަލުގައި އަންހެން ޑަބަލްސް ބައިން ދީމާ އާއި ރަފާގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ރަފާ އާއި ޒީސްތު ނަސީމްގެ ޕެއާ ވަނީ ކަޓައިފަ އެވެ.