27 ޖުލައި 2019
ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަތުން 4-1 ސެޓުން މޮޅުވެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ވިމެންސް ސިންގަލްސް ރަން މެޑަލް ހޯދައި ރާއްޖޭގެ އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ، ދިވެހި ކުޅިވަރުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.
ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަތުން 4-1 ސެޓުން މޮޅުވެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ވިމެންސް ސިންގަލްސް ރަން މެޑަލް ހޯދައި ރާއްޖޭގެ އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ، ދިވެހި ކުޅިވަރުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.
މި ރަން މެޑެއްޔާ އެކު މި ގޭމްސްގައި ދީމާ ހޯދި ރަން މެޑަލުގެ އަދަދު ތިނަކަށް އެރުމާ އެކު އޭނާ ވެފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ. އޭނާ ރަން މެޑަލް ހޯދީ މިއަދުގެ ސިންގަލްސްގެ އިތުރުން ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމު އިވެންޓުންނެވެ.
ދީމާގެ އިތުރުން އިންޑިވިޖުއަލް އިވެންޓަކުން ރަން މެޑަލް ހޯދި ދިވެހި ދެ އެތުލީޓުންނަކީ 2015 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ހަސަން ސާއިދާއި މި އަހަރުގެ ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން ރަން މެޑަލް ހޯދި އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.
އެކަމަކު ހުރިހާ އިވެންޓެއް އެއްކޮށް ބަލާއިރު ދީމާ އުޅެނީ ތިން ރަން މެޑެއްޔާ އެކު މާކުރީގަ އެވެ. އިންޑިވިޖުއަލް އަދި ޓީމު އިވެންޓަށް ބަލާއިރު ދީމާގެ ފަހަތުން ދެން އެންމެ ކާމިޔާބު ދިވެހި ކުޅުންތެރިޔަކީ މިއަދު ރިހި މެޑަލް ހޯދި ރަފާ އެވެ. އޭނާ ވެސް ވަނީ ދީމާއާ އެކު ޑަބަލްސް އިވެންޓުން އަދި ވިމެންސް ޓީމު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.
ފައިނަލަށް ދަތުރުކުރުމާ އެކު ރަފާ (ވ) އާއި ދީމާ މިއަދު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު
ވިމެންސް ޑަބަލްސް ފައިނަކެލޭ އެއްގޮތަށް މިއަދުގެ ސިންގްލަސް ފައިނަލަށް ވެސް ދެ ކޮޅުން ރާއްޖެ ދަތުރުކުރުމާ އެކު މެޗު ފެނިގެން ދިޔައީ، ދިވެހިން ވަކި ކުޅުންތެރިޔަކަށް ތާއީދުނުކޮށް ހިތްހަމަޖެހުމާ އެކު ބަލާލި ފައިނަލް މެޗަކަކަށެވެ. ޓީމުގެ ހެޑް ކޯޗު އިންޑިއާގެ އަމިތު ކުމާރާއި ކޯޗު އިބްރާހިމް ޝިއުރީ ވެސް ފެނިގެން ދިޔައީ އިރުޝާދެއް ނުދީ ހަމަޖެހިލައިގެން ތިބި މަންޒަރެވެ. އެކަމަކު އޭގެ ކުރިން ކުޅުނު ކުޅުނު ސެމީ ފައިނަލް މެޗުގައި ބެޑްމިންޓަން، ބާސްކެޓްބޯޅަ އަދި އެތުލެޓިކްސް ޓީމުގެ ކުޅުންތެރިން އައިސް ދީމާ އާއި ރަފާ އަށް ވަރަށް ބޮޑަށް ތަރުހީބުދިނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު 11-6 އިން ކާމިޔާބުކުރީ ރަފާ އެވެ. އެކަމަކު ދީމާ އަނެއް ހަތަރު ސެޓު ކާމިޔާބުކޮށް ރަން މެޑަލް ހޯދީ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 7-11، 5-11، 7-11 އަދި 4-11 އިންނެވެ.
ދީމާ ބުނީ ވަރަށް ވަރަށް ބޮޑަށް އުފާވެ އަދި ފަހުރުވެރިވެއްޖެ ކަމަށެވެ. ފައިނަލުގެ ކުރިން ވެސް އޭނާ ބުނީ އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އެކަމާ ނުވިސްނާނެ ކަމަށާއި ރާއްޖެ އަށް ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ލިބުމުން ހިތްހަމަޖެހިއްޖެ ކަމަށެވެ.
ރަން މެޑަލް ހޯދި ދީމާ (މ) އާއި ރިހި މެޑަލް ހޯދި ރަފާ (ވ-2) އަދި ލޯ މެޑަލް ހޯދި މޮރިޝަސް ކުޅުންތެރިޔާ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު މަހުލޫފު (ވ) އާއި ހެޑް އޮފް ޑެލިގޭޝަން މައިޒާން އަލިމަނިކާ އެކު. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު
ދީމާ އަށް އެންމެ ބޮޑަށް ތައުރީފް އޮހުނީ މިއަދުގެ ސެމީ ފައިނަލުން މޮރިޝަސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ގުކޫލް ވިދާދު އަތުން ފަހަތުން އަރައި 4-3 ސެޓުން މޮޅުވުމުންނެވެ. ވިދާދު ފުރަތަމަ ދެ ސެޓު ގެންދިޔައީ 8-11 އަދި 8-11 އިންނެވެ. ދީމާ އުއްމީދެއް ހޯދީ ތިން ވަނަ ސެޓު 11-5 އިން ކާމިޔާބުކޮށްގެންނެވެ. އަދި ހަތަރު ވަނަ ސެޓު 11-3 އިން ކާމިޔާބުކޮށް ދީމާ އެއްވަރުކުރި އެވެ. ދީމާ އަށް މޮޅުވާން ލިބުނު ފުރުސަތުގައި ފަސް ވަނަ ސެޓު ގުކޫލް ކާމިޔާބުކުރީ 9-11 އިންނެވެ. ދީމާ އަލުން މެޗުގެ ތެރެއަށް ވަނީ ހަ ވަނަ ސެޓު ފަސޭހަކަމާ އެކު 11-2 އިން ކާމިޔާބުކޮށްގެންނެވެ. އަދި ލިބުނު ހިތްވަރާ އެކު ހަތް ވަނަ ސެޓު 11-5 އިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދި އެވެ.
"ބަލިވާން ފެށީމާ ހިތަށް އަރަނީ މިހާރު ގިޕަވްކޮށްފިއްޔާ ނިމުނީޔޭ. އަދިވެސް ފައިޓްކޮށްފިއްޔާ ވެދާނޭ. އެހެންވެ ދީމާ ކޮންމެވެސް ގޮތަކުން ހިތްވަރު ގެނެސްގެން ކުޅެނީ،" އެ މެޗާ ބެހޭގޮތުން ދީމާ ބުންޏެވެ.
ސެމީ ފައިނަލް މެޗު ކާމިޔާބުކުރުމަށް ފަހު ރަފާ އުފާފާޅުކުރަނީ. –އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު
ރަފާ ވެސް ސެމީ ފައިނަލުން މޮރިޝަސްގެ ޖަލިމް ނަންޑެޝްވާރީ އަތުން 4-3 އިން މޮޅުވީ އެހާމެ ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. ރަފާ ވަނީ ފުރަތަމަ ދެ ސެޓު 11-6 އަދި 11-3 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޖަލިމް ވަނީ އަނެއް ދެ ސެޓު 7-11 އަދި 7-11 އިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި ފަސް ވަނަ ސެޓު 6-11 އިން ކާމިޔާބުކޮށް ލީޑު ވެސް ނެގި އެވެ. އޭނާ އަށް ހަ ވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވާން ފުރުސަތު ލިބުނު ނަމަވެސް ރަފާ ވަނީ 11-6 އިން މި ސެޓު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެހިސާބުން ގަދަ ހިފުމަކަށް ދާން ޖެހުނެވެ. އެ ސެޓު ވަރަށް ވާދަވެރިކޮށް ގޮސް، ރަފާ 12-10 އިން ސެޓު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރި އެވެ.
"ވަރަށް ޕްރެޝާ ސެމީ ފައިނަލުގައި ކުޅުނުއިރު. އެކަމަކު އަބަދުވެސް ހިތްވަރުއެލުވާނުލާ ރަފާ ކުޅެނީ. ބަލިވާ ގަޑީގައި ވެސް ފައިޓްކުރަން ވިސްނީ. ހިތްވަރުއެލުވާނުލައި ކުރިއަށް ފައިޓްކޮށްގެން ސްކޯއަށް ނުވިސްނައި ރަފާގެ ގޭމް ރަފާ ކުޅުނީ،" ރަފާ ބުންޏެވެ.
މި ދެ ކުޅުންތެރިން ވެސް ސެމީ ފައިނަލުން މޮޅުވީ އުމުރުގެ ގޮތުން ބެލިޔަސް ސީނިއާ ކުޅުންތެރިންނާ ވާދަކޮށެވެ. ތަޖުރިބާ އަށް ބެލިޔަސް އެ ކުޅުންތެރިން ތިބީ މާ ކުރީގަ އެވެ. އެ ހުރިހާ ކަމެއް އެއްކިބައިގައި އޮއްވާ މޮރިޝަސްގެ ސަޕޯޓަރުންގެ ކުރިމަތީގައި އެ ގައުމުގެ ދެ ކުޅުންތެރިން ބަލިކުރުމަކީ ބޮޑު ކަމެކެވެ. އަންހެން ޓީމު އިވެންޓުގެ ފައިނަލުން ވެސް އަދި އަންހެން ޑަބަލްސްގެ ސެމީ ފައިނަލުން ވެސް ރާއްޖެ މޮޅުވީ މޮރިޝަސް ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.
ޕްރެޝަރާ ކުރިމަތިލީ ޕްރޮފެޝަނަލުންގެ ގޮތުގައި: ކޯޗު
ރަފާ އާއި ދީމާ ފައިނަލަށް! ރަނާއި ރިހި ވެސް ކަށަވަރުވެއްޖެ!
"މިއަދު އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ!"
ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް
އައިއޯއައިޖީ: ޓީޓީގެ އަންހެން ދެ ޕެއާ ވެސް ކުއާޓާއަށް
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ސިންގަލްސް ބައިން ރަފާ އާއި ދީމާ ސެމީ އަށް
ދީމާ: މަންމަ އާއި ބައްޕަގެ ގުރުބާނީގެ އަގު ރަނުން!
ރަފާ: ޕްރެޝަރުގައި ކުޅެން މިވަރެއް ނެތް!