Roadha Mihaaru
ރަނގަޅު ފެށުމަކާ އެކު ދީމާ އާއި ރަފާ އުއްމީދުގައި

ރަނގަޅު ފެށުމަކާ އެކު ދީމާ އާއި ރަފާ އުއްމީދުގައި

04 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓްގައި އަންހެން ޓީމަށް މި ފަހަރު ލޯ މެޑަލް ލިބުމަކީ ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށާއި ކުރިއަށް ހުރި މެޗުތަކާ މެދު ބޮޑު އުއްމީދެއްކުރެވޭ ކަމަށް ޓީމުގެ އެންމެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ބުނެފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓްގައި އަންހެން ޓީމަށް މި ފަހަރު ލޯ މެޑަލް ލިބުމަކީ ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށާއި ކުރިއަށް ހުރި މެޗުތަކާ މެދު ބޮޑު އުއްމީދެއްކުރެވޭ ކަމަށް ޓީމުގެ އެންމެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ބުނެފި އެވެ.

އިއްޔެ ސެމީގައި ލަންކާ އަތުން ބަލިވި ނަަމަވެސް ޓީޓީ އަންހެން ޓީމަށް ވަނީ މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ސެމީގެ ޖާގައާ އެކު ލޯ މެޑަލް ލިބިފަ އެވެ. މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޓީޓީ ޓީމުން ރަން މެޑަލް ހޯދި އެވެ. އެކަމަކު ސައުތު އޭޝިއަން ގޭމްސް އަކީ އެ އަށް ވުރެ ވަރުގަދަ މުބާރާތަކަށް ވާތީ މި ގޭމްސްގައި ލޯ މެޑަލަކީ ވެސް ރަނގަޅު ފެށުމެކެވެ.

ރަފާ ބުނީ ކުޅުމަށް ބަލާއިރު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ސެމީގައި ލަންކާ އަތުން ބަލިވިޔަސް ކޮންމެ ކުޅުންތެރިޔަކު ވެސް ވަރަށް ރަނގަޅު ފައިޓެއް ދިން ކަމަށެވެ. ދީމާ ބުނީ މިއީ ހަގީގަތުގައި ވަރަށް ރަނގަޅު މެޗު އެކްސްޕީރިއަންސްތަކެއް ކަމަށާއި ކުޅުންތެރިން ކުރި މަސައްކަތާ އެކު މި ހިސާބަށް އާދެވުމުން ވެސް ވަރަށް އުފާވާ ކަމަށެވެ.

އައިއޯއައިޖީގައި މި ފަހަރު ރާއްޖޭން އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް ބައިން ރަން މެޑަލާއި ރިހި މެޑަލް ހޯދާފައިވާއިރު، ބައިނަލް އަގުވާމީ އެހެން މުބާރާތްތަކުން ވެސް ވަނީ ރަން ވަނަތަކެއް ހޯދައިފަ އެވެ. ޓީޓީ ކޯޗު އިބްރާހިމް ޝިއުރީ ބުނީ މި އަހަރަކީ ހަގީގަތުގައި ޓީޓީ އަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ.

ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖޭގެ ދިދަ ހިފައިގެން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖޭގެ ދިދަ ހިފައިގެން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

"ވަރަށް ރަނގަޅަށް ސެމީގައި ކުޅެފައި ނަސީބު ދިމާކުރި ގޮތް މިއީ. އިރާދަކުރެއްވިއްޔާ ކުރިއށް އޮތްތަނުގައި މި އަށް ވުރެން ރަނގަޅަށް ތައްޔާރުވެގެން ފައިޓްދެވޭނެކަން މިހާރު އެބަ އެނގޭ. ކުރިން މިއީ ވާނެ ކަމެއް ނޫން މި ރީޖަންގެ ސެމީ ފައިނަލަށް ދިއުން ވެސް އެއީ. އަދި ބްރޯންޒް މެޑަލެއް ހޯދުން އެއީ މުޅިން އަލަށްވީ ކަމެއް. އެހެންވީމަ 2019 އަކީ ޓީޓީ އަށް ކާމިޔާބު އަހަރެއް. ޖެނުއަރީން ފެށިގެން މިސާލަކަށް މި އައި ސައުތު އޭޝިއަން އެކި މުބާރާތްތަކުން ދީމާ އަށް މެޑަލް ލިބި އައިއޯއައިޖީން ވެސް މެޑަލް ލިބި. އެހެން އައިސް މި މުބާރާތުގައި ވެސް ލޯ މެޑަލް މި ލިބުނީ،" ޝިއުރީ ބުންޏެވެ.

ޓީޓީ ކޯޗު އަމިތު ކުމާރް ބުނީ މި ރީޖަނުގައި އަދިވެސް ރާއްޖެ އަށް އިތުރު ކާމިޔާބީ ހޯދޭނެ ކަމަށާއި ރަނގަޅު ޓްރެއިނިންއާ އެކު މަސައްކަތްކޮށްފިނަމަ އެހެން ޓީމުތަކާ އެއް ލެވެލެއްގައި ރާއްޖެ އަށް ކުޅެވޭނެ ކަމަށެވެ.

ޑަބަލްސްގައި ދީމާ އާއި ރަފާގެ ޕެއާ ކުއާޓާ އަށް

އިއްޔެ ޓީމު އިވެންޓުގެ މެޗުތައް ނިންމާލުމަށް ފަހު ވަނީ ޑަބަލްސް މެޗުތައް ފަށައިފަ އެވެ. އަންހެން ޑަބަލްސް އާއި ފިރިހެން ޑަބަލްސް މެޗުތަކަށް ފަހު ކުއާޓާ ފައިނަލުން ޖާގަ ލިބުނީ ދީމާ އާއި ރަފާގެ ޕެއާ އަށެވެ. ކުއާޓާ ފައިނަލް އޮންނާނީ މިއަދު ހެނދުނު އެވެ.

ދީމާ އާއި ރަފާގެ ޕެއާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ އިއްޔެ ކުޅުނު މެޗުން ލަންކާގެ ޕެއާއެއް ކަމަށްވާ ޗިޓީ އާއި އިރާންޑީގެ ޕެއާ އަތުން މޮޅުވެގެންނެވެ. ހަތް ސެޓަށް ކުޅުނު މި މެޗުން ދީމާ އާއި ރަފާގެ ޕެއާ މޮޅުވީ 7-4 އިންނެވެ. މި މެޗުގައި ލަންކާގެ ޕެއާއާ ދެކޮޅަށް ދީމާ އާއި ރަފާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިއްޔެ ކުޅުނު ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މޫސާ މުންސިފާއި ޒީސްތު ނަސީމްގެ ޕެއާ ބަލިވީ ޕާކިސްތާންގެ ޕެއާ އަތުންނެވެ. އަހުޔާރު އަހުމަދު ހާލިދު އާއި މުހައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ ބަލިވީ ނޭޕާލްގެ ޕެއާ އަތުންނެވެ. އަންހެން ޑަބަލްސްގެ އަނެއް ޕެއާ ކަމަށްވާ ފާތިމަތު ޖުމާނާ ނިމާލް އާއި ލައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ބަލިވީ ޕާކިސްތާންގެ ޕެއާ އަތުންނެވެ. ކުއާޓާ ފައިނަލުގެ މެޗުތައް އޮންނާނީ މިއަދެވެ. ލައިސާ އާއި ޖުމާނާ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ފަހު ވަގުތު ޕާކިސްތާން ޕެއާ އިން ސެޓުތައް ގެންދިޔައީ އެވެ.

މުބާރާތުގެ އަންހެން ޑަބަލްސް އާއި ސިންގަލްސް މެޗުތައް އޮންނާނީ މިއަދު އެވެ.