Roadha Mihaaru
ދުއްވަމުން ފޯނު ބޭނުންކުރާކަން ދެނެގަންނަ ކެމެރާއެއް

ދުއްވަމުން ފޯނު ބޭނުންކުރާކަން ދެނެގަންނަ ކެމެރާ ބޭނުން ކުރަން ފަށައިފި

04 ޑިސެމްބަރ 2019

ކާރު ދުއްވަމުން މޮބައިލް ފޯނު ބޭނުންކުރާ ނަމަ އެކަން ދެނެގަނޭވެނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކެމެރާ ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގައި ބޭނުން ކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާރު ދުއްވަމުން މޮބައިލް ފޯނު ބޭނުންކުރާ ނަމަ އެކަން ދެނެގަނޭވެނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކެމެރާ ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގައި ބޭނުން ކުރަން ފަށައިފި އެވެ.

މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފުކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ނިއު ސައުތު ވޭލްސް (އެންއެސްޑަބްލިއު) ޓްރާންސްޕޯޓްގަ އެވެ. އޭއައި ކެމެރާގެ އެހީގައި ކާރުތަކުގެ ވިންޑް ސްކްރީނާ ދިމާލުން ޑްރައިވަރުންގެ ހަރަކާތް ކޮންމެ މޫސުމެއްގައި ވެސް ހައި-ޑިފިިޝަންކޮށް ދެނެގަނެވޭނެ އެވެ.

ކާރު ދުއްވަމުން ގަވައިދާ ހިލާފަށް މޮބައިލް ފޯނު ބޭނުންކުރާކަން ދެނެގަތުމަށް އޮސްޓްރޭލިއާގައި އޭއައި ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ކުރިން މި އަހަރުގެ ކުރީކޮޅު ވަނީ މީގެ ޓްރައިލްތަކެއް ވެސް ހަދައިފަ އެވެ.

އޭރު 100،000 މީހުން ދުއްވަމުން ފޯނު ބޭނުންކުރިކަން ކާމިޔާބުކަމާ އެކު ދެނެގަނެވިފައިވެ އެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް އެންޑް ރޯޑް މިނިސްޓަރު އެންޑްރޫ ކޮންސްޓޭންސް ވިދާޅުވީ އޭއައި ކެމެރާ ބޭނުން ކުރަން ފަށާފައިވާ އިރު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އަމަލުކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ ކުރިން އިންޒާރުގެ ނޯޓިސް ފޮނުވާނެ ކަމަށެވެ.

އޭގެ ފަހުން ގަވައިދާ ހިލާފުވާ ނަމަ ޖޫރިމަނާކުރާނެ އެވެ. އެގޮތުން 180-457 ދެމެދުގެ އޮސްޓްރޭލިއާ ޑޮލަރުން ޖޫރިމަނާކުރެވޭނެ އެވެ.

"ދުއްވަމުން ފޯނު ބޭނުން ކުރުމަކީ ދުއްވާ މީހާގެ އިތުރުން އިތުރުން ވެހިކަލްގައި ތިބޭ އެހެން މިހުންގެ ފުރާނަ އަށް ވެސް ނުރައްކާވާ ކަހަލަ އަމަލެއް،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމާ އެބަޖެހޭ މިހާރަށް ވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން."

އެންއެސްޑަބްލިއު ޓްރާންސްޕޯޓުން ބުނީ އޭއައި ކެމެރާ ނެޓްވޯކް ފުޅާކުރުމުގެ ގޮތުން 2023 ހަމައަށް އަންނަ އިރު، މިފަދަ 45 ކެމެރާ ބޭނުންކުރާނެ ކަމަށެވެ.