Roadha Mihaaru
ނެޓްފްލިކްސް އިން ސިނަމާގައި ވެސް ފިލްމު ދައްކަނީ

ނެޓްފްލިކްސް އިން ސިނަމާގައި ވެސް ފިލްމު ދައްކަނީ

29 ނޮވެމްބަރ 2019

ސްޓްރީމިން ސާވިސްއާ އެކު ސިނަމާތަކުގެ ވިޔަފާރި ހަލާކުކޮށްލިކަމުގެ ތުހުމަތު ގިނަ ބަޔަކު އަޅުވާ މަޝްހޫރު ނެޓްފްލިކްސް އިން އެމެރިކާގެ ނިއު ޔޯކްގެ މަޝްހޫރު ޕެރިސް ސިނަމާ 10 އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފައި އެތަނުގައި ފިލްމުތައް ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓްރީމިން ސާވިސްއާ އެކު ސިނަމާތަކުގެ ވިޔަފާރި ހަލާކުކޮށްލިކަމުގެ ތުހުމަތު ގިނަ ބަޔަކު އަޅުވާ މަޝްހޫރު ނެޓްފްލިކްސް އިން އެމެރިކާގެ ނިއު ޔޯކްގެ މަޝްހޫރު ޕެރިސް ސިނަމާ 10 އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފައި އެތަނުގައި ފިލްމުތައް ދައްކަން ފަށައިފި އެވެ.

މީގެ 71 އަހަރު ކުރިން 1948 ގައި ހުޅުވި ޕެރިސް ސިނަމާއަކީ ވަރަށް ހިތްގައިމުކޮށް ފަރުމާކޮށްފައިވާ ސިންގަލް ސްކްރީން ސިނަމާއެކެވެ. އެތަން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބަންދުކޮށްފައި ވަނިކޮށް، ނެޓްފްލިކްސް އިން ސިނަމާ ކުއްޔަށް ނަގައި، އެތަނުގައި ދައްކަމުން އަންނަ ފުރަތަމަ ފިލްމަކީ އެ ކުންފުނީގެ "މެރިޖް ސްޓޯރީ" އެވެ.

އެ ފިލްމަކީ ސްކާލެޓް ޖޮހަންސަން އާއި ލައުރާ ޑާން އެލަން އަލްޑާ، ރޭ ލިއޮޓާ، މެރިޓް ވެވާ އަދި ޖޫލީ ހެގާޓީ ފަދަ ތަރިން ލީޑް ރޯލް ކުޅުނު އެ ފިލްމަކީ ނޯއާ ބޯމްބެޝް ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ.

އައިކޮނިކް ޕެރިސް ސިނަމާ ކުއްޔަށް ނެގި ވާހަކަ ނެޓްފްލިކްސް އިން ޓްވިޓާ ހިއްސާކުރަމުން ބުނީ ކުރިއަށް އޮތް ތަނުގައި އެ ސިނަމާގައި ފިލްމުތައް އެޅުވުމާއި ސްޕެޝަލް ސްކްރީނިންތަކަށާއި އެ ނޫން ވެސް އިވެންޓްކަށް އަބަދު ވެސް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ނެޓްފްލިކްސް އަށް މަރުހަބާ ކިޔައި ޓްވީޓް ކޮށްފައިވެ އެވެ.

ނެޓްފްލިކްސް އަށް ސިނަމާތަކުގައި ފިލްމު އަޅުވަން މަޖުބޫރުވާ އެއް ސަބަބަކީ އޮސްކާ އެވޯޑްސް ކަހަލަ ވަރުގަދަ އެވޯޑްތަކަށް ފުރުސަތު ދެނީ ތިއޭޓަރުތަކުގައި ރިލީޒްކުރާ ފިލްމުތަކަށް ކަމަށްވާތީ އެވެ. އެހެންވެ މި ފަހުން ނެޓްފްލިކްސް އިން ކުއްޔަށް ސިނަމާތައް ނަގައި، އެ ކުންފުނީގެ ތައްގަނޑުގައި ނެރޭ ފިލްމުތަކުގެ ލިމިޓެޑް ސްކްރީންތަކެއް ބާއްވަ އެވެެ.

ސްޓްރީމިންގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެ އަދި އެ ވިޔަފާރީގެ ތެރެއަށް ވަންނަ ކުންފުނިތައް ވެސް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ އިރު ކުރިއަށް އޮތް ތަނުގައި ސިނަމާތަކުގެ ވިޔަފާރި އަށް ވެދާނެ ގޮތަކާ ދޭތެރޭ މިކަމުގައި އުޅޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދެ އެވެ.

ކުރިއާ ހިލާފަށް ސިނަމާތަކަށް ގޮސް ފިލްމު ބަލާ މީހުންގެ އަދަދު ބޮޑު ތަނުން ދަށްވެފައިވާ ކަމަށް ސިނަމާގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.