Roadha Mihaaru
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ

ތިން މީހެއްގެ ޑީއެންއޭ ހިމެނޭ ގޮތަށް ދަރިމައިކުރި ކުއްޖާ އުފަންވެއްޖެ

30 ސެޕްޓެމްބަރ 2016

އެމެރިކާ ސައިންސްވެރިން މުޅިން އާ ޓެކްނިކްތަކެއް ބޭނުންކޮށްގެން، އެއް ދަރިފަނީގައި ތިން މީހެއްގެ ޑީއެންއޭ ހިމެނޭ ގޮތަށް ދަރިމައިކުރި ކުއްޖާ އުފަންވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އެމެރިކާ ސައިންސްވެރިން މުޅިން އާ ޓެކްނިކްތަކެއް ބޭނުންކޮށްގެން، އެއް ދަރިފަނީގައި ތިން މީހެއްގެ ޑީއެންއޭ ހިމެނޭ ގޮތަށް ދަރިމައިކުރި ކުއްޖާ އުފަންވެއްޖެ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ޓެކްނިކަށް ކާމިޔާބު ލިބިފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެގޮތުން ތިން ޑީއެންއޭ ހިމެނޭ ފުރަތަމަ ކުއްޖާ އުފަންވެފައި ވަނީ މީގެ ފަސް މަސް ކުރިން މެކްސިކޯގަ އެވެ. ޖޯޑަންގެ ދެމަފިރިއަކަށް ނިސްބަތްވާ މި ކުއްޖާގެ ހާލު މުޅިން ރަނގަޅު ކަމަށްވެ އެވެ.

ނިއު ސައިންޓިސްޓް މެގަޒިންގައި ބުނާ ގޮތުން މި ތުއްތު ފިރިހެންކުއްޖާގެ މަންމަގެ ހަށިގަނޑުގައި ލީ ސިންޑްރޯމްކިޔާ ބައްޔެއްގެ ޖީން ހުރެ އެވެ. މިއީ ނާރުގެ ނިޒާމަށް ޖެހޭ ވަރަށް ބޮޑު ބައްޔެކެވެ. އެ އަންހެންމީހާ އަށް އޭގެ ކުރިން ލިބުނު ދެ ދަރިންނަށް އަންހެންމީހާ ކިބައިން އެ ޖީން ވާރުތަވުމުގެ ސަބަބުން ދެ ކުދިން ވެސް ވަނީ މަރުވެފަ އެވެ. އަދި ހަތަރު ފަހަރު ބަލިވެ އިނދެ ބައިގެން ގޮސްފައި ވެސްވެ އެވެ. މި އަންހެންމީހާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

މި ޖީން ހަށިގަނޑުގައި ހުރުމުން، ދަރިއެއް ހޯދުމަށް މި ދެމަފިރިން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ނާކާމިޔާބުވުން ބޭނުންވީ، އަންހެންމީހާގެ ހަށިގަނޑުގައިވާ ބަލީގެ ޖީން ވާރުތަ ނުވާނެ ގޮތަކަށް ކުއްޖާ އުފަންކުރުވާށެވެ.

ދަރިން ހޯދުމަށް ބޭނުންކުރާ ގޮތްތަކުގެ ތެރެއިން ތުރީ-ޕޭރަންޓް މެތަޑް ނުވަތަ މައިންބަފައިންގެ ގޮތުގައި ތިން މީހުން ހިމެނޭ މި ގޮތަކީ އެމެރިކާގެ ސިއްހީ އިދާރާއިން ވެސް ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންކަމުން މިކަން ކުރަން ދިޔައީ، އެކަން މަނާ ނުކުރާ ގައުމެއް ކަމަށްވާ މެކްސިކޯއަށެވެ.

އަންހެންމީހާގެ މައިޓޮކޮންޑްރިއާ ނުވަތަ މައިމީހާގެ ފަރާތުން ދަރިންނަށް ވާރުތާ ޑީއެންއޭގައި ބަލީގެ ޖީން އެކުލެވޭތީ މި މެތަޑްގައި ބޭނުންކޮށްފައި ވަނީ އަންހެންމީހާގެ ނިއުކްލިއާ ޑީއެންއޭ އާއި އެހެން އަންހެނަކު ހަދިޔާކުރި ބިހަކުން ނެގި މައިޓޮކޮންޑްރިއާ އެއްކޮށްލައިގެންނެވެ. މިއީ ސްޕިންޑްލް ނިއުކްލިއާ ޓްރާންސްފާ ކިޔާ ޓެކްނިކެކެވެ.

ޑޮކްޓަރު ކުރި ކަމަކީ މައިމީހާގެ ބިހަކުން ނިއުކްލިއަސް ނެގުމަށްފަހު ޑޯނާގެ ބިހަށް އެ އެތެރެކުރީ އެވެ. އޭރު އެ ބިހުގައިވާ ނިއުކްލިއަސް ހުރީ ކުރިން ނަގައިފަ އެވެ. އެންމެފަހު މަރުހަލާގައި ބިހުގައި ވަނީ މަންމަގެ ނިއުކްލިއާ ޑީއެންއޭ އާއި ޑޯނާގެ މައިޓޮކޮންޑްރިއާ ޑީއެންއޭ އެވެ. ދެން މި ބިސް ބައްޕަގެ ދަރިފަނި ބޭނުންކޮށްގެން ދަރިމައިކުރީ އެވެ.

މި ރިސާޗާ ބެހޭ ބައެއް މައުލޫމާތު ފާޓިލިޓީ އެންޑް ސްޓްރިލިޓީ ޖާނަލްގައި ޝާއިއުކޮށްފައިވީ ނަމަވެސް އެހެން ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މި ރިސާޗް އަދި އެހާ ބޮޑަށް އޮޅުން ނުފިލާ ކަމަށެވެ.