12 ޖެނުއަރީ 2017
ބަލިވި އިންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށް އިންޑިއާ މީހަކަށް ނުވަ މަސް ތެރޭ ހަތަރު ދަރިން ލިބިއްޖެ އެވެ.
ބަލިވި އިންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށް އިންޑިއާ މީހަކަށް ނުވަ މަސް ތެރޭ ހަތަރު ދަރިން ލިބިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ނޮޓިންހަމްގައި އުޅޭ ލިތީނާ ކޯރް ނަމަކަށް ކިޔާ މި މީހާ އަށް ދަރިން ލިބުމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނިއިރު އޭނާއަށް އެންމެ 18 އަހަރެވެ. އޭގެ އެއް އަހަރު ކުރިން އޭނާ އަށް ވަނީ ލިއުކީމިއާ (ލޭގެ ކެންސަރު) ޖެހިފަ އެވެ. އޭނާއަށް ޖެހިފައި ވަނީ ކެންސަރުގެ ވެސް ވަރަށް ވަރުގަދަ ވައްތަރެއް ކަމުން ހަ މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮވެގެން ފަރުވާ ހޯދަން ޖެހުނެވެ. ކެންސަރު ފަރުވާ ހޯދިތާ އެއް އަހަރު ފަހުން އަނެއްކާވެސް ކެންސަރު އެނބުރި އައެވެ. އެފަހަރު ކީމޯތެރަޕީ އާއި ރޭޑިއޯތެރަޕީ ވަރަށް ވަރުގަދަޔަށް ދިނުމަށްފަހު ލިތީނާގެ ކޮއްކޮގެ ބޯން މެރޯ ޓްރާންސްޕްލާންޓް ކޮށްގެން އޭނާގެ ކެންސަރު މުޅިން ފަސޭހަ ވި އެވެ.
އޭނާއަށް ދަރިން ނުލިބޭނެކަމަށް ޑޮކްޓަރުން ބުނީ ކެންސަރަށް ކުރި ވަރުގަދަ ފަރުވާތަކަށް ފަހުގަ އެވެ.
ކުރިން ހައުސިން އޮފިސަރެއްގެ ވަޒީފާ އަދާކުރި ލިތީނާ ނޮޓިންހަމް ޕޯސްޓަށް ކިޔައިދީފައިވާ ގޮތުގައި އޭނާއަށް ދަރިން ނުލިބޭނެކަމަށް ޑޮކްޓަރުން ބުނިއިރު އުމުރުން ހަގުކަމުން އެކަމަކާ އެހާ ކަންބޮޑެއް ނުވި އެވެ.
"އޭރަކު އެކަމަކާ މާ ބޮޑަކަށް ފިކުރެއް ނުކުރަން. އޭރު ހިތަށް އެރީ އެހިސާބަށް ދިޔައިމައޭ އެކަމާ ވިސްނާނީ. ނަމަވެސް އުމުރުން 23 އަހަރުގައި ކައިވެނި ކުރުމަށްފަހު ދަރިއަކު ނުލިބޭނެކަމަށް ހީކޮށް ވަރަށް ހިތްދަތިވި،" ލިތީނާ ބުންޏެވެ.
ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވިޔަސް 2007 ގައި ކައިވެނި ކުރުމަށްފަހު ދަރިން ލިބޭތޯ މަސައްކަތްކުރުމަށް އޭނާ ގަސްތު ކުރި އެވެ. ނަމަވެސް 11 ފަހަރު ބަލިވެ އިނދެގެން ވެސް ކޮންމެ ފަހަރަކު ބައިގެން ދިޔައީ އެވެ. އެގޮތަށް ގިނަ ފަހަރުތަކެއް ބައިގެން ދިއުމުން ކުއްޖަކު ނުލިބޭނެކަމަށް ހިތާ އެޑޮޕްޓްކުރުމުގެ ޚިޔާލު ވެސް ލިތީނާ ގެންގުޅުނެވެ. ނަމަވެސް އޭނާ އާއި ފިރިމީހާއަކީ އިންޑިއާ އަށް ނިސްބަތްވާ ބަޔަކަށްވާތީ އޭޝިއާ ނަސްލުގެ ކުއްޖަކު އެޑޮޕްޓްކުރާކަށް ވެސް ނުލިބުނެވެ.
ދެން މަސައްކަތްކުރީ ސަރަގަސީ މަންމައެއްގެ ޒަރިއްޔާއިން ކުދިން ހޯދުމަށެވެ. އެގޮތުން އިންޑިޔާގައި 2013 އާއި 2015 އާ ދެމެދު ސަރަގޭޓް މަންމައެއްގެ ފަރާތުން ދަރިން ހޯދަން ވެސް ހަ ފަހަރެއްގެ މަތިން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެ ހަ ފަހަރު ވެސް ބަލިވެ އިނދެ ކުއްޖާ ބައިގެން ދިޔައީ އެވެ. އެހެންވެ އެ ދެމަފިރިން ދެން ދަރިއަކު ހޯދުމުގެ އުންމީދު ކަނޑާލި އެވެ.
ލިތީނާ އާއި އޭނާގެ ހަތަރު ކުދިން
ފެބްރުއަރީ 2015 ގައި ލިތީނާ އަނެއްކާވެސް ބަލިވެ އިނެވެ. ދަރިއަކު ލިބޭތޯ އަދި އެއް ފަހަރު އައިވީއެފް ހަދަން ނިންމައިގެން ތިއްބަ އެވެ.
"ކުއްލިއަކަށް ބަލިވެ އިންކަން އެނގުމުން ފިރިމީހާ އާއި އަހަންނަށް ލިބުނީ ޝޮކެއް. އަދި އެފަހަރުވެސް ބައިގެން ދާނެކަމަށް ދެ މީހުން ވެސް ތިބީ މުޅިން ޔަގީންކޮށްގެން. އެހެންވެ ކޮންމެ ދުވަހަކީ ވެސް ވަރަށް އުނދަގުލުން ހޭދަވި ދުވަހެއް. ދަރިފުޅު ބައިގެން ހިނގައިދާނެތީ އަހަރެން ބޭރަށް ގޮސް ނޫޅެން. ކާރެއް ނުދުއްވަން. އަހަރެންގެ އާއިލާގެ މީހުން ކައިރީގައި ވެސް ބަނޑުބޮޑު ވާހަކައެއް ނުބުނަން. އެއްވެސް މީހަކަށް އެކަމެއް ނާންގަން. އަހަރެން ބަނޑުބޮޑުކަން އެނގުމުން އެންމެ އުފާވެފައި ތިއްބާ ބައިގެން ދިޔަ ޚަބަރު ދޭން ޖެހޭނެކަމަށް ހިތާ އެއްވެސް މީހަކާ އެ ވާހަކަ ހިއްސާ ނުކުރީ،" ލިތީނާ ބުންޏެވެ.
ނަސީބަކުން އެ ފަހަރު ލެތީނާގެ ދަރިފުޅު ބައިގެނެއް ނުދެ އެވެ. އަދި ސެޕްޓެމްބަރު 2015 ގައި ސިޒޭރިއަން ހަދައިގެން އޭނާގެ ފުރަތަމަ ދަރިފުޅު ކިރަން އުފަން ވި އެވެ. އޭގެ ދެ މަސް ފަހުން އިންޑިއާގައި ސަރަގޭޓް މަންމައެއްގެ ބަނޑުން އެއްމާބަނޑު ދެކުދިން އުފަންވި އެވެ. އެއީ ކުރީ ފަހަރުގެ ބާކީ ހުރި ދަރިފަނިތައް ސަރަގޭޓް މަންމައަކަށް ޓްރާންސްފާ ކޮށްގެން ލިތީނާގެ ދެމަފިރިންނަށް ދަރިއަކު ހޯދައިދެވޭތޯ އިންޑިއާގެ ހޮސްޕިޓަލުން ކޮށްދިން މަސައްކަތުން އުފަންވި ދެބެންނެވެ.
ލިތީނާ އަވަހަށް އިންޑިއާ އަށް ގޮސް އޭނާގެ އެއްމާބަނޑު ދެ ކުދިންނާ ހަވާލުވި އެވެ. ނަމަވެސް އިންޑިއާ އަށް އެ ދެބެން ބަލާ ގޮސް ހުއްޓާ ލިތީނާ އަނެއްކާވެސް ބަލިވެ އިންކަން އެނގުނެވެ. އޭރު ވިހޭތާ އެންމެ ހަ މަހެވެ. ލިތީނާ ބުނި ގޮތުގައި އެ ފަހަރު ބަލިވެ އިންލެއް އަވަސްކަމުން އޭނާއަކަށް އެކަމެއް ނުވެސް އެނގެ އެވެ. ބަލިވެ އިންކަން އެނގުނުއިރު ބަނޑަށް 13 ހަފުތާ ވަނީ ވެފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު ދަރިފުޅު އުފަންވީ ދުވަސްނުފުރާ، ބަނޑަށް 28 ހަފުތާގަ އެވެ. ނަމަވެސް ހަ ހަފުތާ ހޮސްޕިޓަލުގެ ނިއޯނެޓަލް ވޯޑުގައި އޮތުމަށްފަހު ކިއާރާ ވެސް މިހާރު ވަނީ ގެއަށް ގެނެސްފަ އެވެ.
އެއްފަހަރާ މިހާ ގިނަ ކުދިން ލިބުނަސް ލިތީނާގެ ޝަކުވާއެއް ނެތެވެ. އޭނާއަށް ދަރިން ބެލުމުގައި އެހީތެރިވާން މަންމަ ވެސް ކައިރީގައި ހުރީމަ އެވެ. ހުރިހާ ކުދިންނަކީ ވެސް ރޭގަނޑު ފަސޭހައިން ނިދާ ކުދިންނަށް ވުމީ ވެސް އޭނާގެ ނަސީބެއް ކަމަށް ލިތީނާ ބުންޏެވެ.
"ރޭގަނޑު ނިންދަވަން އުޅޭ ގަޑީގައި ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭ. އެކަމަކު ނިންދެވުމަށް ފަހު ހެނދުނު 7.30 ނުވަތަ 8.00 ހާއިރު ނޫނީ އެއްވެސް ކުއްޖަކު ނުހޭލާ،" ލިތީނާ ބުނެފައިވެ އެވެ.
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
ދެމަފިރިން ވެސް ފަލަ ނަމަ ބަލިވެ އިނުން ލަސްވޭ
އައިވީއެފް ހަދަން ނުޖެހޭ އެތައް ބަޔަކު އެ ފަރުވާ ހޯދާ
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ހޭޒަލްނަޓް: ސިއްހީ ފައިދާތަކުން ފުރިފައި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ދަރިން ނުލިބޭނޭ ބުންޏަސް މިހާރު 5 ކުދިންގެ މައެއް
މަސައްކަތުގެ ހާސްކަމަކީ ދަރިން ހޯދަން ހުރަހަކަށް ވެދާނެ