Roadha Mihaaru
ވައިގެ ދަތުރުތައް ފަށަން ފިންލެންޑާ އެކު އެއްބަސްވުމެއް

ރާއްޖެ އާއި ފިންލެންޑާ ދެމެދު ވައިގެ ދަތުރުތައް ފަށަން އެއްބަސްވުމެއް ހަދަނީ

26 ނޮވެމްބަރ 2019

ރާއްޖެ އާއި ފިންލެންޑާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ އާއި ފިންލެންޑާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ ދެ ގައުމު ދެމެދުގައި ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ ފިންލެންޑަށް ފައްޓަވާ ދަތުރުގައި ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ އުސޫލުން ދެ ގައުމު ދެމެދުގައި ވައިގެ ދަތުރު ފަށަން މަގުފަހިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ފިންލެންޑަށް ދެ ދުވަހަށް މިނިސްޓަރު ކުރައްވާ ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޕެއްކާ ހާވިސްޓޯ އާއި އެޑިއުކޭޝަން މިނިސްޓަރު ލީ އެންޑަސަންއާ ބައްދަލުކުރައްވާނެ އެވެ. އަދި އެ ގައުމުގެ ބައެއް ވިޔަފާރިވެރިންނާ ވެސް ޝާހިދު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ބައްދަލުވުންތަކުގައި ވިޔަފާރި އާއި ތައުލީމީ ދާއިރާ އިން ރާއްޖެ އާއި ފިންލެންޑާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ފިންލެންޑަކީ ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތު ބަލަހައްޓާ ގައުމަށް ވާތީ، ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޔޫރަޕުން ނަގާ ޑިއުޓީ ދަށްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.