Roadha Mihaaru
ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި

28 ސެޕްޓެމްބަރ 2016

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިިބުނު 24 ދަރިވަރަކަށް އެކަމުގެ ލިޔުން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިިބުނު 24 ދަރިވަރަކަށް އެކަމުގެ ލިޔުން މިއަދު ދީފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތެއްގައި "ފުލް ފަންޑެޑް ސްކޮލަޝިޕް" 20 ދަރިވަރުންނަށް، ޕޯސްޓް ގްރެޖުއޭޓް އަދި އަންޑަގްރެޖުއޭޓް ސްކޮލަޝިޕް ވަނީ ހަތަރު ދަރިވަރުންނަށް ދީީފައި އެވެ.

އެމްއެންޔޫ އިން ބުނީ މިއަހަރުގެ ދެ ވަނަ ޓާމުގެ ސްކޮލަޝިޕަށް ގިނަ ދަރިވަރުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން އެ ސްކޮލަޝިޕަށް ހޮވާފައިވަނީ ނަތީޖާ އެންމެ ރަނގަޅު ދަރިވަރުން ކަމަށެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު މިއަދު ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު މިއަދު ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ވަޒީފާގެ މާހައުލު ވާދަވެރިވާންޖެހޭ ކަމަށާއި ވަޒީފާ ދޭއިރު ހަމައެކަނި ހޯދާފައިވާ ސެޓްފިކެޓްތަކަށް ބެލުން ދޫކޮށްލަންޖެހޭ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އަހުލާގަކީ ވެސް ވަޒީފާގެ މާހައުލަށް ވަރަށް މުހިއްމު ސިފައެކެވެ.

"އަޅުގަނޑުމެން އިންޓަވިއުކޮށް ވަޒީފާއަށް ކުދިން ހޮވާއިރު، ހޮވަނީ ކޮންމެހެން އެންމެ މޮޅު ދަރިވަރުންނެއް ނޫން. މަސައްކަތުގެ ދާއިރާގައި ވަރަށް ބޮޑަށް ބަލަންޖެހޭ ކަމެއް ޑިސިޕްލިން އަކީ. އެއީ އަޅުގަނޑުމެން ބޮޑަށް ބަލާނެ ކަންތައްތަކަކީ،" އާޒިމާ ވިދާޅުވި އެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދިނުމަށްފަހު އާޒިމާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދިނުމަށްފަހު އާޒިމާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ މުޖުތަމައުއަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމާ ގުޅޭ ދިރާސާތަކެއް ހަދަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ދެ ޔުނިވަސިޓީއަކަށް ލެކްޗަރާއެއްގެ ގޮތުގައި އޭނާ ކިޔަވައި ދެއްވި ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ރިސާޗުކުރުން އިތުރުކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު އޮންނަ ގޮތުން މީހަކު ދައްކާ "ޔޯލަ" ވާހަކަތައް ވެސް ގަބޫލުކުރަނީ ކަމަށާއި ނަމަވެސް ރިސާޗުތަކުގެ ސަބަބުން އެކަން ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިއަދުގެ ހަގީގަތް. މީހަކު "ޔޯލަ" ހަދާފައި ދައްކާ ވާހަކަތައް ގަބޫލުކުރެވެންޏާ، ހާއްސަ އެޑިއުކޭޝަން ސްޓޫޑަންޓުން ގަބޫލުކުރަންޏާ، މައުލޫމާތު ފޯރުކޮށްދިނުމުގައި މައްސަލަތަކެއް އެބައުޅޭ،" އާޒިމާ ވިދާޅުވި އެވެ.