Roadha Mihaaru
ރިޓަޔާމަންޓަށް އެދިވަޑައިގަތީ އަރީފް އެކަނި: ޖޭއެސްސީ

އަރީފް ނޫން ފަނޑިޔާރަކު ސުޕްރީމް ކޯޓުން ރިޓަޔާމަންޓަށް އެދިވަޑައެއް ނުގަންނަވާ: ޖޭއެސްސީ

21 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުން ވަކިކުރި އަދި ވަކިކުރަން ނިންމާފައިވާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާމަންޓަށް އެދިވަޑައިގަތް ހަމަ އެކަނި ބޭފުޅަކީ އިއްޔެ ރިޓަޔާ ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސުޕްރީމް ކޯޓުން ވަކިކުރި އަދި ވަކިކުރަން ނިންމާފައިވާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާމަންޓަށް އެދިވަޑައިގަތް ހަމަ އެކަނި ބޭފުޅަކީ އިއްޔެ ރިޓަޔާ ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކާ ގުޅިގެން މަގާމުން ވަކިކޮށް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ވެސް މައްސަލަތަކެއް ބަލަމުން އަންނާތީ އިއްޔެ ވަނީ ސަސްޕެންޑްކޮށް، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ. މި ބޭފުޅުންނާ އެކު ފަނޑިޔާރު އަރީފްގެ ސުލޫކީ މައްސަލަތަކެއް ވެސް އައީ ބަލަމުންނެވެ. ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވެ އަރީފް ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުން ޖޭއެސްސީން އިއްޔެ ވަނީ އެކަން ބަލައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވެސް ވަނީ ސުލޫކީ މައްސަލަތަކެއްގައި މީގެ ކުރިން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް ވިދާޅުވީ ރިޓަޔާމަންޓް ލިބޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން އެއްވެސް ފަނޑިޔާރަކަށް ދެއްވާފައި ނުވާނެ ކަމަށެވެ. އަރީފް ރިޓަޔާކުރެއްވީ ވެސް ކޮމިޝަނުން ޔަގީންކަމެއް ދީގެން ނޫން ކަމަށް އިޒްމީރާ ވިދާޅުވި އެވެ.

"އެ ބޭފުޅާ ރިޓަޔާމަންޓަށް އެދިވަޑައިގަތީމާ އޮންނަ އުސޫލުގެ ތެރެއިން ރިޓަޔާމަންޓް ހަމަޖެހިގެން ދިޔައީ. އަރީފަށް ވެސް ނުދަންނަވަން ރިޓަޔާމަންޓަށް ލީމަ ލިބޭނެ ކަމަކަށް،" އިޒްމީރާ ވިދާޅުވި އެވެ.

އިޒްމީރާ ވިދާޅުވީ އަރީފް ފިޔަވައި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ރިޓަޔާމަންޓަށް އެދިވަޑައިގެންފައިނުވާ ކަމަށެވެ.

އަރީފް ރިޓަޔާ ކުރެއްވި ނަމަވެސް އޭނާ އަށް ތުހުމަތުކުރެވޭ މައްސަލާގައި ޖިނާއީ ކަމެއް ނުވަތަ ކޮރަޕްޝަނާ ގުޅުންހުރި ކަމެއް އޮތް ކަމަށް ފެނިއްޖެ ނަމަ ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށް އިޒްމީރާ ވިދާޅުވި އެވެ.

ރިޓަޔާމަންޓާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކޮންމެ މަހަކު ވެސް ފައިސާގެ އެލަވަންސާއި ސެކިއުރިޓީ ހަމަޖެހެ އެވެ.

މީގެ 11 އަހަރު ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަރީފަށް ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދިނުމުން ބައެއް ފަރާތްތަކުން އެކަމަށް ވަނީ ފާޑު ކިޔައިފަ އެވެ. އެއީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރި އިރު އަދި ޖޭއެސްސީގެ ރައީސްކަމުގައި ހުންނަަވައިގެން ގާނޫނާ ހިލާފް ކަންކަމުގައި އަރީފް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ބުނެ އެވެ.

ކުރީގެ ފަނޑިޔާރުން ވަކި ކުރުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އެންމެ ފަހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނެވެ. އެއީ މިހާރު ކޯޓު ހިންގުމާ ހަވާލުކުރައްވާފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ފަނޑިޔާރުންގެ ބެންޗު ފުރިހަމަކުރުމަށް އަލަށް ހަތަރު ފަނޑިޔާރުން އައްޔަންކުރަން ޖެހެ އެވެ.