21 ނޮވެމްބަރ 2019
އެކަނިމާއެކަނި، ހުޅުމާލޭގެ ބައެއް ހިސާބުތަކުގައި، ދޮށި ހިއްޕަވައިގެން މަސް ބާނަން ހުންނަވާ އިރު، އޭނާއަކީ ވަރަށް އާދައިގެ އަދި އާންމުންގެ ތެރެއަށް ވެސް ނުކުންނަވާ ރަނގަޅު ބޭފުޅެއް ކަމަށް، ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން، ރާއްޖޭގެ ގާނޫނުއަސާސީއާ މުޅިން ހިލާފަށް ނިންމި ނިންމުންތަކާއި މިނިވަން އެހެން ބާރުތަކުގެ މައްޗަށް ވެރިވެގަތް އަމުރުތަކާއި ސިޔާސީ މަގުސަދުތައް ހިމެނޭ އެތައް ދައުވާއަކަށް ތާއީދުކުރެއްވުން ފަދަ އެތައް ކަމެއްގައި، ފަނޑިޔާރު އަބްދުﷲ އަރީފް ހުންނެވީ ރަނގަޅަށް ބައިވެރިވެވަޑައިގެންފަ އެވެ. އެެހެންކަމުން އެއީ ރަނގަޅު ބޭފުޅެއް ނޫނެވެ.
އެކަނިމާއެކަނި، ހުޅުމާލޭގެ ބައެއް ހިސާބުތަކުގައި، ދޮށި ހިއްޕަވައިގެން މަސް ބާނަން ހުންނަވާ އިރު، އޭނާއަކީ ވަރަށް އާދައިގެ އަދި އާންމުންގެ ތެރެއަށް ވެސް ނުކުންނަވާ ރަނގަޅު ބޭފުޅެއް ކަމަށް، ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން، ރާއްޖޭގެ ގާނޫނުއަސާސީއާ މުޅިން ހިލާފަށް ނިންމި ނިންމުންތަކާއި މިނިވަން އެހެން ބާރުތަކުގެ މައްޗަށް ވެރިވެގަތް އަމުރުތަކާއި ސިޔާސީ މަގުސަދުތައް ހިމެނޭ އެތައް ދައުވާއަކަށް ތާއީދުކުރެއްވުން ފަދަ އެތައް ކަމެއްގައި، ފަނޑިޔާރު އަބްދުﷲ އަރީފް ހުންނެވީ ރަނގަޅަށް ބައިވެރިވެވަޑައިގެންފަ އެވެ. އެެހެންކަމުން އެއީ ރަނގަޅު ބޭފުޅެއް ނޫނެވެ.
އާ ވެރިކަމަކާ އެކު ރައްޔިތުން ހަވާލުކުރި ބޮޑު ޒިންމާގެ ދަށުން ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެ ބެންޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން މިހާރު ގެންދަނީ "އަދަބު" ދެމުންނެވެ. އެގޮތުން މިހާރު ވެސް، އޭގެ ތެރެއިން ތިން ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީން ލިބިދީފައި އޮތް އެތައް ހައްގެއް ނިގުޅައިގަތުމުގެ އަޑީގައި ތިއްބެވި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ވެސް ކުރިން ވަނީ ގެއްލިފަ އެވެ.
އެކަމަކު ޖޭއެސްސީން އިއްޔެ ފަނޑިޔާރު އަރީފަށް، ރިޓަޔަމެންޓްގެ ފުރުސަތު ދިނުމުން، އެތައް ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ. އިސްލާހުކުރެވޭ ޝަރުއީ ނިޒާމުގެ ތެރެއިން އެފަދަ ފުރުސަތެއް ދޭން ނުޖެހޭ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު، މުޅި އުމުރަށް ދައުލަތުން މާލީ އެހީތެރިކަން ލިބޭ ގޮތަށް ދޫކޮށްލުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ ޖޭއެސްސީއަށް ވެސް ކުރެވިގެން ވާނެ ކަމެއް ކަމަކަށެއް ނުފެނެ އެވެ.
ޖޭއެސްސީގެ ބައެއް މެމްބަރުން: ފަނޑިޔާރު އަރީފަށް ރިޓަޔާމަންޓުގެ ފުރުސަތު ދޭން އެ ކޮމިޝަނުން ރޭ ނިންމިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އައީ ބަލަމުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ފަނޑިޔާރު އަރީފަކީ، ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ ބާރު ކަނޑުވާލި ނިންމުންތަކުގައި ސޮއިކުރެއްވި ބޭފުޅެކެވެ. ސިޔާސީ މަގުސަދު އޮވެގެން، އަބްދުﷲ ޔާމީން ސަރުކާރުން، ސުޕްރީމް ކޯޓު ލައްވައި ކުރުވި ހުރިހާ ކަމެއްގައި އޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ކަމުގެ ހެއްކަކީ، އެފަދަ ހުރިހާ އަމުރެއް/ހުކުމެއް އައިސްފައި އޮތީ މުޅި ބެންޗުގެ އިއްތިފާގުން ކަމަށް ވުމެވެ. އެކަން އެހާ ސާފުކޮށް ފެންނަން އޮތުމާ އެކު، ޖޭއެސްސީގެ ޒިންމާއަކީ، ރިޓަޔަމަންޓަށް އޭނާ އެދިވަޑައިގަތަސް، އެހެން ފަނޑިޔާރުންނާ މެދު އަމަލްކުރި ގޮތަށް، ރައްޔިތުންގެ މަޖިލިހަށް ފޮނުވައިގެން، ފަނޑިޔާރުކަމުން ދުރުކުރުމެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން ހުރިހާ ހަޑިއެއް ހާވައި، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލި އިރު، ފަނޑިޔާރު އަރީފް އެކަމާ ދެކޮޅު ނަމަ، ކުރިން ވެސް ރިޓަޔާ ކުރެއްވުމުގެ ފުރުސަތު އޮތެވެ. އެކަމަކު އޭރު "މުސްކުޅިފުޅުވުމު"ގެ ނިޔަތެއް، ސިއްހީ ހާލުކޮޅު ދެރަކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އެހެންކަމުން، ގޯސް ހެއްދެވި ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހުން ފިޔަވަޅު އަޅަން ފެށުމުން، ދައުލަތުގެ މާލީ ހިމާޔަތާއި ރީތި ގޮތުގައި މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ފަނޑިޔާރު އަރީފަށް ހައްގެއް ނުވެ އެވެ. ސުވާލަކީ ޖޭއެސްސީން ހަމައެކަނި އޭނާއާ މެދު "ހަމްދަރުދީވުމު"ގެ ސަބަބަކީ ކޮބައި ހެއްޔެވެ؟
ހައި ކޯޓަށް އެންމެ ފަހުން އައްޔަންކުރި ދެ ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، އުއްތަމަ ފަނޑިޔާރުކަމުން އިހަށް ދުވަހު ވަކިކުރި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަދި އަރީފް.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެ ބޭފުޅާ ރިޓަޔާމަންޓަށް އެދިވަޑައިގަތީމާ އޮންނަ އުސޫލުގެ ތެރެއިން ރިޓަޔާމަންޓް ހަމަޖެހިގެން ދިޔައީ. އަރީފަށް ވެސް ނުދަންނަވަން ރިޓަޔާމަންޓަށް ލީމަ ލިބޭނެ ކަމަކަށް،" މިއީ ފަނޑިޔާރު އަރީފްގެ މައްސަލަ ވެސް ޖޭއެސްސީން ބަލަމުން އަންނަނިކޮށް، ރިޓަޔަކުރެއްވުމުގެ ފުރުސަތު ދެއްވީ ކީއްވެގެންތޯ ދެންނެވުމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވި ވާހަކަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޮނޑިކޮއްކޮއަކަށް ވި ސުޕްރީމް ކޯޓުގެ ބެންޗު، ޝަރުއީ ނިޒާމް އިސްލާހުކުރަން އާ ސަރުކާރާއި އެމްޑީޕީން ވި ވައުދާ އެއްގޮތަށް ބަދަލުކުރާ އިރު، ޖޭއެސްސީގެ އެ ޖަވާބު ނުފުދެ އެވެ. އެއީ ގަބޫލުކުރެވޭނެ ވާހަކައެއް ވެސް ނޫނެވެ. ކުރީގެ ބެންޗުގެ ހުރިހާ ފަނޑިޔާރުން، އެއްވެސް އިނާޔަތެއް ނުދީ، ބޭރުކުރުން ނޫން އެހެން ފިޔަވަޅެއް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހަށް މި ދަނޑިވަޅު އޮތް ކަމަކަށެއް ނުފެނެ އެވެ.
އެކަމަކު މިހާރު ޖޭއެސްސީން ކަން ކުރި ގޮތުން ފަނޑިޔާރު އަރީފް އެ ހުންނެވީ ކުށެއް ނެތި، މަގާމުން ދުރުވެވަޑައިގެންފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ވޯޓާ ކުރިމައްޗެއް ނުލައްވަ އެވެ. ޖޭއެސްސީގެ ތަހުގީގު ނުނިމެ އެވެ.
ގަބޫލުކުރައްވާށެވެ. ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހަށް ވެސް ދޫނުކުރެވޭނެ ކަންކަން ހުންނަން ޖެހޭނެ އެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް، އިންސާފު ހޯދައިދޭން މަސައްކަތްކުރަން ޖެހޭ ހާލަތްތައް އަންނާނެ އެވެ. ކުރީގެ ސަރުކާރާ ދެކޮޅު ހުރިހާ ލީޑަރުން ބަންދުގަ އާއި ރާއްޖެއިން ބޭރުގައި ތިއްބެވި އިރު، ހިތްވަރުދެރަނުކޮށް، ރައްޔިތުންނަށް ވިއްކީ އަނިޔާވެރިކަމާއި ހިޔާނާތުގެ ވާހަކަތަކެވެ. ގާނޫނުއަސާސީ ނަގަހައްޓާނެކަމުގެ މިސާލުތަކެވެ. ބަންދުކޮށްފާނެ ކަމަށް ނުބަލައި، އެންމެ އާދައިގެ މީހުން ފެށިގެން، ރާއްޖޭގައި ތިބި އިދިކޮޅު ސިޔާސީ އިސް މީހުން ގުޅިގެން އެ މަސައްކަތްކުރީ އިހަކަށް ދުވަހު އެވެ. މުޅި ގައުމުގައި ރުޅިވެރިކަމާއި ސިޔާސީ ހަމަނުޖެހުން އުފެދުމުގެ ގިނަ ސަބަބުތައް އައިސްފައި ހުރީ ސުޕްރީމް ކޯޓުގެ ތެރެއިންނެވެ. އެއީ އެއްވެސް ފަނޑިޔާރަކު ހިޔާލު ތަފާތުނުވެ، އެންމެން އެކުވެގެން ސޮއިކުރައްވައި، ނުވަތަ ނިންމަވާފައި ހުރި ނިންމެވުންތަކެވެ. އެއިން އެއްވެސް ނިންމުމަކާ ދެކޮޅު ހެއްދެވުމުގެ ގޮތުން ރީތި ގޮތުގައި ރިޓަޔަމެންޓްގެ ފުރުސަތު ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ބޭނުންކުރައްވާފައެއް ނުވެ އެވެ. އަދި އިސްތިއުފާ ދެއްވާފައެއް ވެސް ނުވެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު އަދި އަރީފް.---ފޮޓޯ:މިހާރު
އެ ބޭފުޅުން ހީކުރެއްވީ، އަބަދުވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމް ނެރެދެންޏާ މަގާމު ދެމިއޮންނާނެ ކަމަށެވެ. އެކަމަކު އެއީ ލިބެން ޖެހޭ ފުރުސަތެއް ނޫނެވެ. ލިބިދެވިގެންވާނެ ފުރުސަތެއް ވެސް ނޫނެވެ.
ކުރު ހުލާސާއެކެވެ: ސުޕްރީމް ކޯޓުން ހޭވި ކޮންމެ ހަޑިއެއްގައި ފަނޑިޔާރު އަރީފް ހުންނެވީ ޖެހިވަޑައިގެންފަ އެވެ. ސުޕްރީމް ކޯޓުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލި ކޮންމެ ފަހަރަކު، އޭނާ ހުންނެވީ އޭގެ ބައިވެރިއެއްގެ ގޮތުގަ އެވެ. ސިޔާސީ އެކި ބޭފުޅުންނާ ދެކޮޅަށް ކޮށްފައި އޮތީ ނުހައްގު ދައުވާތަކެއްކަން އެނގިވަޑައިގެން ތިއްބަވައި، އިސްތިއުނާފް ނިންމެވި އެވެ. ނުވަތަ އިސްތިއުނާފް ގަބޫލުނުކުރައްވައި، އަނބުރާ ފޮނުވާލެއްވި އެވެ. އެވަރުގެ ފަނޑިޔާރަކަށް އާ ޖޭއެސްސީން ދީފައި މިހާރު އެ އޮތީ ރީތިކޮށް މަގާމުން ދުރުވެވަޑައިގަތުމުގެ ފުރުސަތެވެ.
ޖޭއެސްސީ އާއި ސިޔާސީ އާ ވެރިން އިންސާފުގެ މަތީގައި ތިއްބަވަން އެބަ ޖެހެ އެވެ. ހަމަހަމަކޮށް، އަމަލްކުރައްވަން އެބަ ޖެހެ އެވެ.
ފަނޑިޔާރު އަރީފް، ދޮށި ހިއްޕަވައިގެން އާންމުންގެ ތެރޭގައި މަސް ބާނަން ހުންނެވިއަސް، ސުޕްރީމް ކޯޓުގެ މާޒީން ދައްކުވައިދެނީ އެހެން މޫނެކެވެ. އެފަދަ ބޭފުޅަކަށް ދައުލަތުގެ މާލީ އެހީތެރިކަން، މުޅި އުމުރަށް ހައްގެއް ނުވެ އެވެ.
ރިޓަޔާމަންޓަށް އެދިވަޑައިގަތީ އަރީފް އެކަނި: ޖޭއެސްސީ
ނަމަނަމަ އިސްތިއުފާ ނުދެއްވާތި!
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައެއް ނެތް
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!