Roadha Mihaaru
މަންޓާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިފި

މަންޓާ އެއާގެ ސީޕްލޭންގެ ދަތުރުތައް ފަށައި ޓާމިނަލް ހުޅުވައިފި

17 ނޮވެމްބަރ 2019

އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން ސީޕްލޭން ޓާމިނަލެއް ހުޅުވައި، ސީޕްލޭންގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން ސީޕްލޭން ޓާމިނަލެއް ހުޅުވައި، ސީޕްލޭންގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

މި ޓާމިނަލް ހުޅުއްވައި ދެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.

މި ރަސްމިއްޔާތުގައި، މަންޓާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ، އެ އެއާލައިންގެ ދަތުރުތައް ފެށި ފަހުން އެ ކުންފުނިން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކަމަށާއި އެއް ދުވަހުން އަނެއް ދުވަަހަށް ޕާފޯމެންސް ވެސް ރަނގަޅު ކުރާ ކަމަށެވެ. އެގޮތުން، އެއާލައިންގެ 94 ޕަސެންޓު ދަތުރުތައް ކުރަނީ ކަނޑައެޅިފައި އޮންނަ ގަޑި އަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ، ހަލީލް ވިދާޅުވި ގޮތުގައި، މަންޓާ އެއާ އަށް ލިބުނު ވަރަށް ބޮޑު ކުރި އެރުމެކެވެ.

މަންޓާ އެއާގެ ދަތުރުތައް ފެށީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެންމެ ފުރަތަމަ ދަތުރުތައް ފެށީ ދ.ކުޑަހުވަދު އަށެވެ.

މަންޓާ އެއާގެ ސީ ޕްލޭން ޓާމިނަލްގެ ވީއައިޕީ ލައުންޖު.--- ފޮޓޯ: މިހާރު

މަންޓާ އެއާގެ ސީ ޕްލޭން ޓާމިނަލްގެ ވީއައިޕީ ލައުންޖު.--- ފޮޓޯ: މިހާރު

މިއަދުގެ ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވީ، ސީޕްލޭންގެ ގިނަ ދަތުރުތަކެއް ކުރާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގައިގެ ދަތިކަން ބޮޑު ކަމަށެވެ. އެހެންވެ، ސީޕްލޭނުން ދަތުރު ކުރާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އޭނާ ވިދާޅުވީ، އަލަށް ހަދާ ސީޕްލޭން ޓާމިނަލާ އެކު އެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

"ސީޕްލޭން ޓާމިނަލްތަކުގައި ޗެކިންގެ ހިދުމަތް ދިނުމަކީ ރަނގަޅު ހިޔާލެއް ކަމުގައި ގަބޫލު ކުރަން. ސީޕްލޭން ހުރިހާ އޮޕަރޭޓަރުންގެ ވެސް ޓާމިނަލްތައް އެބަހުރި. އަދި ވަކި ސަރަހައްދެއް ކަނޑައަޅައިގެން ހުރިހާ އޮޕަރޭޓަރުންނާ އެކުގައި މިކަން ހާސިލު ކުރަން މަސައްކަތް ކުރެވޭނެ،" މޫސާ ސޯލިހް ވިދާޅުވި އެވެ.

މަންޓާ އެއާލައިނުން ފެށި ސީޕްލޭން ދަތުރުތަކާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުމަށް އިތުރު ފުރިހަމަކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަންޓާ އެއާގެ ސީ ޕްލޭން ޓާމިނަލްގެ ވީއައިޕީ ލައުންޖު.--- ފޮޓޯ: މިހާރު

މަންޓާ އެއާގެ ސީ ޕްލޭން ޓާމިނަލްގެ ވީއައިޕީ ލައުންޖު.--- ފޮޓޯ: މިހާރު

ސީޕްލޭންގެ ހިދުމަތަށް މަންޓާ އެއާ އިން ވަނީ ފަސް ބޯޓެއް ގެނެސްފަ އެވެ. މި އަހަރު ނިމޭ އިރު 10 ސީ ޕްލޭން ގެނައުމަކީ މަންޓާގެ އަމާޒެވެ. ސީޕްލޭން ޓާމިނަލްގައި ވީއައިޕީ ލައުންޖެއްގެ އިތުރުން އާންމުކޮށް ހިދުމަތް ދިނުމަށް ހާއްސަ ލައުންޖެއް މިއަދު ވަނީ ހުޅުވައިފަ އެވެ.

މަންޓާ އެއާ އިން މިހާރު ދަތުރުތައް ކުރަނީ ދ. އާއި ބ. އަތޮޅަށެވެ. ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށް އެއާލައިނުން ބުނެ އެވެ.