Roadha Mihaaru

ސްކޫލް ގައިޑް: ފުރަތަމަ ވެސް އެނގެންވީ ކޮންމެ ކުއްޖެއް ވެސް ތަފާތުކަން

03 ޑިސެމްބަރ 2019

ކޮންމެ ސްކޫލެއްގައި އުޅުނަސް ދަރިވަރުންނަށް ދިމާވާނެ ބައެއް ދަތިތައް ހުންނާނެ އެވެ. ޓީޗަރުންނާ މެދު އުފެދޭ ޝަކުވާތައް ވެސް ހުންނާނެ އެވެ. އެހެންކަމުން އަބަދުވެސް ބެލެނިވެރިންނާއި ސްކޫލް މެނޭޖްމަންޓުން މަސައްކަތް ކުރަން ޖެހޭނީ ދިމާވާ ކަންކަމާއި ދިމާވެދާނެ ކަންކަމަށް ރަނގަޅު ހައްލެއް ހޯދައިދޭށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮންމެ ސްކޫލެއްގައި އުޅުނަސް ދަރިވަރުންނަށް ދިމާވާނެ ބައެއް ދަތިތައް ހުންނާނެ އެވެ. ޓީޗަރުންނާ މެދު އުފެދޭ ޝަކުވާތައް ވެސް ހުންނާނެ އެވެ. އެހެންކަމުން އަބަދުވެސް ބެލެނިވެރިންނާއި ސްކޫލް މެނޭޖްމަންޓުން މަސައްކަތް ކުރަން ޖެހޭނީ ދިމާވާ ކަންކަމާއި ދިމާވެދާނެ ކަންކަމަށް ރަނގަޅު ހައްލެއް ހޯދައިދޭށެވެ.

ތައުލީމީ އާ އަހަރެއް ފަށާ އިރު ބެލެނިވެރިންނަށް ވެސް އިރުޝާދުތަކެއް ލިބެން ޖެހެ އެވެ. ތައުލީމީ ދާއިރާއާ އެކި ގޮތްގޮތުން ގުޅިފައިވާ އެންމެންނަށް ވެސް، ތަޖުރިބާކާރުންގެ ވާހަކަތައް މުހިންމުވަނީ އެ ސަބަބާ ހެދި އެވެ. އެ މަގުސަދުގައި، "މިހާރުގެ ސްކޫލް ގައިޑް"ގެ ފަރާތުން، މިފަހަރު ބައްދަލުކުރީ ތައުލީމީ ދާއިރާގައި 30 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު (ނާޒް) އާ އެވެ. އޭނާ ވަނީ ވަރަށް ދިގުކޮށް، އޭނާގެ އެކި ތަޖުރިބާތައް ހިއްސާކުރައްވާފަ އެވެ.

ބެލެނިވެރިންނާއި ޓީޗަރުންގެ ގުޅުން

ނާޒް ދެކެވަޑައިގަންނަވާ ގޮތުގައި ޓީޗަރުންނާއި ބެލެނިވެރިންނާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަން ޖެހެ އެވެ. ސްކޫލުގައި ބާއްވާ ބެލެނިވެރިންގެ ބައްދަލުވުން ނޫނަސް އެ ގުޅުން ދަމަހައްޓައި ވަރުގަދަ ކުރެވޭނެ ގޮތްތައް މިހާރު އެބަ ހުއްޓެވެ. ޓެކްނޮލޮޖީއަކީ އޭގެ އެއް މިސާލެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަފާތު އެކި މިޒާޖުގެ ބެލެނިވެރިން ތިބޭއިރު، ރަނގަޅު ގުޅުން އޮންނަ ނަމަ ނުރުހުމުގެ ނަޒަރުން ދެކޭ ދެކުން ކުޑަވާނެ އެވެ. ވާހަކަދައްކައިގެން ކޮންމެ ކަމެއް ވެސް ހައްލުކުރެވޭނެ ކަމަށް، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ. ބައެއް ހާލަތްތަކުގައި، ސްކޫލުގެ ވެރިންނަށް އަޑުނީވޭ ހިސާބުތަކުގައި، އެ ވާހަކަތައް ދައްކާ ނަމަ މަސްލަހަތު ފުރުއަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒް ވިދާޅުވީ ޓީޗަރުންނާ ހިސާބުން ހައްލުނުވާ ކަންކަން ލީޑިން ޓީޗަރާ ހަމައަށް ގެންދެވޭނެ ކަމަށެވެ. އެވަރުން ވެސް ހައްލު ނުވެއްޖެ ނަމަ ޑެޕިއުޓީ ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލްގެ ސަމާލުކަމަށް ވެސް އެކަމެއް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މައްސަލަތަކަށް ހައްލު އަންނާނެ. ހައްލު ނުލިބޭ މައްސަލައެއް ނުހުންނާނެ ކަމަށް ދެކެނީ،" ނާޒް ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރޭޑް އެކެއްގެ ދަރިވަރުން

ދިރާސީ އާ އަހަރާ އެކު އެންމެ ތަފާތު އިހްސާސެއް ކުރެވޭނީ އަލަށް ގްރޭޑު އެކަކަށް ވަންނަ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށެވެ. ކިޔެވުމުގެ ފުރަތަމަ ދުވަހުން ފެށިގެން، ބެލެނިވެރިން ތައްޔާރުވާ މިންވަރަކުން ދަރިވަރުންގެ ފަރާތުން ބޮޑެތި އުއްމީދުތަކެއް ހުރެދާނެ ކަމަށް ނާޒް ވިދާޅުވި އެވެ. އެކަމަކު އޭގެ ބަދަލުގައި ސްކޫލަށް ކުއްޖާ ހޭނެވުމަށްޓަައި، ސްކޫލާ ގުޅިގެން ބެލިވެރިންނަށް މަސައްކަތްކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ކިޔެވުން ފަށާ ފުރަތަމަ ދުވަހު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވަ އެވެ. އޭގެ ސަބަބުން އެ ކުދިންނަށް ސްކޫލު ކޮންމެވެސް ވަރަކަށް ދަސްވެ އެވެ. އެކަމަކު އެއީ ނިމުމެއް ނޫނެވެ.

ބެލެނިވެރިންގެ ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ ތެރޭގައި، ނާޒް ވިދާޅުވީ، ސްކޫލަށް ބަރާބަރަށް ހާޒިރުވުމުގެ އިތުރުން ކްލާހަށް ބޭނުންވާ ތަކެތި ހަމައަށް ހިފައިގެން ދޭތޯ ކަށަވަރުކުރުން ހިމެނޭނެ ކަމަށެވެ. ސްކޫލަށް ގެންދަން ޖެހޭ ތަކެތި ނުގެންދިއުމުން ފިލާވަޅުތައް ހަދަން ދަތިވެ އެވެ. އެހެންވެ ދަރިވަރުންގެ ވެސް ޒިންމާ ހަނދާންކޮށްދީ، ބެލެނިވެރިން ވެސް އެންކަމާ އުޅުން މުހިންމު ކަމަށް ނާޒް ވިދާޅުވި އެވެ.

ކުރިއަށް ދެވޭނީ ކުއްޖާގެ ގާބިލްކަން ހުރި މިންވަރަކުން

ކިޔެވުމުގެ އެކި ދަރިވަރުންގެ ގާބިލްކަން ހުންނާނީ އެކި މިންވަރަށެވެ. އެކަން ކްލާސްރޫމަށް ބަލައިލިއަސް އެނގޭނެ ކަމަށް ނާޒް ވިދާޅުވި އެވެ. ބެލެނިވެރިންނަށް ވެސް ކުދިންގެ ގާބިލްކަން ވަޒަންކުރެވޭނެ އެވެ. އެކަމަކު ރަނގަޅު ނަތީޖާ ހޯދިދާނެ ކަމަށް ބަލައި، ބައެއް ބެލެނިވެރިން ދަރިވަރުންނަށް، އެކަށީގެންނުވާ ވަރަށް ޕްރެޝާކުރެ އެވެ.

"އެ ކުއްޖެއްގެ ހުރި ގާބިލްކަމުން އެ ކުއްޖަކު ކުރިއަށް ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތް. ބައެއް ފަހަރު ޕްރެޝާ ކުރޭ އެންމެ ރަނގަޅު ނަތީޖާ ހޯދަން. އެކަމަކު އެންމެ ރަނގަޅު ގޮތަކީ ކުއްޖާ ހުރި މިންވަރުން، އެންމެ މަތީ ފެންވަރަށް ގެނައުން،" ނާޒް ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސްކޫލުން ރަން ވަނަތައް ހޯދި ދަރިވަރުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުގައި ތިބޭ އިރު އެންމެ މޮޅު ނަތީޖާ ނުލިބޭ ދަރިވަރުން ވެސް ވަޒީފާތަކުގައި ކާމިޔާބު ހޯދައި، ކުރިއަރަ އެވެ.

އެއީ، ނާޒް ގަބޫލުކުރައްވާ ގޮތުގައި، އެންމެ މޮޅު ނަތީޖާ ނެލިބުނަސް މުޖުތަމައަށް ބޭނުންވާ ފުރިހަމަ ދަރިވަރުން ބިނާކުރެވުމެވެ. މުޖުތަމައު ބަލައިގަންނަ އަދި ރަނގަޅު އަޚުލާގާ އެކު މަސައްކަތް ކުރާ ކުއްޖަކީ ރަނގަޅު ދަރިވަރެކެވެ.

ވަކިވަކިން އަޅާލެވޭ ނަމަ ޓިއުޝަން ދޭން ޖެހޭ މިންވަރު މަދުވާނެ

ޓިއުޝަން ދިނުމާ މެދު ތައުލީމީ ދާއިރާގެ އެކި ބޭފުޅުންގެ ހިޔާލު ތަފާތެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުން ނާޒް ދެކެވަޑައިގަންނަވާ ގޮތުގައި، ކްލާހުގައި ދަރިވަރުންނަށް ވަކިވަކިން އަޅާލެވޭ ނަމަ ޓިއުޝަން ނަގާ މިންވަރު މަދުވެގެންދާނެ އެވެ. ކްލާހުގައި ކިޔަވައިދޭ ގަޑީގެ އިތުރުން ވެސް ޓީޗަރުން ދަރިވަރުންނަށް އިތުރަށް އެހީތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޓިއުޝަން ދިނުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ޓިއުޝަން ނުދޭ ނަމަ، ކިޔެވުމުގެ އެއް ބައި މަދުވާ ކަމަށް، ބައެއް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިހުސާސްކުރެވެ އެވެ.

ނާޒް ވިދާޅުވި ގޮތުގައި ބެލެނިވެރިން އެކަން ކުރަނީ އެންމެ މޮޅު ނަތީޖާ ނެރުމުގެ އުއްމީދުގައި ކަމަށް ވެދާނެ އެވެ.

އޯ ލެވެލް އިމްތިހާނަށް ތައްޔާރުވާން ފަށަން ޖެހެނީ، ނާޒް ވިދާޅުވި ގޮތުގައި، އިމްތިހާން ކައިރިވުމުންނެއް ނޫނެވެ. ތިން އަހަރުގެ މުގައްރަރު ދަސްކުރަން ޖެހޭނީ ދުރާލައިގެންނެވެ،. އޭރުން މާ ބޮޑު އުނދަގުލެއް ނެތި އިމްތިހާން ހަދާލެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އޯ ލެވެލް ދަރިވަރުންނަށް ނާޒުގެ ނަސޭހަތަކީ ދުވަހުން ދުވަހަށް ފިލާވަޅުތައް ފަރިތަކުރުމެވެ. ޓީޗަރުންނާ ގާތް ގުޅުމެއް ބާއްވައި ފިލާވަޅުތައް އޮޅުންފިލުވުމެވެ.

ދެން އޮންނާނީ، ނާޒް ވިދާޅުވި ގޮތުގައި، އިމްތިހާން ކައިރިވުމުން ފިލާވަޅުތައް ފަރިތަކޮށްލުމެވެ.

"އޭރުން ކާމިޔާބުވާނެ،" ނާޒް ވިދާޅުވި އެވެ.

ޓީޗަރުންނަށް ދޭ ނަސޭހަތް

ދަރިވަރުންގެ ފުރަތަމަ މަރުހަލާއަކީ ޓީޗަރުންނެވެ. ކްލާހުގައި ޓީޗަރުން ބަރާބަރަށް ފިލާވަޅު ނަގައިދިނުމާއި، ފޮތްތައް މާކްކުރުމާއި އެކި ދަރިވަރުންގެ ފެންވަރު ދެނެގަތުމަކީ ޓީޗަރުންގެ ޒިންމާއެކެވެ. އެހެންކަމުން ނާޒް ވިދާޅުވީ ޓީޗަރުން ބަރާބަރަށް ސްކޫލަށް ހާޒިރުވާން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން ދެނެގަންނަން ވެސް ޓީޗަރުންނަށް އެނގެން ޖެހޭނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.

އެކި ކުދިން ތަފާތުވާ މިންވަރާއި ސަބަބުތައް ނޭނގޭ ނަމަ ކިޔަވައިދޭން އުނދަގޫވެދާނެ އެވެ. އެހެންކަމުން ނާޒްގެ އެދިވަޑައިގަތުމަކީ، ކުއްޖާ ދެނެގަނެ، އެ ކުއްޖަކަށް ކިޔަވައިދިނުމެވެ. ޓީޗަރުންނަކީ ދަރިވަރުންގެ ހަޔާތުގައި މުހިއްމު ރޯލެއް އަދާކުރާ ބައެކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.