Roadha Mihaaru
ޖެހިޖެހިގެން ތިން ވަނަ މެޗުން ރެއާލް އެއްވަރުވެއްޖެ

ޖެހިޖެހިގެން ތިން ވަނަ މެޗުން ރެއާލް އެއްވަރުވެއްޖެ

28 ސެޕްޓެމްބަރ 2016

ޑޯޓްމަންޑް (ސެޕްޓެމްބަރު 28) - ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާ 2-2 އިން ރެއާލް މެޑްރިޑް އެއްވަރުވެ، ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ ކަމަށް ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޑޯޓްމަންޑް (ސެޕްޓެމްބަރު 28) - ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާ 2-2 އިން ރެއާލް މެޑްރިޑް އެއްވަރުވެ، ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ ކަމަށް ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަދި ލަސް ޕަލްމަސްއާ އެއްވަރުވެފައިވަނިކޮށް ރޭ ޑޯޓްމަންޑާ އެއްވަރުވީ ފަހު ވަގުތެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލަށް ލީޑު ނަގައިދީފައިވަނިކޮށް ޑޯޓްމަންޑުން އެއްވަރުކުރީ 43 ވަނަ މިނެޓުގައި ޕިއެރޭ-އެމެރިކް އޯބަމަޔަން ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފުގައި، 68 ވަނަ މިނެޓުގައި ރަފައެލް ވަރާން ރެއާލަށް އަލުން ލީޑު ނަގައިދީފައިވަނިކޮށް ޑޯޓްމަންޑުން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 87 ވަނަ މިނެޓުގައި އަންދްރޭ ޝޫލާ ޖެހި ލަނޑުންނެވެ.

"ޖެހިޖެހިގެން ތިން ވަނަ މެޗުން މި އެއްވަރުވީ. ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. މި ނަތީޖާ ގަބޫލުކުރަން އުނދަގޫ. އަހަރެމެންނަށް ހައްގު މިއަށް ވުރެ ރަނގަޅު ނަތީޖާއެއް. އެކަމަކު މިއީ ގޯސް ނަތީޖާއެއް ވެސް ނޫން،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބައިކޮޅަށް ގޯލެއް ވަނުމުން ވަރަށް ބޮޑަށް ހިތްދަތިވި ކަމަށާއި ހާއްސަކޮށް ކުޅުންތެރިން އެހާ ރަނގަޅަށް ކުޅެމުން އަންނަނިކޮށް އެހެންވުމުން އިތުރަށް މާޔޫސްވި ކަމަށް އޭނާ ބުންޏެވެ.

ގްރޫޕް އެފް ގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ރެއާލް އޮތްއިރު ދެ ވަނައިގައި އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ޑޯޓްމަންޑެވެ. ތިން ޕޮއިންޓާ އެކު ސްޕޯޓިން ލިޒްބަން ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި ޕޮއިންޓެއް ނުލިބި އޮތީ ލީގާ ވޯސޯ އެވެ. ރޭ ވޯސޯ އަތުން 2-0 އިން ސްޕޯޓިން ވަނީ މޮޅުވެފަ އެވެ.

ޗެމްޕިއަންސް ލީގުގައި ގްރޫޕް އީ ގައި ރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 އިން މޮޅުވެފަ އެވެ. މޮސްކޯގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ޖެހީ 71 ވަނަ މިނެޓުގައި ޖެހީ ސައުތު ކޮރެއާގެ ހެއުން މިން-ސޮން އެވެ. އަނެއް މޮނާކޯ އާއި ބެޔާ ލެވަކޫސަން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި މޮނާކޯ އޮތްއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް އެވެ. ލެވަކޫސަން އަށް ދެ ޕޮއިންޓް ލިބިފައިވާއިރު ސީއެސްކޭއޭ މޮސްކޯ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.