Roadha Mihaaru
އެޕަލް ކާޑަށް ޖިންސީ ގޮތުން ތަފާތުކުރުމުގެ ތުހުމަތު

އެޕަލް ކާޑުގައި ޖިންސީ ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެފި

14 ނޮވެމްބަރ 2019

"އެޕަލް ކާޑް" ބޭނުންކުރާ މީހުންނަށް ޚިދުމަތްދިނުމުގައި، އެޕަލް އަދި "ގޯލްޑްމަން ސޭކްސް" އިން ޖިންސީ ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފި އެވެ. އަދި މި ތުހުމަތު ބޮޑު ކަންތައްގަނޑަކަށް ހަދައި، ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި، ނިއު ޔޯކް ޑިޕާޓްމަންޓް އޮފް ފައިނޭންޝަލް ސާވިސަސް އިން ވަނީ ބަލަން ފަށައިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"އެޕަލް ކާޑް" ބޭނުންކުރާ މީހުންނަށް ޚިދުމަތްދިނުމުގައި، އެޕަލް އަދި "ގޯލްޑްމަން ސޭކްސް" އިން ޖިންސީ ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފި އެވެ. އަދި މި ތުހުމަތު ބޮޑު ކަންތައްގަނޑަކަށް ހަދައި، ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި، ނިއު ޔޯކް ޑިޕާޓްމަންޓް އޮފް ފައިނޭންޝަލް ސާވިސަސް އިން ވަނީ ބަލަން ފަށައިފަ އެވެ.

އެޕަލް އަކީ ފައިނޭޝަލް އަދި އިންވެސްޓްމަންޓް ބޭންކެއް ވެސް ނޫނެވެ. އެޕަލް އިން ކުރާ މަސައްކަތަކި އިލެކްޓްރޯނިކްސް ޑިވައިސްތައް އުފައްދައި ވިއްކުމެވެ. އެކަމަކު، އެޕަލް ކާޑަކީ ކްރެޑިޓް ކާޑެކެވެ. މި ކާޑު އުފައްދައި ހިންގައިދެނީ ގޯލްޑްމަން ސޭކްސް އިންނެވެ. މިއީ މާލީ އިންވެސްޓްމަންޓް ބޭނުންކެކެވެ. މިއީ ފައިސައާ ގުޅުން ހުރިހާ މުއާމަލާތަކުން ނަފާހޯދާ ބޭންކެވެ.

އެޕަލް ކާޑް އާންމުކޮށް ބޭނުންކުރެވެނީ "އެޕަލް ޕޭ" މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރުމަށެވެ. އަދި މިއީ މިހާރު ފުޅާކުރަމުން އަންނަ ޚިދުމަތެކެވެ. ވިޔަފާރިކުރުމުގައި ނަގުދު ފައިސާ ގެންގުޅެން ބޭނުންނުވާ މީހުން ވެސް ފަނީ މި ޚިދުމަތް ބަލައިގަންނަން ފަށާފަ އެވެ.

އެޕަލް ކާޑުން ޚިދުމަތް ހޯދުމުގައި ޖިންސް ފަރަގުކުރާ ކަމަށް ބުނަނީ، މި ކާޑު ބޭނުންކުރާ އަންހެނުންނަށް ދަރަންޏަށް ދޭ އަދަދަށް ވުރެ ފިރިހެނުންނަށް ދޭ އަދަދު އިތުރުކަން، އެތައް ބަޔަކު ތަޖުރިބާކުރެވިފައި ވާތީ އެވެ.

ޖިންސް ފަރަގުކުރުމާ ގުޅޭ ގޮތުން އެޕަލް ބުނަނީ މިއީ އެ މީހުން ދެނެތިބި ކަމެއް ނޫން ކަމަށެވެ. އަދި ޖިންސީ ތަފާތުކުރުން އަދި ނަސްލު ތަފާތުކުރުމަކީ އެޕަލް އިން ސަޕޯޓްކުރާ ކަމެއް ނޫން ކަމަށެވެ. އެޕަލް ކާޑަކީ އިންވެސްޓްމަންޓް ބޭންކަކާ ގުޅިގެން ހިނގާ ވިޔަފާރިއަކަށް ވާތީ، މިއީ މުހިންމު ކަމެއް ގޮތުގައި ބަލަމުންދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ގޯލްޑްމަން ސޭކްސް އިން ބުނާ ގޮތުގައި، އެ މީހުން ވިޔަފާރިކުރަނީ ޖިންސަށް ބަލައިގެނެއް ނޫނެވެ. އެހެން ނަމަވެސް، "ކްރެޑިޓް ލިމިޓް" ދޫކުރުމުގައި، ވިޔަފާރީގައި އެ މީހަކު ހަރަކާތްތެރިވާ ގޮތް ބަލަ އެވެ. ހޭދަކުރާ މިންވަރު އަދި އެކައުންޓަށް ވަންނަ ވަރު ބަލަ އެވެ. އެ މީހަކީ ހޭދަކުރާ އަދަދު އަނބުރާ ދެެއްކޭ ފެންވަރުގެ މީހެއްތޯ ވެސް ބަލަ އެވެ. އަދި އެއް އާއިލާއެއްގެ ދެ މީހަކަށް "ކްރެިޑްޓް"އަށް ދޫކުރުމުގައި ވެސް ބަލަ އެވެ. އެޕަލް ކާޑް އަކީ ޖިންސް ފަރަގުކުރާ ޚިދުމަތެއް ކަމަށް ބުނެވޭއިރު، މި ހާލަތު (ހޭދަކުރެވޭ އަދަދު ފިރިހެނުންނަށް ވުރެ އަންހެނުންނަށް މަދުވުން) މުޅިންހެން ދިމާވެ، ރިޕޯޓްކޮށްފައި ވަނީ ދެމަފިރިންނަށެވެ.