Roadha Mihaaru
"ސުޕްރީމް ކޯޓުގެ އެސްޖީއަށް އިންޒާރެއް ނުދެން"

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް އިންޒާރެއް ނުދެން: އުއްތަމަ ފަނޑިޔާރު

06 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވާފައި ނުވާނެ ކަމަށާއި އެކަން ސުލޫކީ މައްސަލައަކަށް ވާނެ ގޮތެއް ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވާފައި ނުވާނެ ކަމަށާއި އެކަން ސުލޫކީ މައްސަލައަކަށް ވާނެ ގޮތެއް ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒްގެ ޒިންމާ އަށް އުއްތަމަ ފަނޑިޔާރު ހުރަސް އަޅުއްވައި، އޭނާ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ދެއްވި ކަމަށް ބުނެ އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައިވަނީ ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އެއްވެސް ކަމެއް ގާނޫނުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ ހަވާލު ކޮށްފައި ނުވާ ކަމަށާއި ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އެމަނިކުފާނު ކަމަށެވެ. އެކަމަކު ގާނޫނުގެ އެ އުސޫލާ ޚިލާފަށް ޑީޖޭއޭއިން އަންގާ އެންގުންތަކާ ގުޅިގެން ޑރ. ފާއިޒް އެމަނިކުފާނުގެ ހުއްދައެއް ނެތި ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި، ކޯޓުގެ އިސް ފަރާތަކީ އޭނާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭގެ ސަބަބުން ކޯޓުގެ އެތެރޭގެ މަސްލަހަތު ގެއްލެމުންދާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެމަނިކުފާނުގެ މަސްއޫލިއްޔަތަށް ހުރަސް އެޅެމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމާ ގުޅިގެން ޑރ. ފާއިޒަށް ނަސޭހަތްތެރިވެ ވަޑައިގެންފައިވާނެ ކަމަށާއި އަދި އެފަދަ އަމަލެއް ތަކުރާރު ކުރާ ނަމަ، އެހެން މުވައްޒަފުންނެކޭ އެއްގޮތަށް އޭނާއާ މެދު ވެސް ފިޔަވަޅު އެޅިދާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު އެއީ އޭނާ އަށް އިންޒާރު ދިނުން ކަމަށް ނުބެލެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެފަދަ އެންގުމެއް އެންގުމަކީ އަޅުގަނޑު އޭނާ އަށް އިންޒާރު ދިނުން ކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމާއި އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ވެސް ނޯންނާނެ އެވެ. ނަމަވެސް އެއީ އަޅުގަނޑުގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުން ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު އިލްތިމާސް ކުރައްވާފައިވަނީ ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން ވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމަށެވެ.

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް އިންޒާރު ދެއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަމުންދާއިރު، އެމަނިކުފާނުގެ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ކުރިން އޮތީ ބަލަން ނިންމައިފަ އެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނު ބަޔާނެއް ނެރެއްވުމުން އެ މައްސަލަ ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.